ޚަބަރު

މަރޮށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

ރިފާ ހަލީލު

ށ. ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮށި ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އިފުތިތާހު ކޮށްފި އެވެ.

މަރޮށި ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ބައި އިލެކްޝަނުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑައިގަތުމަށް އެމަނިކުފާނު މިވަގުތު އަންނަނީ އެ ދާއިރާގެ އެކި ރަށްތަކަށް ދަތުރުފުޅުކުރައްވަމުންނެވެ.

މަރޮށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިއްޔެ އިފުތިތާހު ކޮށްދެއްވި ނަމަވެސް އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއީ 420 ދުވަސް ތެރޭގައި ނިންމުމަށް 43.3 މިލިއަން ރުފިޔާއަށެވެ.

މަރޮށި ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުގެ ދަށުން މަރޮށި ބަނދަރާއި ނެރު ފުންކުރުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ބޮޑު ހިލަ ޖަހައިގެން 131 މީޓަރުގެ ބޭރު ތޮށިލުން ހިމެނެ އެވެ. އޭގެ އިތުރުން 416 މީޓަރުގެ އެއްގަމު ތޮށިލުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުން އަދި 20 މަގުބައްތި ހަރުކުރުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރޮށި ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެންބަރު އަވަހާރަވުމުންނެވެ. އެއާއެކު ތިން ޕާޓީއަކުން އެ ދާއިރާއަށް ވާދަ ކުރަން ނިންމައި އަންނަނީ ކެމްޕެއިން ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އެ ދާއިރާއަށް ހޮވުމަށް އަންނަނީ ކެމްޕެއިން ކުރަމުންނެވެ.