އޮނަތިރީސް ވަނަ ބައި
ޝައުފާގެ ހިތްވަރާއި ކެތްތެރިކަމަށް ސާބަސް ދޭން ނުވަތަ ތައުރީފުގެ ބަހެއް ބުނަން ލަފްޒުތަކެއް އަތުރަންވީ ކޮން ދިމާލަކުން ފަށައިގެން ކިހިނެއް ކަމެއް ޝާމިނަކަށް ނޭނގުނެވެ. އޭނާ ނެތިސް އެހާ ބޮޑު ބުރައެއް އެއްވެސް މާޔޫސްކަމެއް ވަރުބަލިކަމެއް ނެތި ނުހަނު އިހުލާސްތެރިކަމާއި ލޮބުވެތިކަމާ އެކު އުފުލުމުގެ ހިތްވަރު ޝައުފާ އެކުރީ ހަގީގަތުގައިވެސް ހިތުގެ އެންމެ ފުނުން ތޯހިރު ލޯތްބެއް އޭނާދެކެ ވާތީކަން ޔަގީނެވެ.
މިއަދު ޔުއާނާއާ އެކު ދިރިއުޅުމެއް ފަށައިގެން މިހިސާބަށް ނާދެވުނީތީ އޭނާ ހާސްފަށުން ޝުކުރުވެރިވެއެވެ. ކަލާނގެ އޭނާއަށް ދެއްކެވި މަގު ކިތަންމެހާވެސް ރަނގަޅެވެ. އެއީ ހެޔޮފާލެއްކަން ޔަގީނެވެ. ޔުއާނާއާއެކު ހަޔާތުގެ ނައު ދިރިއުޅުމުގެ ހަލަބޮލި ފުންމިން ނޭނގޭ ކަޅުކަނޑަށް ނެރެވުނުނަމަ އެއްވެސް ބިރެއް ނެތި ސަމުގާއެއްގެ އެހީއެއް ނެތަސް ޔަގީންކަމާއި އިތުބާރުގެ ދުވެއްޔަށް ދޫކޮށްލާފައި އޭނާއަށް ނުހުރެވުނީސްކަން ގައިމެވެ.
އެހެނީ މިގޮތަށް ޝައުފާ ވަފާތެރިވެ ތެދުވެރިވެ އަމާނާތްތެރިއަކަށްވިހިނދު..... ޔުއާނާގެ ހަގީގަތް އޮތީ އެއާ ހާސްބައި އިދިކޮޅަށެވެ. ޔުއާނާ މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ އޭނާއާ އެކު ގުޅުން ބަދަހިކުރުމުން އޭނާއަށް އެނގުނީ އޭނާއަށް ލޯބިވެވުނީ ނުވަތަ ހަމައެކަނި ފެނުނު ސިފައަކާކަމެވެ. ބޭރުފުށުން ފެންނަން ހުރި ޔުއާނާގެ ސިފަ ފިޔަވައި އޭނާ ބޭނުންވާ އެއްވެސް ކަމެއް ޔުއާނާގެ ކިބައިގައި ނެތެވެ. ކައިވެންޏަށްފަހު ޔުއާނާ، އޭނާއާ ގުޅުން ކަނޑާލިނަމަ އޭނާ އެޔުއާނާއަށްޓަކައި ފަހުރުވެރިވީހެވެ. އަދި ތިމާއަށް ބައިވެރިއެއްގެ ގޮތުގައި ހިޔާރުކުރެވުނީ ހަމަ އެންމެ ރަނގަޅު އަންހެންކުއްޖާ ކަމުގެ ފަހުރު އަމިއްލަ ނަފުސަށް ވީހެވެ.
އެހެންނަމަވެސް އެގޮތަށް ޔުއާނާ ކަންތައް ކުރުމުން އޭނާއަށް އެނގުނީ އޭނާއަށް ހިޔާރުކުރެވުނީ އަދި މުޅީން ރަނގަޅު އަންހެނާ ނޫންކަމެވެ. ޔުއާނާއާ މުޅީން ގުޅުން ކަނޑާލުމަށް އޭނާ ނިންމީ އެގޮތަށް އެކަންތައް ދިމާވުމުންނެވެ. ހިތްދަތިވެ ޔުއާނާއަށް އޭނާ އާދޭސްކުރި ކަމަކީ ތެދެއްމެއެވެ. އެދުވަހު ޔުއާނާ ބުނި ބަސްތަކުގެ މާނަަ މިއަދު އޭނާއަށް ފަހުމްކުރެވިއްޖެއެވެ. ތެދެކެވެ. ޔުއާނާ ބުނީ ވަރަށްވެސް ބޮޑު އެހާމެ ސައްހަ ތެދެކެވެ.
"އަހަރެމެން ފަނަރަ ސޯޅަ އަހަރުގައި ކޮންމެވެސް ކުއްޖަކަށް ހިތް ކިޔާނެ... އެކުއްޖާގެ ގައިގައި އަހަރެމެން ގަޔާވާ ރުހޭ ސިފަތަކެއް ހުރުމުން ލޯތްބޭ ކިޔާ އެކުއްޖަކާ ގުޅުން ބަދަހި ކުރާނެ....
އަށާރަ ނަވާރަ އަހަރުގައި އަހަރެމެން އަންހެންކުދިން ފިރިހެން ކުދިންނަށް އަދި ފިރިހެންކުދިން އަންހެން ކުދިންނަށް ދަމާ ބާރެއް ހެން ދެމެމުންދާނެ..... އެކަމަކު
އަހަރުތައް ވޭތުވެ ތައުލީމީ ހަޔާތްކުރިއަށް ގޮސް، ނުވަތަ ނިމި، ވަޒީފާ އާއި ދިރިއުޅުމުގެ އަސްލު މަގަށް ނުކުމެ އަހަރެމެން ބޮޑުވެ ހަރުފުރައަށް ގޮސް ވިސްނާލެވެނީ އަދި ދެން އެނގެނީ އެއްކަލަ ސްކޫލްގައި ކުލާހުގައި އަހަރެމެން ގަޔާވީ އަދި ލޯބި ކަމަށް ހީކޮށް މޮޔަވުމަކީ ހަމައެކަނި އިދިކޮޅު ޖިންސާމެދު ވެވުނު ޝައުގެއްކަން.... އެއީ އެއްވެސް ހާލެއްގައި ލޯތްބެއް ނޫންކަން....
ޝާމިން... މީހުން ބަދަލުވޭ.... އަހަރެން ބަދަލުވެއްޖެ.... ދުނިޔެވެސް ބަދަލުވެއްޖެއެއްނު.... އަހަރެމެން އެކަކު އަނެކަކާއެކު ވަގުތުތަކެއް ހޭދަކޮށް އުޅުނުކަން ގައިމު.... އެކަމަކު އެއީ ހަމައެކަނި ސްކޫލެއްގައި އުޅުނު ފުރާވަރުގެ ހަމަ ނުވިސްނޭ މޮޔަ ދެކުއްޖެއްގެ ބަތްކައްކާ ކުޅިވަރެއް...."
އޭގެ ފަހުން ޔުއާނާ، އޭނާއާ ބައްދަލުވުމަށް އެދި އާދޭސް ކުރުމުން އޭނާ، ޔުއާނާއާ ބައްދަލުކުރީ އެހުރިހާ ވާހަަކައެއް ހަނދާން ނެތުނީތީއެއް ނޫނެވެ. އޭރުވެސް އޭނާގެ ހިތުގައި ޔުއާނާއާމެދު ހާއްސަ ކަނެއް ދެވިފައި އޮތުމުން ޔުއާނާ ދެރަވެ ރޯއަޑު އަހަން ކެތްނުވީމައެވެ.
އެކަމަކު އޭރު އެޔުއާނާއަކީ އެހެން މީހެއްގެ އަނތްބެކެވެ. ކޮންމެ ރެއަކު ގެއަށް އައިސް ނިދަން އޮށޯވެ އޭނާ އެކަމާ ހިތާމަކުރާ ހިސާބަށް ޔުއާނާ އެގުޅުން ގެންދިޔައެވެ. މީހެއްގެ ހައްގަކަށް އަރައިގްނެވޭކަމުގެ އިހުސާސް އޭނާ ޖެހިލުންކުރުވަމުން ގެންދިޔައެވެ. އެންމެ ފަހުން އޭނާ، ޔުއާނާއާ ފޯނުން އަދި ސޯޝަލް މީޑިޔާއިންވެސް ބައްދަލުވުން ހުއްޓާލީއެވެ. އަދި މާލޭގައި ހުރެމެ ރާއްޖެއިން ބޭރުގައި ކަމަށް ބުނެ ޔުއާނާއާ ދުރަށް ޖެހެން ފެށީއެވެ.
އެހެން ކަންތައް ކުރަން ޖެހުނީ އެތައް ގޮތަކުން ޔުއާނާ އަކީ އޭނާ އުއްމީދުކުރަމުން ދިޔަ އޭނާގެ ލޯބިވެރިޔާ ނޫންކަން ޔަގީންވާ ކަންތައްތައް ދިމާވުމުންނެވެ. ޔުއާނާ، އޭނާއާ ގުޅުން ކަނޑާލާކަށްވެސް ބޭނުމެއް ނޫނެވެ. އަދި ވަރިވެގެން އޭނާއާ އެކު ދިރިއުޅުމެއް ފަށާކަށްވެސް ގަސްދެއް ނުކުރެއެވެ. އެތައް ފަަހަރެއްގެ މަތިން އޭނާ ޔުއާނާއަށް ވިސްނައިދެވޭތޯ ބެއްޔެވެ. އަދި އެމީހުން ކުރަމުން އެގެންދާ ކަމަކީ ކަނޑައެޅިގެން ފާފައެއްކަމާއި އޭގެ ނަތީޖާ ރަނގަޅުނުވާނެކަމަށް ބުނެދިނެވެ. އެހެންނަމަވެސް ޔުއާނާ އެއިން އެއްވެސް ވާހަކައަކަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ.
ޝާމިން އަށް އެންމެ ފަހުން ވިސްނުނު އެންމެ ރަނގަޅު ގޮތަކަށް ވީ ޔުއާނާއާ ދުރަށް ޖެހެން ފެށުމެވެ. އޭރު އޭނާގެ ހާލަތު އެހެން ގޮތަކަށްވެސް ދިޔައީ ގޯސްވަމުންނެވެ. މަސްތުވާތަކެއްޗާ އަނެއްކާވެސް މަޑުމަޑުން ގާތްވަމުން ގޮސް އޭނާ ހުރީ އެކަމަށް ގޮސް ހުސްވެފައެވެ. ޔުއާނާގެ ހައްދެއްނެތް ބޭވަފާތެރިކަމާއި އެއްވެސް އިހުތިރާމެއް ނެތް ގުޅުމެއް އޭނާއާ ދެމެދު ޔުއާނާ ބާއްވަން ފެށުމުން އަނެއްކާވެސް ހަލާކުގެ މަގަށް ވެއްޓި ޝާމިން މަސްތުވާތަކެތީގެ އަޅަކަށްވެ ނިމުނީއެވެ.
އެއުދަނގޫ ދަތި ދުވަސްތަކުގައި އެއްދުވަހެއްގެ ހޫނު މެންދުރެއްގައި، މަގެއްގެ މަތިން އޭނާއަށް އަލިވޮށެއްފަދަ، އީމާނުގެ ހުޅުކޮޅެއްފަދަ، ތައުބާގެ ވިދުވަރެއް ހެން ޝައުފާއާ ބައްދަލުވީއެވެ. ޝާމިންގެ އެކަނިވެރި ވީރާނާ ހަޔާތަށް އެވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ހުރީ ރަނގަޅު ހެޔޮއެދޭ އޯގާތެރި ރަހުމަތްތެރިއެކެވެ. ޝައުފާ ވީ އޭނާއަށްޓަކައި ވަރަށްވެސް ހެޔޮފާލަކަށެވެ. ނަސީބު އޭނާގެ ހަޔާތަށް އުޖާލާކަމާއި ފާގަތިކަމުގެ ހުރިހާ އަލިކަމެއް ގެނެސްދިނީ އެއާދައިގެ އަންހެންމީހާއެވެ.
އާއެކެވެ. ޔުއާނާއާ އަޅާ ބަލާއިރު ޝައުފާއަކީ ހަމަ ވަރަށް އާދައިގެ ރަށްފުށުގެ ސާދާ އަންހެނެކެވެ. އެކަމަކު ހަގީގަތަކީ ޝައުފާގެ ސިކުނޑީގައި ޔުއާނާގެ ސިކުނޑީގައި ނެތް ވަރަށް ހަރުދަނާ ވިސްނޭ ބުއްދިއެއްވާކަމެވެ. އަދި ޔުއާނާގެ މޭގައި ނެތްވަރުގެ ރީތި ނަލަ ހިތެއް ޝައުފާގެ މޭގައި ވާކަމަކީވެސް ހަގީގަތެކެވެ.
ޝާމިންގެ އަތުގައި ހިފައިގެން ދުނިޔޭގެ ހަގީގީ ކުލަތަކުގެ ތެރެއަށް ޝައުފާ ނުކުތީ، އަނދިރި ވަޅެއްގެ ތެރޭގައި މަރަށް ތައްޔާރުވެފަައި ހުރި މާޔޫސް މައްޔިތެއްހެން ޝާމިން ގެއްލިފައި ހުއްޓައެވެ. ހަމައެހެންމެ ޝައުފާއަށްޓަކައިވެސް ޝާމިން ވީ އެފަދަ ދެވަނަ އެހީތެރިޔާއަށެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ބޭނުން އޮތީ ވަރަށް ބޮޑަށް ޖެހިފައެވެ. އެކަކުވީ އަނެކެއްގެ ހިޔަންޏަށެވެ. އަދި އެންމެ ފަހުން އެކަކު ވެނިމިގެން ދިޔައީ އަނެކެއްގެ ފޭރާމަށެވެ. ޒީނަތަށެވެ. އަބުރަށެވެ. އަދި އިއްޒަތާއި ލޯތްބަށްވެސްމެއެވެ.
ވީއިރު.... އަދު ދުނިޔެ ކޮންމެ އެއްޗެކޭ ކޮންމެ ޒާތަކަށް ކިޔަސް ޝާމިނަށް ޝައުފާވަރެއް ނޯންނާނެ ނޫން ހެއްޔެވެ. ފިރިހެނަކު އަންހެނެއްގެ ފަރާތުން ބޭނުންވާ ހުރިހާ ކަމެއް ޝައުފާގެ ކިބައިގައި އެބަހުއްޓެވެ. ތެދަށް ބުނަންޏާ އެއަށްވުރެ ގިނައިން ރަނގަޅު ހެޔޮ ކަންތައް ޝައުފާގެ ފުށުން ޝާމިނަށް ފެނެއެވެ. ވަފާތެރިކަމާއި ތެދުވެރިކަމާއި ކިޔަމަންތެރިކަމެވެ. މައުސޫމުކަމާއި ސާދާކަމާއި ނިޔަނެތިކަމެވެ. ލަދުވެތިކަމާއި އޯގާވެރިވުމާއި ފިރުމުންތަކުގެ އެންމެ ފުރިހަމަލައްޒަތެވެ. އެއީ މީރުވަސްދުވާ ފުރިހަމަ ހަނދުވަރުގެ ތާޒާމަލެކެވެ. އަދި މިއަދު އެންމެ ފަހުން އެއީ ހަމައެކަނި އޭނާގެ އަނބިމީހާއެއް ނޫނެވެ. އަދި ކީއްހެއްޔެވެ. މިހާރު އެއީ އޭނާގެ ދެދަރީންގެ މަންމަވެސްމެއެވެ.
*****************************************************************************
"ކިތަންމެ ހިތްހަމަ ޖެހުނަސް ނުޖެހުނަސް މިހާރުދެން އިތުރަށް މީގަ ކުރެވޭނެ އެއްވެސް ކަމެއް ނެތް....."
އަދިވެސް ޝިޔާމާ އިނީ އެއްބަސް ވާން ބޭނުން ނުވެފައި ކަހަލައެވެ. ބޮޑު މަސަންދުގެ ދެފަރާތުގައި ތިބީ އާއިލާގެ ބަސްވިކޭ އެންމެ ނަގާ ކިޔާ ހަތަރު އަންހެނުންނެވެ. ޝަކީލާ އާއި ފަޒީލާއެވެ. ސައީދާ އާއި އަމީނާއެވެ.
މެދުގައި އެއިންނެވީ ކޮލިގަނޑުވަރު އާއިލާގައި މިވަގުތު ބަސްކިޔަން، އަމުރު ހިންގަން ކަންކަމުގައި ސިއްކަ ޖަހަން އިން އެންމެ އިސް، ރަށުގަ އާއި އަތޮޅުގެ ނަމުންނަމަ މަޝްހޫރު ދޮންދައިތަ، މުހައްމަދު ސައްތާރުސައީދުގެ އެއްބަނޑުއެއްބަފާ ދައްތަ، ދޮންދީދީއެވެ. ޝިޔާމާ އިށީނދެގެން އިނީ ދޮންދީދީގެ މަގަތުން އެންމެ ގާތުގައެވެ. މިވަގުތު ދުނިޔޭގައި ހެޔޮހާލުގައި މުހައްމަދު ސައްތާރު ސައީދުގެ އިން ހަމައެކަނި އަނބިމީހާއަކީ ޝިޔާމާކަމަށްވުމާއި މިވަގުތު އާއިލާ ތެރޭގައި އެންމެންގެ ކަންބޮޑުވުން ގުޅިފައިވާ މައްސަލައަކީ މިއާއިލާގެ މާމަކާފަ ދަރިއަކަސް، ޝިޔާމާގެ ދަރިފުޅުގެ މައްސަލަކަމުން، މިމަޖިލީހުގައި އެންމެ މުހިންމު މީހަކީ ޝިޔާމާއެވެ.
"އަހަރެމެންގެ އެއްވެސް ދަރިއަކު އެއްވެސް އިރެއްގައި އާއިލާއަކަށް ގޮން ޖަހާވަރުގެ އެއްވެސް ކަމެއް ނުކުރޭ.... ތާރީހުގައި ލިޔެވުނު ފުރަތަމަ ނަމަކަށް މުހައްމަދު ސައީދުގެ މިފުތުގެ ނަންވާނެ..... ޝިޔާމާއަކަށް ކުރިއަކުންވެސް އަހަރެންގެ ބަހެއް ނީވުނުވިއްޔަ...."
ދޮންދީދީގެ ކުރަކިކަމެއް ހުއްޓަސް ތޫނު އަޑު އެންމެންގެ ހިތްތަކަށް ފިނިކަމެއް ވެރިކުރުވިއެވެ. މުހައްމަދު ސައްތާރުސައީދުގެ ހެޔޮހަޔާތުގައިވެސް ދޮންދީދީގެ އަމުރާ ހިލާފަށް އެއްވެސް ކަމެއް ނުކޮށްވޭތޯ އަބަދުވެސް ބެއްލެވިއެވެ. ޝިޔާމާއާ ކައިވެނި ކުރެއްވިއިރުވެސް ދޮންދީދީގެ އާނބަހާއި ރުހުން އެކައިވެންޏަށް ހޯއްދެވުމަށް މުހައްމަދު ސައީދު ކުރެއްވި މަސައްކަތް ޝިޔާމާއަށް ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ. އަދި އަބަދުވެސް ދޮންދީދީއާ ބެހޭ ގޮތުން މުހައްމަދު ސައީދު ބުނުއްވާ އުޅުނު ބަސްތައް މިއަދުވެސް ހަދާންވެސް އެބަހުރިމެއެވެ.
"އަހަރެމެންގެ އާއިލާގެ އެންމެ އިސް މީހަކީ ދޮންދައިތަ..... ދޮންދައިތައާ ދެކޮޅަށް އެއްވެސް މީހަކު އެއްވެސް ކަމެއް ނުކުރާނެ.... އެހެންވާންވެސް ޖެހޭނެ... ދޮންދައިތަ އަހަރެމެންގެ އާއިލާގެ އެންމެނާ ދޭތެރޭގައިވެސް ހާއްސަ ސަމާލުކަމެއް ބަހައްޓާ.... ވަކިވަކިން އެންމެންގެ ކަންތައްވެސް ބައްލަވާނެ.... އަހަރެންގެ ހުރިހާ ދަރިންގެ ޒިންމާވެސް ހަމަ އަމިއްލަ ކަމެއްހެން ކުރައްވާނެ... ޅިޔަންބޭބެ ނިޔާވެ އިން ހަމައެންމެ ދަރިފުޅު ރީނދޫހުމުގައި ނިޔާވިފަހުން ދޮންދައިތަ އަމިއްލަ ދިރިއުޅުމަކީ އަހަރެމެންގެ ދިރިއުޅުން ކަމުގައި ހައްދަވާ ނިންމި ކަހަލަ.... އެގޮތުގައި ނިމިގެންދާންދެންވެސް އަހަރެމެންގެ ހިދުމަތުގައި އިންނެވުމަށް ދޮންދައިތަ ވަނީ ވައުދުވެލައްވައިފަ.... އަބުރާއި އިއްޒަތާއި ގަދަރަށްޓަކައި ފުރާނަ ދޭންވެސް ދޮންދައިތަ ފަސްޖެހިނުލައްވާނެ.... ކަމެއްގައި ލަދުވެތިވެ ބަދުނާމްވެލެއްވުމަކީ ދޮންދައިތަ ހިތްދަތިވެލައްވައި ދެރަވެލައްވާނެ ހަމައަކަނި ކަން.... އާއިލާގެ ނަމާއި ގަދަރާއި ޝާނާއި އިއްޒަތަކީ ދޮންދައިތަގެ އަމިއްލަ ކަރާމާތްކަހަލަ....."
އެއީ ހަމައެކަނި ބަސްތަކެއް ނޫނެވެ. ހަގީގަތްވެސްމެއެވެ.
އިސްކޮޅުން ދިގު، ދޮންޖަންބުކުލައިގެ، ހަރުކަށި ތޫނުފިލިމޫނެއްގެ ވެރި، ހަށިގަނޑުން ބިޔަ ދޮންދީދީއަކީ، އޭނާގެ ޅައުމުރުގައި ރާއްޖެއިން ބޭރަށް ތައުލީމު ހާސިލު ކުރަން ގޮސް މިސްރުން އެކަށީގެންވާ ވަރުގެ ތައުލީމެއް ހާސިލުކޮށްގެން ރަށަށް ދުރުވެ ގަނޑުވަރުގެ ހިންގުމާ ހަވާލުވެލެއްވިއިރު އެންމެ ވިހި އަހަރުގެ ޅަޒުވާން އަނތްބެއް ނަމަވެސް ހުވަފަތްވެ ލިބުނު ހަމަ އެންމެ ދަރިފުޅު ނިޔާވުމަށްފަހު އާއިލާގެ ހުރިހާ ޒިންމާއެއްހެން ކޮނޑުގައި އަޅުއްވައިގެން އިން އަދު ހަތްދިހަ އަހަރުންމަތީގެ އަބުއި މިޒާޖެއްގެ، ބަސްވިކޭ، ބަސްބުނެވޭ، އަމުރުކުރެވޭ، އަމުރުހިންގޭ، މީހުންގެ ކުރިމަތީގައި ގަދަރާއި އިއްޒަތާއި އަގު އުފުލިފައި އިން އަންހެނެކެވެ.
އާއިލާގެ އެންމެންވެސް ނުހަނު ލޯބިވާ މާމަ ދަރިފުޅަކީ ޝާމިން ކަމަށްވާއިރު، ދޮންދީދީގެ ވެސް ހިތުގެ ފިނިކަމަކީ އެއީކަން ގައިމެވެ. މުހައްމަދު ސައްތާރު ސައީދުގެ އެކި އަނބިންގެ އެކި ދަރިން ތިބި ނަމަވެސް ކުރީގައިވެސް ބަޔާންކުރެވިފައި ވާ ފަދައިން، މިހުރިހާ ކުދިންނަކީވެސް އެކަކު އަނެކަކާ ނުހަނު ގުޅުން ރަނގަޅު އެހާމެ ލޯބިވާ ކުދިންތަކެކެވެ. ދޮށްޓަށް އިން ޝަކީލާއަކީ ދޮންދީދީގެ ތަތްގަނޑުކަމަށްވެފައި މާދަމާވެސް ދޮންދީދީގެ މަގާމް ފުރަން ހަވާލުވެފައި އިން ކަމަނާއަކީ އެއީ ކަމަށްވާއިރު، ޝާމިން ސައްތާރުސައީދަކީ ފެށުނީއްސުރެވެސް ދޮންދީދީގެ ލޮލުގެ ކޮޔެވެ. ކުޑަކުޑައިރު ޝިޔާމާ އެދަރިފުޅު ގޮވައިގެން ރަށަށް އައިސް އުޅޭ އިރު ދޮންދީދީ ހުރިހާ ރަސްމުތަކާއި ބޮޑާކަމެއް ދޫކޮށްލައްވާފައި ޝާމިންއާއެކު ވަގުތު ހޭދަ ކުރައްވާ އުޅުއްވިއެވެ.
ފެށުނީއްސުރެވެސް ޝާމިން ރަށުގައި ނޫޅުނަސް، މިއާއިލާގެ ނަން ދިރުވައި އާލާކުރާނެ ދަރިއަކަށް ވާނެކަމާމެދު ދޮންދީދީ އެއްވެސް ޝައްކެއް ނުކުރައްވައެވެ. ކޮންމެ ތަނެއްގައި ހުއްޓަސް އާއިލާގެ ބޮޑެތި ނިންމުންތަކުގައި ޝާމިން ފާޑުކިޔުމަށް ދޮންދީދީ ރުހިލައްވައެވެ. ވަގުފުބިންތަކާއި ދަނޑުފަގުތަކުގެ އާމްދަނީ އާއި އާއިލާގެ ވާރުތަ މުދާތަކުގެ ވިޔަފާރި އެންމެ އެކަށީގެންވާ ގޮތަކަށް ކުރިއަށް ގެންދިއުމުގެ ކަންތައް ކުރުމަށް ޝާމިންއަށް އިތުބާރު ކުރައްވައެވެ.
ދޮންދީދީގެ ހަނގަށް، މުހައްމަދުސައްތާރަށްފަހު ދެން ހުންނެވި އަލިމަނިކުސައީދާއި އަލިމަނިކުގެ ދަރިންނާ އަމަލީ ގޮތުން މަސައްކަތްތައް ހަވާލުކުރެވިފައި އޮތަސް ޝާމިން ކޮންމެވެސް އެއްދުވަހަކުން އައިސް އަމިއްލަ ޒިންމާއާ ހަވާލުވުމަކީ ދޮންދީދީގެ އުއްމީދެކެވެ.
ކުރިންވެސް ޝިޔާމާ ގާތު އެތައްފަހަރެއްގެ މަތިން ޝާމިން ރަށަށް ގެނެސް ރަށުގައި ދޮންދީދީގެ ގާތުގައި ބެހެއްޓުމަށް އެދުމުން ޝިޔާމާއަށް އެކަމަށް ސަމާލުކަމެއް ދެވިފައެއް ނެތެވެ.
އެންމެ ފަހުން އަމިއްލަ އަތުން އަމިއްލަ ދަރިފުޅު ނަގާލެވިއްޖެ ކަމުގެ އިހުސާސް ވުމުން ދަތުރު ހަދައިގެން ޝަކީލާއާ އެކު ދޮންދީދިގެ ފައިތިލަ ދެކިލުމަށް އައުމަށް އެމަންމައަށް މަޖުބޫރުވީއެވެ. ހުދު އޭނާއަކީވެސް އަމިއްލަ އަބުރާއި އިއްޒަތާ މެދު ވިސްނާ ސަހަރޯވެރިއެކެވެ. އެހެންކަމުން ޝާމިން އެގޮތަށް ވީނުވީތަނެއް ނޭނގި ގެއްލުމަކީ އާއިލާގެ އެހެން އެންމެނަށްވުރެން ބޮޑަށް އޭނާއަށް ހާސްވާނެ ބޮޑު ކަމަކަށްވާނެ ނޫންހެއްޔެވެ. އިންތިހާއަށް ލޯބިވެގެން އޭނާ ކުރި ކައިވެންޏަކުން، އޭނާއަށް އަލަށް މަންމާއޭ ކިޔައި ގޮވާލި، އޭނާގެ އަލަތު ދަރިފުޅަކީ އެއީވިއްޔާއެވެ. އެދަރިފުޅަށްޓަކައި އެހެން އެންމެނަށްވުރެ އުއްމީދުތަކާއި ހުވަފެންތައް ގިނަވާނީ ހަމަގައިމުވެސް އޭނާގެ ނޫން ހެއްޔެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ