އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ގްރޫޕް އެފްގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަ ނުވަނީސް ރެފްރީ މެޗު ހުއްޓައިލުމުން މައްސަލަ ހޫނު ވެއްޖެއެވެ.
ކެމަރޫންގެ ލިމްބޭ ސްޓޭޑިއަމްގައި ޓިއުނީޝިއާއިން މާލީއާ ދެކޮޅަށް ކުޅުނު މެޗު، މާލީން 1-0 އިން ކާމިޔާބުކޮށްފައިވާ އިރު، މެޗުގެ ފަހު މިނެޓު ކޮޅުގައި ފެނުނީ ސުވާލު އުފެދުނު ކަންތައްތަކެކެވެ. މެޗުގެ 90 މިނެޓު ހަމަވުމުގެ ކުރިން ރެފްރީ ޖެނީ ސިކަޒްވީއަށް އޮޅިގެން ދެ ފަހަރަށް ކަށިގަނޑު ފުމެ، މެޗު ނިންމައިލުމުން އެކަމަށް ޓިއުނީޝިއާގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.
މެޗުގެ 84 ވަނަ މިނެޓުގައިވެސް ރެފްރީ ޖެނީއަށް އޮޅިގެން މެޗު ނިންމައިލެވުނު އިރު، އެ ފަހަރު އަލުން ކުޅުން ފެށީ ހަތަރުވަނަ އޮފިޝަލުން އެކަން އެނގުމުންނެވެ. ދެންވެސް އޭނާ މެޗު ނިންމާލީ 90 މިނެޓު ހަމަވާން މިނެޓެއް ހުއްޓައެވެ. މެޗުގެ އިތުރު ވަގުތު ނުދައްކަނީވެސް ރެފްރީ ޖެނީ މެޗު ނިންމާލީ 89 ވަނަ މިނެޓުގައެވެ.
އެ މައްސަލަ ފާހަގަކުރުމަށް ޓިއުނީޝިއާގެ ކޯޗު މުދާރު ކެބެއާގެ އިތުރުން އެ ގައުމުގެ ހުރިހާ އޮފިޝަލުން ދަނޑަށް އަރައި ރެފްރީއާ ސުވާލުކުރަން ފެށި ނަމަވެސް، ސަލާމަތީ ބާރުތަކުން ވަނީ ކޯޗާއެކު ޓީމު އޮފިޝަލުން ދުރަށް ޖައްސައިފައެވެ. ރެފްރީ ދަނޑުން ފައިބައިގެން ދިޔައީ ސެކިއުރިޓީންނާއެކުގައެވެ.
މެޗުގައި އެގޮތަށް ކަން ހިނގާފައި ވުމުން އެކަމުގެ ޝަކުވާ ޕޯސްޓް މެޗުގައިވެސް ކޯޗު މުދާރު ކޮށްފައިވާ އިރު، މެޗުގެ ބާކީ ބައި ކުޅުމަށްވެސް އެފްކޮން އިންތިޒާމު ކުރާ ފަރާތުން ވަނީ މަސައްކަތްކޮށްފައެވެ. މެޗުގެ ޕޯސްޓް މެޗު ޕްރެސްވެސް ފެށި ފަހުން މެޗުގެ ބާކީ ބައި ކުޅެން ދިޔުމަށް އޮފިޝަލުން ޓިއުނީޝިއާގެ އޮފިޝަލުން ކައިރީ އެދުމުން، ޓިއުނީޝިއާއިން އަލުން ދަނޑަށް ނުކުންނަން ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން މެޗުން މާލީ މޮޅުވި ކަމަށްވެސް ނިންމިއެވެ.
މެޗުގައި ރެފްރީކަން ކުރި ރެފްރީއަކީ ޒަމްބިއާއަށް ނިސްބަތްވާ ރެފްރީއެކެވެ. ބެލެވޭ ގޮތުގައި މެޗުގެ ގަޑި ރެފްރީއަށް އޮޅުނީ އަތުގައި އަޅާފައި އޮންނަ ގަޑިއަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.
މިރޭ މާލީން ޓިއުނީޝިއާ ބަލިކުރި ގޯލު އެޓީމަށް ޖަހައިދިނީ އިބްރާހީމް ކޯނޭއެވެ. ކޯނޭ ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެހި އެ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މެޗުގައި ޓިއުނީޝިއާއަށްވެސް ޕެނަލްޓީއެއް ލިބިފައިވާ އިރު، އެޓީމުން 77 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީ މާލީގެ ގޯލްކީޕަރު އިބްރާހީމް މޮންކޯރޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ފަހުކޮޅުގައި މާލީގެ އެލް ބިލާލް ޓޯރޭއަށް ވަނީ ރަތް ކާޑެއްވެސް ދައްކައިފައެވެ.
21:00 މޮރިޓާނިއާ - ގަމްބިއާ
00:00 އިކުއެޓޯރިއަލް ގީނީ - އައިވޮރީ ކޯސްޓް
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން