ޚަބަރު

ފްލެޓު އެއްބަސްވުމުގެ ދަށުން މުޅި ޅޮއްސަލަފުށީގެ ބަދަލުގައި ޓާޓާއަށް ދިނީ އެރަށު ބިމުން ބައެއް: މިނިސްޓްރީ

އިބްރާހިމް ޒަކީ

އޯޑިއޯން ބިމާއި ނާދީ ބިމުގައި ފްލެޓް އަޅަން ޓާޓާއަށް ދިނުމާބެހޭ އެއްބަސްވުމަށް ސެޓްލްމެންޓެއްގެ ދަށުން ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ސޮއިކޮށްފައިވާ އިރު، ބަދަލުގެ ގޮތުގައި ޅ.ޅޮއްސަލަފުށި ދޭން އެއްބަސް ނުވާ ކަމަށާއި އެއްބަސްވެފައިވާނީ އެ ރަށުގެ ބިމުން ބައެއް ދިނުމަށް ކަމަށްނެޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފްލެޓު އަޅައިގެން ވިއްކުމަށް އޯޑިއޯން ބިމާއި ނާދީ ބިން އިންޑިއާގެ ޓާޓާއަށް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 26 މެއި 2010 ގައެވެ. އެ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ޅ.ޅޮއްސަލަފުށި ދިނުން ހިމެނެއެވެ.

ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެ ދެން އައި ރައީސް ޔާމީންގެ ސަރުކާރުން އެ އެއްބަސްވުން ބާތިލު ކުރިއެވެ.

އެ މައްސަލައިގައި ޑިވެލޮޕާ، އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް (ޓާޓާ) ގެ ފަރާތުން ހަތެއް ޖޫން 2017 ގައި އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅިއެެވެ. އެކަމާ ގުޅިގެން ސަރުކާރުން ބާތިލުކުރި އެއްބަސްވުމަށް އަމަލުކުރުން ފަސް ކުރުމަށާއި، އޯޑިއޯން އާއި ނާދި ބިމުގައި އިމާރާތް ކުރުުމުގެ ހުއްދަ އެ ކުންފުންޏަށް ދިނުމަށް ޓްރައިބިއުނަލުން ސައުކާރުގެ މައްޗަށް އަމުރު ކުރިއެވެ.

މި މައްސަލައިގައި އެޕެކްސްއިން އާބިޓްރޭޝަންގައި އެދިފައިވަނީ ސަރުކާރުން ދީފައިވާ ނޯޓިސްތަކަކީ ގާނޫނާ ހިލާފު ބާތިލު އެންގުންތަކެއް ކަަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށް އެންގުމަށެވެ. އަދި އެފަދަ އަމުރެއް ނުނެރެދެވޭނެމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 200.46 މިލިއަން ޑޮލަރާއި އާބިޓްރޭޝަނަށް ހިނގާ ހަރަދުތައް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

ނަމަވެސް މި ސަރުކާރުން ޓާޓާއެކު މަޝްވަރާކޮށް، އެ މައްސަލަ އާބިޓްރޭޝަނުން ނަގަން އެއްބަސްވެ، އެ ދެ ބިމުގައި ފްލެޓް އަޅަން ކުރިން ވެފައިވާ އެއްބަސްވުމަށް ރުޖޫއަވެ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަހަރުގެ އެއްބަސްވުމުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ޅ.ޅޮއްސަލަފުށި ދިނުމުގެ ބަދަލުގައި އެރަށް ޓޫރިސްޓް ރިސޯޓަކަށް ބަދަލު ނުކޮށް ލަގްޒަރީ ވިލާ ތަރައްގީ ކުރުމަށް އެރަށުން ބިމެއް (މުޅި ރަށުގެ ބަދަލުގައި) އެ ކުންފުންޏަށް ދޫކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ލަގްޒަރީ ވިލާ އެޅުމަށް ދޫކުރާ 360،000 އަކަ ފޫޓޫގެ ބިމަށް އަކަ ފޫޓަކަށް 25 ޑޮލަރުގެ ރޭޓުން ޖުމުލަ ނުވަ މިލިއަން ޑޮލަރު އެޕެކްސް ރިއަލިޓީން ސަރުކާރަށް ދެއްކުމަށް އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.