ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތެއް ނުފެންނަ މީހުންގެ ކަރަންޓީނުގެ މުއްދަތު ހަތް ދުވަހަށް ކުރު ކުރުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ކޮވިޑަށް ޕޮޒިޓްވާ މީހުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ، އެމީހަކު ކޮވިޑަށް ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ކަރަންޓީނުވާން ޖެހޭނީ ހަތް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އަދި އެ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހަކު އެކަހެރިކުރެވިފައިވާ މުއްދަތު ނިމޭނެ ކަމަށާއި ނަމަވެސް ބަލީގެ އަލާމާތެއް ހުރި ނަމަ، ކަރަންޓީނު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަސް ފުރިހަމަވުމާ އެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ހިދުމަތް ދޭ ތަންތަނާއި މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައް ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

އެޗްޕީއޭގެ އިއުލާނުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނުކުރާ މުއްދަތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ކޮވިޑުގެ ވެކްސިން ޑޯޒުތައް ފުރިހަމަ ކޮށްފައިވާ ކޮންޓެކްޓުން މިއަދުން ފެށިގެން ކަރަންޓީނު ވާން ޖެހޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހަށެވެ. ނަމަވެސް ކޮންޓެކްޓުވާ މީހަކު ކަރަންޓީނުވުމަށް އެޗްޕީއޭ އިން އަންގާ ތާރީހުން ފެށިގެން ފަސް ދުވަސް ފުރިހަމަވުމުން، ޕީސީއާރް ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިއުލާނުގައި އިތުރަށް ބުނީ، އެގޮތަށް އަމަލު ކުރެވޭނީ ކޮންޓެކްޓުންނާއި ޕޮޒިޓިވްވާ މީހުން ވަކިން ކަރަންޓިނުވެގެން ތިބޭ ނަމަ ކަމަށެވެ.

ވެކްސިން ފުރިހަމަ ނުކޮށް ހުރި މީހަކު ޕޮޒިޓިވްވެ، އޭނާއާ ކޮންޓެކްޓުވާ މީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާންޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ ސާމްޕަލް ނަގައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނެފައި ވަނީ ކަރަންޓީނު ކުރާ މުއްދަތަށް ބަދަލު ގެނައުމުން މިހާރު ކަރަންޓީނުގައި ތިބި މީހުން ބަދަލު ކުރި މުއްދަތުގައިވާ ގޮތުގެ މަތިން ކަރަންޓީނު ފުރިހަމަކޮށްފައިވާ ނަމަ އަދި ކަނޑައެޅިފައިވާ ގޮތުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާ ނަމަ ކަރަންޓީނު ނިމޭނެ ކަމަށެވެ.