ހުޅުމާލޭ ފޭސް ދޭއްގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ޕްރީ ސްކޫލް އެޅުމުގެ ބިޑަށް ކުރިމަތިލެވޭނީ 100 ޕަސަންޓު ދިވެހި ކުންފުނިތަކަށް ކަމަށެވެ. އަދި ބިޑަށް ކުރިމަތިލާ ފަރާތަކީ އެޗްޑީސީގެ މުވައްޒަފަކާއި ނުވަތަ އެ ކުންފުނީގެ ބޯޑު މެމްބަރަކާ ނޫނީ އެ ކުންފުނީގެ ވިޔަފާރި ޕާޓްނަރަކާ އެއްވެސް ވަރެއްގެ މަސްލަހަތެއް އޮންނަ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ، ބިޑާ ބެހޭ މައުލޫމާތު އެ އޮފީހުގެ ގްރައުންޑު ފްލޯއިން ސާފުކުރެވެން ހުންނާނެ ކަމަށެވެ.

ބިޑުގެ މުއްދަތު ހަމަވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހު ބިޑު ހުޅުވާގޮތަށް ހަމަޖެހިފައިވާ އިރު، މިމަހުގެ 17 ވަނަ ދުވަހު ޕްރީ ބިޑް މީޓީން އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.