މުނިފޫހިފިލުވުން

16 އަހަރަށްފަހު ޖޭސަން މޮމޯއާއާއި ލިސާ ބޮނެޓްގެ ގުޅުން ނިމުމަކަށް

ސޯޅަ އަހަރަށްފަހު ޖޭސަން މޮމޯއާ އާއި ލިސާ ބޮނެޓްގެ ގުޅުން ނިމުމަކަށް އައިސްފިއެވެ.

''ގޭމް އޮފް ތްރޯންސް'' އަދި ''އަކުއަމޭން''ގެ ތަރި ޖޭސަން މޮމޯއާ އޭނާގެ ހަޔާތުގެ ބައިވެރިޔާ ލިސާ ބޮނެޓްގެ ގުޅުން ނިމުމަކަށް ގެނެސްފައިވާކަން އިއުލާނުކޮށްފައިވާ އިރު އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2017 ވަނަ އަހަރުގައެވެ.

ވަރިވުމަށް ނިންމައި މި ދެތަރިން އެކުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެމީހުން ދުރުވާން ނިންމި ނިމިވެސް އެ ދެމީހުންގެ އެކުވެރިކަމަށް ނިމުމެއް ނާންނާނެ ކަމަށެވެ.

ޖޭސަން އަދި ލިސާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2005 ވަނަ އަހަރުގައެވެ. އަދި އެ ގުޅުމަށް ދެ ކުދިން ލިބިފައިވެއެވެ. ފުރަތަމަ ދަރިފުޅު ލޯލާ ލިބުނީ 2007 ވަނަ އަހަރެވެ. ނަކޮއާ-ވުލްފް ލިބުނީ 2008 ވަނަ އަހަރެވެ.

ޖޭސަން މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ލިސާއަށް އޭނާ ހިތް ކިޔާފައިވަނީ އުމުރުން އެންމެ އަށް އަހަރުގައި ކަމަށެވެ. އޭރު ލިސާ އަކީ މަގުބޫލު ޓީވީ ފަންނާނަކަށްވާ އިރު، ޓީވީން ފެނުމާއެކު ޖޭސަން އަށް ލިސާ ކަމުދާ ވާހަކަ އޭނާގެ މަންމަ ގާތު ބުނި ކަމަށް އޭނާ ބުންޏެވެ.

އަދި އޭގެ ފަހުން އުމުރުން 25 އަހަރުގައި ލިސާއާ ޖޭސަން ބައްދަލުވެފައިވަނީ 2005ވަނަ އަހަރު ޖޭޒް ކުލަބަކުންނެވެ. އުމުރުން 37 އަހަރުގެ ލިސާ އޭރު ހުރީ ވަރިވެގެންނެވެ.