އިންޑިއާގެ މަގުބޫލު ކޮމެޑީ ތަރި އަދި ''ދަ ކަޕިލް ޝަރްމާ ޝޯ'' ގެނެސްދެމުން އަންނަ ކަޕިލް ޝަރްމާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން އުޅޭކަން އިއުލާނުކޮށްފިއެވެ.

މިކަން ޔަގީންކޮށް ފިލްމުގެ ޕްރޮޑިއުސަރު މަހާވީރު ޖެއިން ހުކުރު ދުވަހު ބުނެފައިވަނީ ލައިކާ ޕްރޮޑަކްޝަންސް އިން ކަޕިލް ޝަރްމާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން އުޅޭ ކަމަށާއި ފިލްމުގެ ނަމަކީ ''ފަންކާރް'' ކަމަށެވެ. މި ފިލްމު ޑައިރެކްޓުކުރަން ހަމަޖެހިފައިވަނީ ''ފުކްރޭ'' ޑައިރެކްޓުކުރި މްރިގްދީޕް ސިންގް ލަމްބާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިވަގުތު ''ފުކްރޭ''ގެ ތިން ވަނަ ފިލްމުގެ މަސައްކަތްތައް ކުރަމުން އަންނަ ޑައިރެކްޓަރު މްރިގްދީޕް ސިންގް ލަމްބާ ބުނެފައިވަނީ އިންޑިއާގެ ލޯބި ހޯދާފައިވާ ކަޕިލް ޝަރްމާގެ ހަޔާތުގެ ވާހަކަ ބެލުންތެރީންނާ ހަމައަށް ގެނެސްދިނުމަށް އޭނާ ކެތްމަދުވެފައިވާކަމަށެވެ.

ޕްރޮޑިއުސަރު މަހާވީރު އަދި ލައިކާ ޕްރޮޑަކްޝަންސް އިން ވަނީ އަކްޝޭ ކުމާރާ ގުޅިގެން އަކްޝޭގެ ކުރިއަށް އޮތް ފިލްމް ''ރާމް ސޭތޫ'' ގެ މަސައްކަތްތަކެއްވެސް ކޮށްފައެވެ. އަދި ސަންޖޭލީލާ ބަންސާލީގެ ހާއްސަ ފިލްމެއް ކަމަށްވާ ''މަން ބައިރަގީ''ގެ މަސައްކަތުގެ އިތުރުން ބަތަލާ ޖާންވީ ކަޕޫރު ކުޅެން ހަމަޖެހިފައިވާ އާނަންދު އެލް ރާއީ އުފައްދާ ''ގުޑް ލަކް ޖެރީ'' ގެ މަސައްކަތްތަކުގައިވެސް މި ޕްރޮޑަކްޝަންއިން ވަނީ ބައިވެރިވެފައެވެ. ''ގުޑް ލަކް ޖެރީ'' އަކީ މީގެ ކުރިން ލައިކާ ޕްރޮޑަކްޝަން އިން އުފައްދާފައިވާ ތަމަޅަ ބްލޮކްބަސްޓާ ފިލްމެއް އަސްލަކަށް ބަލައިގެން އުފައްދަން ހަމަޖެހިފައިވާ ފިލްމެކެވެ.

ލައިކާ ޕްރޮޑަކްޝަންގެ އުފެއްދުންތަކަށް ބަލާއިރު ރަޖްނީކާންތުގެ ''2.0'' އަދި ''ދަރްބާރް''ގެ އިތުރުން ކުރިއަށް ރިލީސްވާން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި އައިޝްވަރިޔާ ރާއީ ބަޗަންގެ ''ޕޮއްނިޔިން ސެލްވަން'' އަދި އާލިއާ ބަޓް ފެނިގެންދާ ''އާރްއާރްއާރް'' ހިމެނެއެވެ.

ކަޕިލް ޝަރްމާގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''ފަންކާރް'' އިއުލާނުކޮށްފައިވާއިރު ނެޓްފްލިކްސްގައި މިމަހުގެ 28ވަނަ ދުވަހު ކަޕިލްގެ ކޮމެޑީ ސްޕެޝަލް ''ކަޕިލް ޝަރްމާ: އައިއެމް ނޮޓް ޑަން ޔެޓް'' ޕްރިމިއާ ކުރުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.