މުނިފޫހިފިލުވުން

"އެންކާންޓޯ"ގެ ސައުންޑްޓްރެކް އަލްބަމް ބިލްބޯޑް 200 ގެ އެންމެ ކުރިން ޖާގަ ހޯދައިފި

މަޝްހޫރު ކާޓޫން ފިލްމު ''އެންކާންޓޯ''ގެ މަގުބޫލުކަމާ އެއްވަރަށް ފިލްމުގެ ލަވަތައް ވެސް އަންނަނީ ޗާޓުތައް ފަތަހަ ކުރަމުންނެވެ.

މި ފިލްމުގެ ސައުންޑްޓްރެކް އަލްބަމް ބިލްބޯޑް 200ގެ އެންމެ ކުރިން މިހާރު ވަނީ ޖާގަ ހޯދައިފައެވެ. މީގެ ކުރިން 6 ހަފުތާ ވަންދެން ޗާޓުގެ އެންމެ ކުރީގައި އެޑީލްގެ އަލްބަމް ''30'' އޮތުމަށްފަހު ''އެންކާންޓޯ'' މިވަނީ ޗާޓުގެ އެންމެ މައްޗަށް ދަތުރުކޮށްފައެވެ. މިއީ ދެ އަހަރަށްފަހު ބިލްބޯޑު ޗާޓުގެ އެންމެ ކުރިއަށް ސައުންޑްޓްރެކް އަލްބަމެއް އެރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޗާޓުގެ އެންމެ ކުރިން ޖާގަ ހޯދި ސައުންޑްޓްރެކް އަލްބަމަކީ 2019 ވަނަ އަހަރު ޑިޒްނީގެ ''ފްރޯޒަން2'' އަދި އޭގެ ކުރިން 2014 ވަނަ އަހަރުގެ ''ފްރޯޒަން' އެވެ.

''އެންކާންޓޯ'' އެންމެ ކުރިއަށް ޖެހިލާފައިވާއިރު މިދިޔަ ހަފުތާގައި މި އަލްބަމް އުޅުނީ ޗާޓުގެ ހަވަނައިގައެވެ. ވަކިން ލަވަތަކަށް ހާއްސަކޮށްފައިވާ ބިލްބޯޑް ހޮޓް 100 ގައި އެންކާންޓޯގެ ''ވީ ޑޯންޓް ޓޯކް އަބައުޓް ބްރޫނޯ'' ލަވަ ޗާޓުގެ 50 ވަނައިގައި އޮތުމަށްފަހު މިހާރު ވަނީ ފަސް ވަނައަށް އަރާފައެވެ.

މީސްމީޑިއާގައިވެސް ހާއްސަކޮށް ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މިލަވައިގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މީސްމީޑިއާގައި މި ލަވަ އެކުލެވޭ 150،000 ވީޑިއޯތައް އާއްމުކުރެވިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. ''އެންކާންޓޯ''ގެ އެހެނިހެން ލަވަތަކަށް ބަލާއިރު ''ސާފެސް ޕްރެޝާ'' އުޅެނީ ޗާޓުގެ 14 ވަނައިގައެވެ. އަދި ''ދަ ފެމިލީ މެޑްރިގަލް'' 62ވަނައިގައި ހިމެނޭއިރު ''ވަޓް އެލްސް ކެން އައި ޑޫ'' އުޅެނީ ޗާޓުގެ 67 ގައެވެ. މި ކާޓޫނު ފިލްމުގެ ''ވެއިޓިން ފޮ އަ މިރަކަލް'' އާއި ސްޕެނިޝް ބަހުން ކިޔާފައިވާ ލަވަ ''ދޮސްއޮރިގިޓަސް'' އުޅެނީ ޗާޓުގެ 82 ވަނަ އަދި 83 ވަނައިގައެވެ.

ފިލްމުގެ އެންމެ މަގުބޫލު ލަވަ އަކީ ''ވީ ޑޯންޓް ޓޯކް އަބައުޓް ބްރޫނޯ'' ކަމަށް ގިނަބަޔަކު ގަބޫލުކުރި ނަމަވެސް ކުރިއަށް އޮތް އެކެޑެމީ އެވޯޑުގެ ބެސްޓް އޮރިޖިނަލް ސޯންގް ކެޓެގަރީން ވާދަކުރުމަށް ފިލްމުން ހުށަހަޅާފައިވަނީ ''ދޮސްއޮރިގިޓަސް'' ލަވައެވެ. މި އަލްބަމަށް ލިބޭ މަގުބޫލުކަމާ އަޅައި ބަލާފައި މާޗް 27ވަނަ ދުވަހު ބާއްވާ އެވޯޑު ހަފުލާގައި އެ ކެޓެގަރީން ''އެންކާންޓޯ''ގެ މި ލަވަ ހޮވުމުގެ ފުރުސަތު އެބަ އޮތްކަމުގައި ހަބަރުތައް ބުނެއެވެ.