ދުނިޔެ

ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރެއްގެ ހިތް އިންސާނަކަށް ލައްވައިފި

1

ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރެއްގެ ހިތް އިންސާނަކަށް ލައްވައި، ބަދަލުކޮށްފިއެވެ.

އުމުރުން 57 އަހަރުގެ ޑޭވިޑް ބެނެޓް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހެދި 7 ގަޑިއިރުގެ ދިގު ޓްރާންސްޕްލާންޓު އޮޕަރޭޝަނަށްފަހު ހާލަތު ރަނގަޅުވަމުން އަންނަކަމުގައި އޭނާގެ ޑޮކްޓަރުންގެ ޓީމުން ވަނީ މައުލޫމާތު ދީފައެވެ. މި ޓްރާންސްޕްލާންޓަކީ ބެނެޓްގެ ފުރާނަ ސަލާމަތްކުރުމަށް ހަމައެކަނި އޮތް ފުރުސަތު ކަމަށް ދެކިގެން ކުރި އޮޕަރޭޝަނެއް ކަމަށް ބެނެޓް ވަނީ މީގެ ކުރިން ބުނެފައެވެ.

ފުރާނައަށް ނުރައްކާވެފައިވާ ހިތުގެ ބައްޔެއް ތަހައްމަލުކުރަމުން އަންނަ ބެނެޓް އަށް މިފުރުސަތު ހޯދައިދީފައިވަނީ މެރީލޭންޑް މެޑިކަލް ސެންޓަރ ޔުނިވާސިޓީގެ ޑޮކްޓަރުންގެ ޓީމަކުންނެވެ. އެ ޔުނިވާސިޓީން ކޮށްފައިވާ ދިރާސާގެ އަލީގައި އެ އޮޕަރޭޝަން ކުރުމުގެ ފުރުސަތަކަށް އޭނާގެ ކިބައިން އެދިފައިވަނީ ފުރާނަ ސަލާމަތްކޮށްދިނުމުގެ އުއްމީދުގައެވެ.

ބެނެޓްގެ ހާލަތު ނާޒުކުކަމުން މި އޮޕަރޭޝަން ނުކުރާ ގޮތަށް ޑޮކްޓަރުންގެ ޓީމުން ފުރަތަމަ ވަނީ ނިންމާފައެވެ. މި ޓްރާންސްޕްލާންޓު ހެދުމަށް ބޭނުންކުރި އޫރަކީ އޭގެ ޖެނެޓިކަށް ބަދަލުގެނެވިފައިވާ އޫރެކެވެ. މި ޓީމުގައި ހަރަކާތްތެރިވި ސާޖަން ބާޓްލީ ގްރިފިތު ފާހަގަކުރިގޮތުގައި މި އޮޕަރޭޝަން ކާމިޔާބުކުރެވުމާއެކު ދުނިޔެއަށް ދިމާވެފައިވާ ގުނަވަން ބަދަލުކުރުމުގެ/ޓްރާންސްޕްލާންޓު ހެދުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމާ ގާތަށް އާދެވިފައިވާކަމަށް ވަނީ ބުނެފައެވެ.

ޓްރާންސްޕްލާންޓު ނުހެދި އެމެރިކާގައި ކޮންމެ ދުވަހަކު 17 މީހުން މަރުވާ ކަމަށާއި އެގައުމުގައި ޓްރާންސްޕްލާންޓަށް ނަން ނޯޓުކޮށްފައިވާ މީހުންގެ އަދަދު 100،000 އަށް ވުރެ މަތީގައި އުޅޭކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި އެމެރިކާގެ ނިއު ޔޯކުގައި މީހެއްގެ ކިޑްނީ ވަނީ އޫރުގެ ކިޑްނީއަކާ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ދުނިޔޭގައި ފުރަތަމަ ފަހަރަށް ކޮށްފައެވެ. އެ އޮޕަރޭޝަން ކާމިޔާބުކުރެވުނު ނަމަވެސް އެފަހަރު އޮޕަރޭޝަން ކުރެވުނު މީހަކީ ސިކުނޑި މަރުވެފައިވާ މީހެކެވެ.

ބެނެޓްގެ ހިތް ބަދަލުކުރުމުގެ އޮޕަރޭޝަނަށްފަހު އޭނާގެ ހާލަތު ރަނގަޅުވާނެ ކަމަށް އަންނަނީ އުއްމީދު ކުރަމުންނެވެ. އޮޕަރޭޝަނުގެ ކުރިން ބަލި ހާލަތު ބޮޑުވެ ބެނެޓް އައީ 6 ހަފުތާ ވަންދެން އެނދުމަތިކުރެވި ދިރިހުރުމަށް މެޝިނުގެ އެހީ ބޭނުންކުރަމުންނެވެ. އަދި އޮޕަރޭޝަނަށް ފަހު މެޝިނުގެ އެހީއަކާ ނުލައި މިހާރު ނޭވާލަމުން އަންނައިރު އޭނާގެ ހާލަތު ޑޮކްޓަރުންގެ ޓީމުން އަންނަނީ ގާތުން ބަލަމުންނެވެ. ނަމަވެސް އޭނާގެ ހާލަތު ކުރިއަށް އޮތްތަނުގައި ވާނެގޮތަކާ މެދު އާއިލާއިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.