ބޮލީވުޑް ތަރިން ސައިފް އަލީ ހާން އަދި ކަރީނާ ކަޕޫރު ހާނުގެ ދޮށީ ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާން އަށް ލިބެމުންދާ މީޑިއާގެ ސަމާލުކަމާ އެއްވަރަށް ފާޑުކިޔުންތައްވެސް އަންނަނީ އަމާޒުވަމުންނެވެ.

ސައިފް އަދި ކަރީނާގެ ދަރިފުޅަށް ތައިމޫރުގެ ނަން ދިން ހިސާބުން ފެށިގެން ފާޑުކިޔުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ދަރިފުޅަށް ދިން ނަމާ ގުޅުވައިގެން މައްސަލަގަނޑު ބޮޑުވެ މީގެ ކުރިން ދިން އިންޓަވިއުއެއްގައިވެސް ސައިފް ބުނެފައިވަނީ ތައިމޫރު ކިޔާ ރަސްކަލަކު ކުރިން ތުރުކީގައި ވެރިކަން ކުރިކަން ދެނަހުރި ކަމަށާއި ނަމަވެސް ދަރިފުޅަށް އެ ނަން ދިނީ އެސަބަބާ ގުޅުވައިގެން ނޫންކަމަށެވެ. އަދި އެއީ ގަދީމީ ފާރިސީ ނަމެއް ކަމަށާއި އެ ނަމަކީ އެކުގައި ބޮޑުވި ތިމާގެ ކުއްޖަކަށްވެސް ކިޔާ ނަމަކަށް ވެފައި ސައިފް އަދި ކަރީނާއަށްވެސް އެނަން ރީތިވެގެން ކީ ނަމެއް ކަމުގައި ވަނީ ބުނެފައެވެ. ސައިފް ގެ ދޮށީ އަންހެން ދަރިފުޅު ސާރާއަށް ވެސް ނަން ދީފައިވާނީ އޭނާ ވަރަށް ލޯބިވާ ތިމާގެ ކުއްޖަކަށް އެ ނަން ކިޔާތީ ކަމަށް ސައިފް ވަނީ އެ އިންޓަވިއުގައި ބުނެފައެވެ.

އެންމެފަހުން މިވަނީ މުސްލިމް ނަމެއް ކިޔާ ތައިމޫރު ކުޅޭ ކުޅޭ ބަޑިއެއް ގެންގުޅޭ ފޮޓޯއެއް އާއްމުވުމުންވެސް ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. އުމުރުން އެންމެ ފަސް އަހަރުގެ ތައިމޫރު ބަޑިއެއް ގެންގުޅެގެން އެކުއްޖާއަކީ ކުޑަކުޑަ ޖިހާދީއެއް ކަމަށާއި ޓެރަރިސްޓެއް ކަމަށް ބުނެ މީހުން ވަނީ ކޮމެންޓުކުރަން ފަށާފައެވެ.

މުސްލިމު ނަމެއް ކިޔުމުން ޓެރަރިސްޓަކަށް ހަދައި ކުޅޭ ކުޅޭ ބަޑިއެއް ގެންގުޅެގެން ޓެރަރިސްޓަކަށް ހެދުމުގެ ވިސްނުމަކީ ކޮށި ވިސްނުމެއްް ކަމަށް ބުނެ ތައިމޫރާ އެއްކޮޅަށް ވެސް ގިނަ ބަޔަކު ވަނީ ކޮމެންޓު ކޮށްފަ އެވެ.