ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރާ ދެކޮޅަށް, އެގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީން ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.
ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ޗެއާމަން ބިލަވާލް ބުއްޓޯ ޒަރްދާރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, ޕާކިސްތާން ސަރުކާރު ހިންގާ ތަހްރީކް އޭ އިންސާފު ޕާޓީއާ ދެކޮޅަށް އެމީހުން ނުކުންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ މުޒާހަރާ ފަށާނީ ކަރާޗީން ކަމަށްވެސް ބުނެފައިވެއެވެ.
ޕާކިސްތާން ސަރުކާރާ ދެކޮޅަށް ޕީޕީޕީން ނުކުންނަން ނިންމާފައިވާ އިރު, އެގައުމުގެ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް) އިންވެސް ވަނީ އިސްލާމްއާބާދުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފައެވެ.
ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން މި ނުކުންނަނީ, އެގައުމުގެ އިންފްލޭޝަން ހިފެހެއްޓުމެއް ނެތި މައްޗަށްދާތީ އާއި އެކަމާ ގުޅިގެން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައި ވަނިކޮށެވެ.
އެގޮތުން ހުސްވި މަހުގެ ތެރޭގައި ޕާކިސްތާނުގެ އިންފްލޭޝަން ވަނީ 11.5 ޕަސެންޓުން 12.3 ޕަސެންޓަށް އުފުލިފައެވެ. މިއީ 21 މަސް ތެރޭގައި އިންފްލޭޝަން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ޕާކިސްތާން ސަރުކާރުން ބުނާ ގޮތުން, އިންފްލޭޝަން މައްޗަށް ދަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. އަދި ކާނާގެ އަގުތައް ވެސް މައްޗަށް ގޮސްފައިވަނީ އެކަމާ ގުޅިގެން ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުން ކަމަށްވެސް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ