"އަދިވެސް ޔުނާއްތަ ތިހުންނަނީ އާނީދޮންބެ އަންނާނެ ކަމަށްތަ....؟ ޝާމް ގާތުން ވަރިވުމުގެ ބޭނުމަކީ ކޮބާ...؟" ކުޑަކުދިންގެ ބަގީޗާގައި ހުރި ހިލަގޮޑިއެއްގައި އިން ޔުއާނާ، އޭނާގެ ގާތުގައި އިން އެކުވެރިޔާއަށް ބަލާލިއެވެ. އެއީ ހަމައެކަނި އެކުވެރިއެއް ނޫނެވެ. އޭނާގެ ފަހަރިކޮއްކޮއެއްވެސް މެއެވެ. ޝާމިންގެ ދޮންދައްތަ، ޝަކީލާގެ ދޮށީ ދަރިފުޅު އާލާއަކީ ޔުއާނާއަށްވުރެ އަށެއްކަވަރަކަށް އަަހަރު ހަނގު ނަމަވެސް ވަރަށް ކުރިއްސުރެވެސް އޭނާގެ އެކުވެރިއެކެވެ. ޝާމިންއާއި ޔުއާނާގެ ގުޅުން ބަދަހިވެގެން ދިޔަ ދުވަސްކޮޅު، ވަރަށް ގިނަ ހަވީރުތަކުގައި ޝާމިން، ޔުއާނާއާއި ބައްދަލުކުރަން އަންނަނީ އާލާ ނޫނީ ޝިޔާމާގެ އެއްބަނޑުއެއްބަފާ އަންހެންކޮއްކޮގެ ދަރިފުޅު، ގާނިތު ގޮވައިގެންނެވެ. އޭރު އާލާއަށް ފަސްއަހަރެވެ. ގާނިތަށް ދެއަހަރުފުރި ތިންއަހަރަށް އޮތީ އަޅައިގެންފައެވެ. ޝާމިން އެދެކުދިން ގޮވައިގެން ބައިސްކަލުގައި ޔުއާނާއާއި ބައްދަލު ކުރަން އައި އިރު އެއީ ކުޑަކުޑަ ދެކުދިންނެވެ. އޭރުއްސުރެ އެދެކުދިންވެސް ޔުއާނާއަށް ގޮވާ އުޅެނީ ޔުނާއްތަގެ ނަމުންނެވެ.

ޔުއާނާ، ޝާމިންގެ އެއްވެސް ކުށަކާއި ނުލާ، ޝާމިނާއި ހަމައެކަނި ވަކިވީއެއް ނޫނެވެ. މާގިނަ ދުވަސްތަކެއް ނުވެ އެހެން މީހަކާއި ކައިވެނިވެސް ކުރީއެވެ. އޭގެ ފަހުން ގާނިތު ޔުއާނާއާއި ގުޅުން މުޅިން ކަޑާނުލި ނަމަވެސް ކުރިން އޮންނަ ގާތްކަމެއް ނުބާއްވައެވެ. ގާނިތު ޝާމިންދެކެ ބައްޕައެއްދެކެ ވާފަދައން ލޯބިވެއެވެ. ބޮޑުވަމުން އައިއިރު ޝާމިނަކީ ގަނިތުގެ ރޯލްމޮޑެލްއެވެ. ޝާމިން ބޯއޮމާން ކުރާ ގޮތަށް ބޯއޮމާން ކުރުމާއި އެގޮތަށް ހެދުން އެޅުމާއި ހިނގާއުޅޭ ވައްތަރުގަނޑުވެސް އެއްގޮތަކަށް ބެހެއްޓޭތޯ ގާނިތު އެންމެ ކުޑައިރުއްސުރެވެސް މަސައްކަތް ކުރެއެވެ. އެހެންކަމުން ޔުއާނާ ޝާމިން އާއި ވަކިވެ އެހެން މީހަކާއި ކައިވެނިކުރިކަން ގާނިތަށް ވިސްނި އެނގޭވަރަށް ބޮޑުވެ، އެކަންތައް އެނގުނު ފަހުން، ޔުއާނާ އާއި ބައްދަލުވެއްޖެ ނަމަ ހިނިތުންވެލަނީވެސް މަދު ފަހަރެއްގައެވެ. ގިނަފަހަރު ގާނިތު ޔުއާނަ ދަންނަ ކަމަށްވެސް ނަހަދައެވެ.

އާލާ އަބަދުވެސް ޔުއާނާއާއި ވަރަށް ގަޔާވެއެވެ. ޔުއާނާގެ ރީތިކަމާއި ދޮން ކުލައާއި އާލާ ވަރަށް ރުހެއެވެ. އެހެންނަމަަވެސް ޔުއާނާ ޝާމިން ނޫން އެހެން މީހަކާއި ކައިވެނި ކުރުމުން އެކަމާ އާލާ ވަރަށް ކަންބޮޑުވިއެވެ. އޭރު އާލާއަށް ސާދަ އަހަރުކަމުން ވަރަށް ރަނގަޅަށް ކަންތައް ފަހުމް ކުރެވެއެވެ. އާނިދޮންބެ ބޭރުގައި ކިޔަވަން ހުއްޓާ، ޔުނާއްތަ އެހެން ފިރިހެނަކާއި އެކު ސައިކަލު ބުރު ޖަހާތަން ފެންނަ ފެށުމުން އާލާއަކަށް ޔުނާއްތައާއި ސުވާލުނުކޮށް ނުހުރެވުނެވެ.

"އާނިދޮންބެއްތާ.....ރޭގައި ކޮންކުއްޖަކާއި ހަގް ކޮށްގެން ސައިކަލުގައި އިނީ....އާލާއަށް ވަރަށް ކައިިރިން ފެނުނޭ..."

"އެ...އެއީ....ފްރެންޑެއް....އާލްކޮކީ....އާނިދޮންބެ އަންނަނީ ކޮންއިރަކު.....؟"

"ފުރައިގެން ދިޔަތާ އަދި ހަތަރުމަސްވެސް ނުވޭ.....ދެން އާދެވޭނީ ސްކޫލު ނިމުނީމައެއްނު...."

"އެހެން ވީމައޭ އާނިދޮންެބެއަކަށް ވެއިޓް ނުކުރެވޭނެއޭ...އާލުކޮއްކި ޖެހޭނީ ދެން އެހެން ނަމަކުން ގޮވަން....ނެކްސްޓްވީކްގަ މެރީ ކުރަން މިއުޅެނީ....ޕާރޓީއަށް އަންނަން ވާނީ،،"

އާލާ ޙައިރާންވެފައި ކަންބޮޑުވެ ދެރަވެގެން އެވާހަކަ އަވަހަށް ގާނިތަށް ގުޅާފައި ކިޔާދިިނެވެ. އަދި މަންމަ ގާތުގައިވެސް އެވާހަކަ ކިޔައިދިނެވެ. އެންމެނަށްވެސް އެއްބަސްވެވުނީ ޝާމިނަށް އެވާހަކަ ނާންގާ ސިއްރުކޮށްފައި ބޭއްވުމަށެވެ. ޝާމިން އަމިއްލައަށް މާލެ އައިސް ވީ ކީއްކަން ހޯދާ ދެނެގެންފާނެތާއެވެ. ކޮންމެއަކަސް ޔުއާނާ އެގޮތަށް ކަންތައް ކުރުމުން ޝަކީލާމެން ނިންމައިގެން ތިބީ ޝާމިންގެ ކައިވެނި މުއްސަނދި ރީތި މޮޅު ކުއްޖަކާއި ކުރުވުމަށްވެ. އެހެންނަމަވެސް މާލެ އައުމަށްފަހު ޔުއާނާގެ ކަންތައް އެނގުނު ފަހުން ޝާމިންގެ މުޅި ދިރިއުޅުން މުޅީން އެހެން ގޮތަކަށް ދިޔައީ ބަދަލުވެގެންނެވެ. ދެންވެސް ހުރިހާ ދައްތައިންނާއި މަންމައާއި ދެފަރާތުގެ އާއިލާގެ ބޮޑުން ތިބީ ލާމު ގަމުގެ ކޮލި ގަނޑުވަރު އާއިލާ ތެރެއިން ހޮވާލައިގެން ރީތި މޮޅު ކުއްޖަކާއި ޝާމިންގެ ކައިވެނި ކުރުވުމަށް ނިންމައިގެންނެވެ.

އެހެންނަމަވެސް ކަންތައް ވެގެން ދިޔައީ އެއްވެސް މީހަކު ހިތަށްވެސް ނާރާ ފަދަ ވިސްނާލެވިފަވެސް ނެތް ގޮތަކަށެވެ. އަދި އެއްވެސް ހިސާބަކުން ދުވަހަކުވެސް ކަންތައް ކޮށްފައި ނުވާފަދަ ގޮތަކަށް އާއިލާއާއި ވަތް ކަޑާލުމަށް ފަހު ޝާމިން ވަރަށް އާދައިގެ އަންހެނަކާއި އެކީ ދިރިއުޅުމެއް ފަށައިގެން މުޅީން ވަކީން އެހެން ވަކި މީހަކަށް ބަދަލުވެގެނެް ދިޔައީއެވެ. ލޯބިވާ ބައްޕަ ނެތް ދުނިޔެއެއްގައި ޝާމިންގެ މިފަދަ ބަދަލުވުމެއްގެ ސަބަބުން އެއްބަފާ ހުރިހާ ކުދިން ތިބީ މާޔޫސްވެފައެވެ. އެންމެ ފަހުން ޝަކީލާ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ޝިޔާމާއާއި ބައްދަލުވުމަށް މާލެ އަތުވެއްޖެއެވެ. އަދި ދެމައިން ސައްލާތަކެއް ކުރުމަށްފަހު ދަތުރ ހަދައިގެން ފުރައިގެން ދިޔައީ ލާމަށެވެ. އޭރު ޝާމިނާއި ޝައުފާ އެމީހުންގެ އަލަތު ކައިވެނީގެ އުފާ ފާހަގަ ކުރަމުން އަމިއްލަ ދިރިއުޅުން އާރާސްތުކުރުމަށް ފަށައިގެންފިއެވެ.

ލާމުގައި ތިބި ޢާއިލާގެ ބޮޑުންނާއި ބައްދަލުވެ މަޝްވަރާ ކުރުމަށްފަހު ދެމައިން މާލެ އައިސް ދެން ތިބި އެހެން މީހުނާއިވެސް މަޝްވަރާ ކުރިއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޝާމިނަކީ އެމީހުންގެ އަމިއްލަ ދަރިފުޅެވެ. ސައްތާރުސައީދުގެ ލޮލުގެ ނޫރަކީ ޝާމިންކަން އެންމެނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އަދު ބައްޕަ ދުނިޔޭގައި ނެތަސް ޝާމިނަށް އެއްވެސް ކަމަކުން އުނިވާކަށް ބައްޕައެއް ރުހި ނުލައްވާނެއެވެ. ކަށްވަޅުގައި ބައްޕަގެ ފުރާނައަށް ވެސް މިކަމުން އުދަނގޫވާނެކަމަށް އެމީހުން ޤަބޫލުކުރެއެވެ. އެހެންކަމުން، ޝާމިންގެ ކައިވެންޏަކީ އެމީހުން ޤަބޫލު ނުކުރާ ކައިވެންޏަކަށް ހަދާފައި، ޝާމިންއަށް ގެއަށް އައުމަށް އެދި އެއްރެއަކު ސަމާހާގެ ކޯލަކުން ޝާމިނަށް އަންގައިފިއެެވެ.

ޝާމިންވެސް މަންމައާއި އާއިލާގެ ގުޅުން އެއޮތް ހިސާބުގައި އޮތް ދިނުމަށް މަދުމަދުން ގެއަށް ދިއުން އާދަކުރީ، ޝައުފާއާއި އޭނާގެ ގުޅުން ކޮންމެވެސް ދުވަހަކުން އެންމެންވެސް ބަލައިގަންނާނެކަމުގެ އުއްމީދުގައެވެ. ޔުއާނާއާއި ބެހޭ ގޮތުން ބައެއް ފަހަރު އާލާ ތީރު އުކާ ބަހުން ހަމަލަ ދެއެވެ. ކޮންމެ ފަހަރަކުވެސް ހެވިލާފައި ޝާމިން ދެނީ އެކި ބަސްތަކުން އެކި ފަހަރު އެކި ގޮތްގޮތަށް ބުންޏަސް އެއް މާނައެއް ދޭހަވާ އެއް ވާހަކައެކެވެ.

"އެއީ ކާކު...؟ ނޭނގެ...ނުދަންނަން....އާނީދޮންބެގެ ލޯބިލޯބި ވައިފެއް އިންނާނެ...އެނޫން އެހެން އަންހެނަކަށް ނޯޗާންސް އެންޑް ނޯޓައިމް....އާނިދޮންބެ ފޯރއެވަރއޮކިއުޕައިޑް.."

ކުއްލިއަކަށް ވީނުވީތަނެއް ވިނުވީގޮތެއް ނޭނގި ޝާމިން ގެއިން ދިޔަ ވާހަކަ އިވުމުން ޢާއިލާ އެންމެން ހައިރާންކަމަކާއި ޝޮކެއްގެ ތެރެއަށް ގެބިގެން ދިޔައެވެ. އެހެންނަމަވެސް އެއީ އެހާ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. ޝާމިންގެ ގާތް އެކުވެރިންނާއި ދެކެ ފަރިތަ އެތައް ބަޔަކު ރާއްޖެއިން ބޭރުގައި، ލަންކާ، އިންޑިޔާ، މެލޭޝިޔާ، ސިންގަޕޯރގައި ދިރިއުޅޭނެއެވެ. ހަމަ ދުވަސްކޮޅަކަށް އެއިން ގައުމަކަށްވެސް ދިއުމަކީ އެކަށީގެންވާ ކަމެއްތާއެވެ. ނުވަތަ ހަމަ އަސްލަށްވެސް އެއެންމެން ބޭނުންވާ ގޮތަށް ކަންތައް ކުރުމަށް ޝައުފާއާއި ވަކިވުމަށް ޝާމިން ކުރިކަމަކަށްވެސް އެކަން ވެދާނެކަމަށް އެމީހުނަށް އެއްބަސްވެވުނެވެ.

ޔުއާނާއަށް ޝާމިންގެ އަނބިމީހާއާއި ޝާމިން ކޮންމެވެސް މައްސަލައެއް ޖެހި ޝާމިން ގެއިން ދިޔަ ހަބަރު ލިބުމާއިއެކު އަވަހަށް ތެޅިގަތީ އެއާއިލާއާއު ގުޅުން ބަދަހިކުރުމަށެވެ. އެހެންކަމުން ޔުއާނާ އަވަހަށް އާލާއާއި ގުޅާ ކުރިއަށްވުރެ ގުޅުން ބަދަހިކޮށް ގާތްކޮށްލިއެވެ.

ޔުއާނާއާއި ޝާމިންގެ ގުޅުން އެންމެ ކުރިއްސުރެވެސް އެނގޭ މީހަކީ ޝަކީލާއެވެ. ޝަކީލާގެ އިތުރުން ޝާމިންގެ އެއްބަފާ ހުރިހާ އަންހެން ކުދިން މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. އެހެންނަމަވެސް ހަމަ ކުއްލިއަކަށް ޔުއާނާ އެހެން މީހަކާއި ކައިވެނި ކުރިކަން އެނގުމުން އެންމެން ގަސްދުކުރީ އެހިސާބުން އެކަން ނިންމާލުމަށެވެ. އެހެންނަމަވެސް އާލާ އަަބަދުވެސް ޔުއާނާއާއި ގުޅުން ބޭއްވިއެވެ. ރާއްޖެއިން ބޭރުގައި މައިންބަފައިންނާއިއެކު ދިރިއުޅުނަސް، ސޯޝަލް މީޑިޔާ މެދުވެރިކޮށް ޔުއާނާއާއި ގުޅުން ބަދަހި ކުރުމަށް އާލާ ސަމާލުކަން ދެއެވެ. އަދި ބަންދު ދުވަހަކަށް މާލެ އާދެވިއްޖެ ނަމަ ޔުއާނާއާއި ބައްދަލުވެސް ކުރެއެވެ. ފުރަތަމަ އެއީ އާލާގެ ޔުނާއްތަ، އާނިދޮންބެދައްތައެވެ. އެކަމަކު ފަހުން ފަހުން އައިސް އެއީ ހަމައެކަނި ޔުނާއްތައެވެ. އާލާގެ އެކުވެރިއެކެވެ.

"ޔުނާއްތަ އަށް ހީވޭތަ އާނިދޮންބެ ޔުނާއްތަ ގާތަށް އަންނާނެހެން....؟"

އާލާ ވަރަށް ވިސްނުންތެރި ބޮޑު މީހެއް ފަދައިން އަހާލިއެވެ.

"މެރީ ކުރި ފަހުންވެސް އާނިދޮންބެ ޔުނާއްތައާއި މީޓްކުރިއޭ....ފަހުން ފަހުން އައިސް ބޭބީ ލިބުނު ފަހުން ވަރަށް ޓައިމް ނުވޭ ބޭރަށް ގޮސް އުޅެން....އެކަމަކުވެސް މީޓް ކުރިން...ދެން ވީ ގޮތަކީ ޝާމް އަށް އެއްރޭ ފެނުނީ....މައްސަލަ ވަރަށް ގޯސްވި....ޕޮލިހުންނަށް ގުޅަންވެސް ޝާމް އުޅުނު...އޭގެ ފަހުން ޔުނާއްތަ އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރަން އާނިދޮންބެއާ ގުޅުން މުޅިން ކަޑާލީ....އެކަމަކު މިހާރު ދެން ބޭނުމެއް ނޫން...މިހެން އުޅޭކަށް.....ޝާމް ގާތުން ޑިވޯސްވީވެސް އެހެންވެ....އާނިދޮންބެއަށް އަހަރެން ފްރީކަން އެނގޭއިރަށް ގުޅާނެ ކަން ޔަޤީން....އެކަމަކު އަދި ފޭސްބުކްއިންވެސް މެސެންޖަރއަކުންވެސް ދިމާނުވޭ...."

ޔުއާނާގެ އަޑުގައި ހުރީ ފަޚުރުވެރި ރާގެކެވެ. މަޑުސުވާސާ ކުލައެއްގެ މިޑީއެއްގައި ޔުއާނާ ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ތަންކޮޅެއް ދުރުގައި ހުރި ސްލައިޑްމައްޗަށް ކުޅެން އަރަމުންދާ ކުޑަ އަންހެންކުއްޖާގެ މަންމައަކީ ޔުއާނާއޭ ބުނުމުން ޙައިރާންވާހާ ޔުއާނާ ފުރިހަމައެވެ. އިސްތަށިގަޑާއި ދޮންކުލައިގެ ހަންގަޑާއި ހަށިގަޑުގެ ލޫޅާފަތިކަމަކަށް އެއްވެސް ބަދަލެއް އައިނަމަ އެބަދަލަކީ އިތުރު ފުރިހަމަކަމަކާއި ޗާލުކަމެކެވެ. ޔުއާނާއަކީ ހަމަ ވަރަށްވެސް ރީތި އަންހެނެއްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އާލާއަށް އެންމެ ފުރަތަމަ ޝާމިން ޔުއާނާ ދެއްކި ދުވަހުވެސް ޝާމިންގެ މިހޮވުމަށް ފަށްފަށުން ތައުރީފު ކުރެވުނެވެ.

"ވާހ...ޕަރީދައްތަ..." އޭރު އާލާ ކުޑައެވެ. އާލާއަށް ޔުއާނާ ސިފަ ކުރެވުނީ ކާޓޫނުތަކުގައި އުޅޭ ޕަރީއެއް ނުވަތަ ޕްރިންސަސްއެއްގެ ގޮތުގައެވެ.

"ކެތުރީންޒީޓާޖޯންސްއާއި އަސްލުވެސް ވަރަށް ވައްތަރު....އެއަށްވުރެވެސް މާރީތި...އާނިދޮންބެ ޔުނާއްތަ ގާތަށް ނާންނާނެ ސިފައެއް ބޭރުފުށުން ހަމަގައިމުވެސް ނުފެނޭ.....ހީވަނީ ހަމަ އަސްލުވެސް ޑޯލްއެއް ހެން...." އާލާއަށް ޔުއާނާ ފެންނަ ކޮންމެ ފަހަރަަކުވެސް މިފަދަ ތައުރީފެއް ކުރެވެއެވެ. އާލާއަށް ނުވިސްނޭ ނޭނގޭ ހަގީގަތަކީ ދިރިއުޅުމުގެ އުފަލާއި ކާމިޔާބާއި ހަމަޖެހުން އޮންނަނީ މީހާގެ ސިފައާއި ހަމައިން ނިމޭގޮތަށް ނޫންކަމެވެ. އެކަން އެނގޭނަމަ ހަމަ ގައިމުވެސް އަމިއްލަ ބޭބެއާއިމެދު އެފަދަ ވިސްނުމެއް އާލާ ނުގެންގުޅޭނެކަން ޔަޤީނެވެ.

"ކޮން ދުވަހަކު އާލްމެން ފުރަނީ...؟" ދުވެފައި އައިސް އަތުގެ ތެރެއަށް ވަދެގަތް އަންހެން ދަރިފުޅުގެ ހޭވިފައި އޮތް ފަން އިސްތަށިކޮޅު ރަނގަޅުކުރަމުން ޔުއާނާ އަހާލިއެވެ.

"އަދި ނޭނގޭ....ޗުއްޓީ ނިމުމުގެ ކުރިއަކުން ނުފުރާނެ....އާނިދޮަންބެގެ ކޮންމެވެސް ޚަބަރެއް ވޭތޯ ލާމަށް ދާވާހަކަ މަންމަމެން އެބަދައްކާ....އެކޮޅަށް ގޮސްފައި އައިސް ފުރުމުގެ ކަންތަކާ އުޅޭނީ..."

"ހިނގާ ދާން...ކޮކީ ވަރަށް ބަނޑުހައިވެއްޖެ...." ޔުއާނާގެ ދަރިފުޅު ކުސް ޖަހައިގަތެވެ. އަދި ޔުއާނާއާއި އާލާ ގޮނޑިން ތެދުވެ ހެދުން ރަނގަޅު ކުރަމުން ގެއަށް ދިއުމަށް ތައްޔާރުވެލިއެވެ.

ކޮންމެ މެންދުރެއްގެ ވެސް އާދައިގެ މަތިން ދެކުދިން ގޮވައިގެން ޝައުފާ އުނދޯލީގައި އިނދެ އެކުދިން ނިންދެވުމަށް ނާނާ ކިޔަމުން މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ ސާފުހުދުކުލައިގެ ބޮޑު ކަފަދާންމަތީގައި ބޯރަޖައަކުން ފޮރުވިފައިވާ ލޮބުވެތި ދެފުރާނައަށެވެ. އެކުދިންގެ ބޯމަތީގައި ބައްޕަގެ ޙިމާޔަތުގެ އަތް އެޅިފައި ނެތްކަމުގެ އިހްސާސް ކުރެވޭ ކޮންމެ ފަހަރަކު ޝައުފާގެ ހިތް ބާރަށް ރޯލައެވެ. އެކަމަކު ހަމަ ދެވަނަ ހިނދުކޮޅުގައި ޝާމިންއަށްޓަކައި އޭނާގެ ހިތުގައި ލޯތްބާއި ހަމްދަރުދީ އުތުރިއަރައިގެން ދިއުމާއިއެކު އެއްފަހަރާ އެތައް ބައިވަރު ޝަކުވާތަކެއް ހިތުގެ ތެރޭގައި ބޮޑިވެގަނެއެވެ.

އެދުވަހު ޝާމިނާއި ދެކޮޅަށް އޮފީހަށް ދެވުނީތީ އަމިއްލަ ނަފުސު ދެކެ މިއަދުގެ މިހިނދުކޮޅުވެސް ޝައުފާ ރުޅިއާދެއެވެ. އެދުވަހު އެހެން ކަންތައް ނުކުރެވުނު ނަމަ މިއަދު އޭނަގެ މިދެކުދިން އެކަނި މަންމައެއްގެ ލޯބި ލިބި، ބައްޕަގެ އޯގާތެރިކަމާއި ލޯބިން މަހްރޫމު ކުރެވިފައިވާ ކުދިންނަކަށް ނުވީސްކަން ގައިމެވެ. އެކަމަކު ވެނިމިގެން ގޮސްފައި އޮތް ތަނަކާއިމެދު ކުރެވޭނީވެސް ވަކި އިތުރު ކޮން ކަމެއް ހެއްޔެވެ.

ދެކުދިން އަރާމްކޮށް ނިދާ ހަމަޖެހުމުން ޝައުފާ އެކުދިންގެ ގައިމަތީގައި ރަޖާ ރަނގަޅަށް އެޅިއެވެ. އަދި މަދިރިގެ ގޮށިން އެކުދިން ޙިމާޔަތް ކޮށްލިއެވެ. އެއަށްފަހު އުނދޯލިން ފައިބާ މަޑުމަޑުން އުނދޯލި ހެއްލާލަމުން ބަގީޗާގަސްތަކާއި ދިމާއަށް އެނބުރިލިއެވެ.

ވިހާގަދަވިފަހުން ހަށިގަނޑަށް ބަދަލުތަކެއް އައި ނަމަވެސް ޝައުފާގެ ސާދާ މައުސޫމު އާދައިގެ ރީތިކަމަށް އިތުރު ފުރިހަމަކަމެެއް ނޫނީ ނާދެއެވެ. ހަށިގަނޑުގެ ބަރުދަން އިތުރުވިނަމަވެސް މޫނުމަތިން ފެންނަ މާޔޫސްކަން ނެތްނަމަ ޝައުފާ ވަރަށް އުޖާލާ އަލި މޫނެއްގެ ވެރިއަކަށް ވެއްޖެކަން ޔަޤީނެވެ. ކުރިންވެސް އޭނާގެ އާދަޔާޚިލާފު ރީތި ދެލޮލާއި އިސްތަށިގަނޑު މިހާރު ކުރިއަށްވުރެ ފުރިހަމައެވެ. ހިނިތުންވެލުމުން ކޮލުން ފާޅުވާ އަޑިކޮޅާއި، ދަތްދޮޅިން ފާޅުވާ ކުޑަ އަޑިކޮޅަކީ ޝާމިން މަރުދޭވަރަށް ލޯބިވި ދެސިފައެވެ.

ގުލްހަޒާރުމާ ގަސްތަކުގެ ހަނދުވަރީ މޫސުމަށް ފޮޅެން ތައްޔާރުވެފައި އިން މާގަނޑުގައި އިނގިލިތަކުން ފިރުމަމުން ގަހުގެ ހިކިފައި ހުރި ފަތްތައް ވަކިކޮށްލުމަށް ޙަރަކާތްކޮށްލި ޝައުފާގެ އިނގިލިތަކަށް ހުއްޓުމެއް އައީ ދިމާކުރިމަތިން މީހެއްގެ ހިލަމެއް ވުމުންނެވެ. ކޮންމެވެސް ވަރަށް ދަންނަ ވަހެއް އޭނާގެ ނޭފަތުގައި ހަރުލައިފިއެވެ. ޖެހިފައި ހުރި އިސް އުފުލާ ބެލުމުގެ ކުރިން ކަޅި ހުއްޓުނު ފިޔަވަޅުފޮރުވިފައިވާ ބޫޓުގެ ސިފަ އޭނާގެ ހިތާއި ސިކުނޑީގައި ބިންވަޅު ނެގިފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ. އާއެކެވެ. އެއީ.....އެއީ ހަމަ....އެ ބޫޓެވެ....އެއީ ހަމަ .... އެ ވަހެވެ....އެއީ އޭނާގެ....އޭނާގެ ޝާމިންގެ ހިލަމެވެ.

އުފުލިގެން ދިޔަ އެސްފިޔަތަކުގެ ތެރެއިން ވިދުން ގަދަވެގެން ދިޔަ ކަޅިރަވައިގެ ތޫނުކަމަށް އެޅުނު އަލިން ސާފުކޮށްލި ޝާމިންގެ މޫނުން....ގޮސް ހަމަވި ހަތަރުކަޅިއާއިއެކު ދެމެދުގައި ހުރި ފޫޓެއްގެ ދުރުމިން ހިމަރޮދިފަށަކަށްވެސް ޖާގައެއް ނުދެވޭ ވަރަށް ގާތަށް ޖެހެވުމާއިއެކު....ދެވަނަ ހިނދުކޮޅުގައި ޝާމިންގެ މޭގެ ތެރޭގައި ޝައުފާގެ މޫނު ޖެހި ބާރުވެއްޖެއެވެ. އެމުލައްދަޑީގެ ތެރޭގައި ޝައުފާގެ ވުޖޫދު ބޮޑިކޮށްލެވިއްޖެއެވެ. އެތަކެއް ދިގުރޭތަކާއި ކަޑައްތު ކުރުމަށް ރާސްތާ ދިގުވެގެންދިޔަ ދުވާ ތަކުގެ ގިނަވެފުނިޖެހިފައިވާ ހާސްހާސް ޝަކުވާ ފެނަށްވެ އާތްވަށްވެ ޖައްވަށް އަރާ ގެއްލި ނެތި ހިނގައްޖެއެވެ. ދެމީހުން ހަމަ ދާދި ދެންމެއަކު ވަކިވެފައި ބައްދަލުވިފަދައެވެ. އެއްވެސް ސުވާލަކަށް އެއްވެސް ޖަވާބެއްގެ ބޭނުމެއް ނެތި ހުރިހާ އަރަތެއް ހައްލުވެނިމިއްޖެއެވެ. ހިތާއި ހިތުގެ ގުޅުމަކީ އެ ކަހަލަ އެއްޗެކެވެ. އެކަކު އަނެކަކަށްޓަކައި އެއްވެސް ރުޅިވެރިކަމެއް ނުރުހުންތެރިކަމެއް ނެތެވެ. އެދެމީހުން ދުވަހަކުވެސް މައްސަލައެއް ނުޖެހޭ ކަހަލައެވެ. އެމީހުން ދުވަހަކުވެސް ވަތްކެއް ނުވަ ކަހަލައެވެ. އާއެކެވެ. ބުނުމަކާއި ނުލައި އެމީހުން ވައުދުވެ އެވައުދަށް ކަމޭހިތުމުގައި ބަސްތަކެއްގެ ބޭނުމެއް ނުމެނެތްމެއެވެ.

"މިޔޯ....ކަމަނާ.....މި.....މި....ކޮންއިރަކު.....އޯ....ޔާﷲ...."

ޝައުފާގެ ކޮޑުމަތިން ޝައުފާގެ އިސްތަށިނޑުގެ ތެރޭގައި ފޮރުވާލެވުނު މޫނު ހިއްލާލުމާއިއެކު، ޝާމިންގެ ލޮލުގައި ދިމާކުރިމަތީގައި ހުރި އުދޯލީގެ މަންޒަރުއަޅައިގެންފިއެވެ.

"އަހަރެމެންގެ....."

ޝާމިންގެ އިނގިލިތަކުގެ ތެރެއަށް އިނގިލިތައް މަހާލަމުން ޝައުފާ ހިނިތުންވެލީ ފަޚުރާއި ކާމިޔާބުގެ ކުލައާއި އަސަރުން ފުރިފައިވާ ހިނިތުންވެލުމެކެވެ.

"އަނހް...އޯހ....ސުބްޙާނަﷲ....މާޝާﷲ.."

ޝާމިންގެ ލޮލުން ފޭދުނީ އުފަލާއި ފަޚުރާއި ހިތާމަވެސް އެކުލެވޭ ހޫނު ކަރުނަތިކިތަކެކެވެ.

އޭނާގެ އަނބިމީހާ އުފުލީ ކޮންފަދަ ބޮޑު ބުރައެއްހެއްޔެވެ. ދުނިޔޭގެ ތެރޭގައި ހާމަ ވަޔާއި އޮއިގައި އުފާކުރަމުން އޭނާ ދިޔައިރު، އޭނާގެ ޙައްޤުގައި މިއަންހެންމީހާ ހޭދަކޮށްފައި މިވަނީ ކޮންފަދަ ދަތި ދުވަސްތަކެއް ހެއްޔެވެ. އަންހެނަކަށް ފިރިމީހާގެ ބޭނުން އެންމެ ބޮޑަށް ޖެހޭނެ އެއް ވަގުތަކީ ބަލިވެ އިންނަ، ދަރިން ވިހެއުމާއި، އެދަރިން ގެންގުޅުމުގައި ހޭނެން ހޭދަވާ ފުރަތަމަ މަރުހަލާތަކެވެ. ޝަކުވާގެ ކޫސް އަަޑު ކިޔުމަކާއި ނުލާ،ޝައުފާ އޭނާގެ އަމާނާތަށް ކުލަ ގެނައުމުގައި އެކަނިމާއެކަނި ވޭން އުފުލީތާއެވެ.

"އޯހ....އަަހަރެންގެ ރާނީސާހިބުކަމަނާ.....ކަމަނާއަށް ޝުކުރުއަދާކުރާނީ ކޮންފަދައަކުން....؟"

ޝައުފާގެ ނިއްކުރީގައި ބޮސްދެމުން ޝާމިން އެމޫނަށް ފުންނަޒަރަކުން ބަލާލިއެވެ. މިވަގުތު މުޅިދުނިޔޭގައި ވާ ހުރިހާ ރީތިކަމެއް ޝައުފާގެ މޫނުން އެއްފަހަރާ އޭނާއަށް ފެނުނު ކަހަލައެވެ.