މުނިފޫހިފިލުވުން

ބިގްބޮސް15: ތެޖާސްވީއާއި ޝަމިތާގެ ކޯޅުންގަނޑު!

ބިގްބޮސް15 ނިމުމަކާއި ގާތްވަމުން އަންނައިރު ޝޯގެ ބައިވެރީންގެ މެދުގައި ވާދަވެރިކަންވެސް އަންނަނީ އިތުރުވަމުންނެވެ. ބިގްބޮސް މީގެ ކުރިން މިމަހުގެ 16 ގައި ނިންމާލުމަށް ރޭވިފައި އޮތްނަމަވެސް އިތުރު ދެ ހަފުތާ އިތުރުކޮށް، މިމަހުގެ ނިޔަލަށް ޝޯގެ މުއްދަތު މިހާރު ވަނީ ދަންމާލައިފައެވެ.

ބިގްބޮސް 15 ބައިވެރިންގެ ތެރޭގައި ހިމެނޭ ބޮލީވުޑް ތަރި ޝަމީތާ ޝެޓީއަށް އަބަދުވެސް ޝޯގެ ޕްރޮޑިއުސަރުން ވާގިވެރިވާކަމަށް ޝޯ ބަލާ ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. މިކަން ޝަމީތާ އަދި ތެޖާސްވީގެ މެދުގައި ހިނގި ކޯޅުންގަނޑުގެ ތެރެއިން ތެޖާސްވީ ވަނީ ފާހަގަކޮށްފައެވެ.

ދެ ތަރިންގެ މެދުގައި ހިނގި ޒުވާބުގެ ތެރެއިން ތެޖާސްވީ ބުނެފައިވަނީ ބިގްބޮސްގެ ޓާސްކުތަކުގެ ތެރެއިންވެސް ތެޖާސްވީ ބާކީވާ ގޮތަށް ޓީމުތައް ރާވައިގެން ކުޅެމުން އަންނަ ކަމަށާއި ތެޖާސްވީ އާއި ކަރަން ކުންދުރާގެ ހާއްސަ ގުޅުމަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ޝަމީތާ އޭނާއާ އިދިކޮޅަށް ކަރަން ގާތު ވާހަކަ ދައްކާ ހަދާ ކަމަށެވެ. އޭގެ އިތުރުން ބިގްބޮސްގެ އެހެނިހެން ބައިވެރިންނާ ހިލާފަށް ޝަމީތާއަށް ޝޯއިން ބޭރަށް ދިއުމުގެ ފުރުސަތު ދީފައިވާ ކަމަށާއި، ޝޯގައި ތިން ބުރެއްގެ މަތީން ބައިވެރިވުމުގެ ފުރުސަތުވެސް ދީފައިވާކަމަށެވެ. އަދި ބިގްބޮސް އޯޓީޓީއިން ޝަމީތާއާ ވާދަކޮށް މޮޅުވި ދިވްޔާ އަގަރްވާލް މޮޅުވެފައިވަނީ އެންމެ ފުރުސަތަކުން ކަމަށާއި ދިވްޔާ މޮޅުވާން ތިން ހަތަރު ފުރުސަތު ދީފައި ނުވާ ކަމަށް ބުނެ މި ވާހަކަތައް ތެޖާސްވީ ވަނީ ޖެހިލުމެއް ނެތި ގޮވާލައިފައެވެ.

ތެޖާސްވީއަށް ސަޕޯޓުކޮށް ކޮށްފައިވާ ޓުވީޓެއް---
ތެޖާސްވީއަށް ސަޕޯޓުކޮށް ކޮށްފައިވާ ޓުވީޓެއް---

ތެޖާސްވީގެ މި ވާހަކަތަކާއެކު އޭނާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ބިގްބޮސް އިން ޝަމީތާ މޮޅުކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން ދާ ކަމަށް ބައެއް މީހުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

ބިގްބޮސް 15 އިން މިހަފުތާގައި އުމަރް ރިޔާޒް ވަކިކުރުމާ ގުޅިގެންވެސް ގިނަބައެއްގެ ފާޑުކިޔުން ވަނީ ޝޯއަށް އަމާޒުވެފައެވެ. ސަލްމާން ހާން އާއެކު ކޮންމެ ހަފުތާ ބަންދެއްގައި ގެނެސްދޭ ވީކެންޑް ކާ ވާރްގައި އުމަރު ގެއިން ނެރެން ނިންމާފައިވަނީ ޕްރަތީކްއާއި އޭނާއާ ދެމެދު ހިނގި އަރައިރުންގަނޑުގެ ތެރެއިން ޕްރަތީކް ކޮށްޕާލާފައިވާތީ ކަމަށް ބުނެއެވެ.

ބިގް ބޮސްގެ މި ނިންމުމަށް ފާޑުކިޔައި، އުމަރުގެ ކޮއްކޮ އަދި މިދިޔަ އަހަރުގެ ޝޯގެ ބައިވެރިއެއް ކަމަށް ވާ އާސިމް ރިޔާޒްވެސް ބުނެފައިވަނީ އެއީ ޝޯއިން ވަކިކުރަން ޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރާކަމަށާއި އެގޮތަށް ޝޯގެ އެހެން ބައިވެރިންވެސް މިހާތަނަށް ކަންތައް ކޮށްފައިވާކަމަށެވެ. ބިގްބޮސްގެ މި ނިންމުމަށް ގިނަބަޔަކު ފާޑުކިޔާފައިވާއިރު މި އެލިމިނޭޝަނާ ގުޅިގެން އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދެމުން އަންނަ ޕިންކް ވިލާ އިން ނެގި ޕޯލް އަކުންވެސް ވަނީ 81 ޕަސެންޓް ބެލުންތެރިން ގަބޫލުކުރާ ގޮތުގައި އުމަރު ގެއިން ބޭރުކޮށްފައިވާ ސަބަބު ބަލައިނުގަންނަ ކަމަށް ބުނެފައެވެ.