އިއްޔެ އެންމެ ގަދައަށް މީޑިއާތަކުގައި ދެކެވުނު އެއް ވާހަކައަކީ އަރްޖުން ކަޕޫރު އަދި މަލާއިކާ ރުޅިވި ވާހަކައެވެ.

ނަމަވެސް މި ވާހަކަ ދޮގުކޮށް އަރްޖުން ކަޕޫރު ވަނީ ދެތަރީން އެކުގައި ނަގާފައިވާ ފޮޓޯއެއް އިއްޔެ އިންސްޓަގުރާމުކޮށް އެވާހަކަތަކަށް ރައްދު ދީފައެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 4 އަހަރަށްފަހު މަލާއިކާ އަދި އަރްޖުންގެ ގުޅުން ނިމުމަކަށް އައި ހަބަރާއެކު މީސް މީޑިއާ ގައި އެވާހަކަތައް ވަނީ ގަދައަށް ދެކެވިގެން ގޮސްފައެވެ. އެ ގުޅުން ނިމުމަކަށް އައުމާއެކު އެއްބަޔަކު އުފާކޮށް މަޖާ މީމްތަކުން ފުރާލިއިރު މި ދެތަރިންގެ ފޭނުން ދިޔައީ އެހަބަރާއެކު ހިތާމަކުރަމުންނެވެ.

މަލާއިކާ އަދި އަރްޖުންގެ 12 އަހަރުގެ އުމުރުގެ ތަފާތުގެ ސަބަބުން މި ދެތަރިންގެ ގުޅުމަށް ގިނަބައެއްގެ ފާޑުކިޔުންތައް އަބަދުވެސް ދިޔައީ އަމާޒުވަމުންނެވެ. އެވާހަކަތަކަށް ރައްދުދީ މީގެކުރިން އިންޓަވިއުއެއްގައި އަރްޖުން ބުނެފައިވަނީ ލޯބީގެ ގޮތުން މީހަކާ ގުޅެން ޖެހެނީ ވަކި އުމުރެއް އޮވެގެން ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އަދި ޒާތީ ދިރިއުޅުމުގެ ކަންކަމާ ގުޅުވައިގެން އޭނާގެ ފިލްމީ ކެރިއަރަށް ނޭދެވޭ އަސަރެއް ކޮށްގެން ނުވާނެ ކަމަށާއި ޕްރޮފެޝަނަލް މަސައްކަތްތަކަށް ފާޑުކިޔުން އަންނަންވާނީ އޭނާގެ މަސައްކަތަށް އަމާޒުކޮށް އެކަނި ކަމަށް ވަނީ ބުނެފައެވެ.

އަރްޖުން ކަޕޫރުގެ އެންމެ ފަހުގެ ފިލްމު ''ސަންދީޕް އޯރް ޕިންކީ ފަރާރް'' އިން އޭނާގެ ހުށަހެޅުން ގިނަބަޔަކަށް ކަމުގޮސްފައިވާއިރު އަރްޖުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ''އެކް ވިލަން 2'' ''ކުއްތޭ'' އަދި ''ދަ ލޭޑީ ކިލާ'' ހިމެނެއެވެ.