ބ. އަތޮޅުގައި އިތުރަށް އެއްވެސް ރިސޯޓެއް ނުހެދުމަށާއި އިތުރަށް ރިސޯޓެއް ހަދާ ނަމަ އެކަމަށް ހުޅުވާލަން ޖެހޭނީ ކައުންސިލުގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް ކަނޑައަޅައި އެ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.
އެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ، ބ. އަތޮޅު ކައުންސިލުން އެ އަތޮޅުގައި މިހާރު ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތައް އަދި ފަޅުރަށްތަކުގެ ހާލަތު ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިން ވަރުވާއަށް ދޫކޮށްފައިވާ ބައެއް ރަށްރަށް ކުނި އަޅާ ފުރާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި ހުއްދަ ނުނަގައި ބައެއް ރިސޯޓުތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދާ ކަމަށާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބައެއް ރަށްރަށުގައި މަސައްކަތް ނުކުރާއިރު، ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ހުރިހާ ކަމަކަށް ބެލުމަށްފަހު އެ ކައުންސިލުން ފާސްކުރި ގަރާރުގައި ބުނީ، އެ އަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށާއި ރިސޯޓެއް ހަދާ ނަމަ ކައުންސިލްގެ ހުއްދަ ހޯދަންވާނެ ކަމަށެވެ. އަދި ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް ކައުންސިލުގެ މައްޗަށް ބަދަލުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަށް މޮނިޓާކުރުމުގެ ދައުރު ކައުންސިލަށް ހަވާލުކުރުމަށް ފާސްކޮށް، އެ އަތޮޅުގެ އިހުތިސޯސް ތެރެއަށް ނުވެދެ ހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކެއް ރަށްތައް ހިމެނޭހެން ބެލެހެއްޓުމުގެ ޒިންމާ ކައުންސިލާ ހަވާލުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އަދި ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާމެދު ފިޔަވަޅު އެޅުމަށާއި އެ އަތޮޅުގެ ބަޔޯސްފިއާ ރިޒާވް ކައުންސިލުގެ ދަށުން ހިންގާ ތަނެއްގައި ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ ގަރާރު ވަނީ ގޮވާލައިފައެވެ.
ގަރާރު ފާސްކޮށްފައިވަނީ ބ. އަތޮޅު ކައުންސިލުގައި ހިމެނޭ ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.
ޖުމުލަ 82 ރަށުގެ މައްޗަށް އެކުލެވޭ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނަ އިރު، މީހުން ދިރިނޫޅޭ 53 ރަށް އޮވެއެވެ. އަދި 16 ރިސޯޓް ހިންގާ އިރު، ރިސޯޓް ތަރައްގީކުރަން 17 ރަށެއް ދޫކޮށްފައިވެއެވެ. އަދި ދަނޑުވެރިކަމަށް ފަސް ރަށް، އެކުއަކަލްޗާއަށް އެއް ރަށް ދޫކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު