ކުޅިވަރު

ސައުދީގައި ކުޅުނު ކްލެސިކޯ ކާމިޔާބުކޮށް ރެއާލްއިން ބާސާ ކަޓުވާލައިފި

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލު ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ބާސެލޯނާ ކަޓުވާލައިފިއެވެ.

ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ އެލް ކްލެސިކޯ ރެއާލްއިން ކާމިޔާބު ކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތު ކުޅެގެންނެވެ. ސުޕަ ކަޕް ސެމީ ފައިނަލް ފުރަތަމަ ޖާގަ ރެއާލްއިން ހޯދި އިރު، އާދީއްތަ ދުވަހު ރޭ އޮންނަ ފައިނަލަށް ރެއާލްއާ ދެކޮޅަށް ނުކުންނަ ޓީމު އެނގޭނީ މިރޭ ރިޔާދުގައި އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ކްލަބު ވާދަކުރާ ސެމީ ފައިނަލަށް ފަހުގައެވެ.

މިއީ ސްޕެއިންގެ އެންމެ ވަރުގަދަ މެޗު، އެލް ކްލެސިކޯއެއް ގައުމުން ބޭރުގައި ކުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އިންޓަކޮންޓިނެންޓަލް ޗެމްޕިއަންޝިޕުގެ މެޗެއްގައި ބާސާއާއި ރެއާލް އެމެރިކާގެ މަޔާމީގައި ކުޅެފައިވާ އިރު، ރޭގެ ކްލެސިކޯއަކީ އެ ދެޓީމުގެ މެދުގައި ކުޅެވުނު 248 ވަނަ މެޗެވެ. ރޭގެ މޮޅާއެކު ރެއާލްއިން ވަނީ ކްލެސިކޯގައި 100 މޮޅު ހޯދައިފައެވެ.

ރޭގެ މެޗަކީ ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ކްލެސިކޯ މެޗެވެ. ބާސެލޯނާއާ ދާދި ފަހުން ގުޅުނު ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒާއި ޑެނީ އަލްވޭސް މެޗުގެ ފުރަތަމަ 11 އަށް ޒަވީ ނެރެފައިވާ އިރު، މެޗުގައި ރެއާލްގެ އެންމެ މުހިއްމު އެއް ޑިފެންޑަރު ޑޭވިޑް އަލާބާ ފެނިފައެއް ނުވެއެވެ. އޭނާ ހުރީ އަނިޔާގައެވެ.

އެޓޭކިން ހަލުވި ފުޓުބޯޅައެއް ދެޓީމުގެ ފަރާތުންވެސް ފެނުނު އިރު، މެޗުގައި ލީޑު ނެގީ ފޯމު ރަނގަޅަށް މެޗަށް ނުކުތް ރެއާލްއިންނެވެ. އެޓީމަށް ލީޑު ނަގައިދިނީވެސް މިވަގުތު ޓީމުގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާވެސް މެއެވެ. ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާއެވެ. މެޗުގެ 25 ވަަނަ މިނެޓުގައި ކަރިމް ބެންޒެމާ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ވިނީޝިއަސް ޖޫނިއާ ބޯޅަ ފޮނުވާލީ މަތީ ދާގަނޑަށެވެ.

މެޗު ރެއާލްއިން ވަރުގަދަކޮށް ފެށި ނަމަވެސް ބާސާއިން ވަނީ ލިބުނު ހަނި ފުރުސަތެއްގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ލޫކް ޑި ޔޯން ޖެހި ގޯލަކީ ރޭގެ މެޗުގައި މޮޅަށް ކުޅުނު އުސްމާން ޑެމްބެލޭ އަރިމަތިން ނެގި ހުރަހެއް ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައި ބޯޅައިގެ މިސްރާބު ގޯސްވެ، ޑި ޔޯން ފައިގައި ޖެހި ވަން ގޯލެކެވެ.

ރެއާލްއިން ދެވަނަ ފަހަރަށް ލީޑު ނަގަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 72 ވަނަ މިނެޓުގައެވެ. ރެއާލްއިން ދެވަނަ ގޯލު ޖަހައިދިނީ ބެންޒެމާއެވެ. ނުވަ ދިހަ މިނެޓު ހަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް ބާސެލޯނާއިން އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން ބާސާއަށް ފައިނަލުގެ އުންމީދު ދަމަހައްޓައިދިނީ އަންސޫ ފާޓީއެވެ. ފާޓީ މެޗަށް ނުކުތީވެސް ބަދަލެއްގެ ގޮތުގައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިނެޓުގައި ރެއާލް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ފެޑެރީކޯ ވަލްވޭޑޭއެވެ. މެޗުގެ 98 ވަނަ މިނެޓުގައި ރޮޑްރީގޯ ދިން ބޯޅައެއް އޭރިއާ ތެރެއިން ވަލްވޭޑޭ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.