ފަސޭހަކަމާއެކު ޕީސީއާރް ޓެސްޓު ހެދޭނެ ގޮތް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާކުރައްވައިފިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކޮވިޑު ޖެހިފައިވާކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓު، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސުމަށް ކުރެވެންހުރި ކަންކަމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ވަނީ ކޮވިޑުގެ ބޫސްޓާ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކޮށް، ކުރު މުއްދަތެއްގައި ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް މަޝްވަރާކުރައްވައިފައެވެ.
މާލެއިން އަތޮޅުތެރެއަށް ދާއިރު، ޕީސީއާރް ޓެސްޓު ހެދުން މަޖުބޫރުކުރުމާއެކު، ސާމްޕަލް ނަގާ ސެންޓަރުތަކަށް ވަނީ ބާރުބޮޑުވެފައެވެ. ބައެއް މީހުން އެތައް އިރަކު ކިއުގައިވެސް ތިބެން ޖެހިފައިވެއެވެ.
އެކަމަށް ހައްލެއް ހޯދައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނެގެޓިވް ޕީސީއާރެއް ނެތަސް މާދަމާގެ ނިޔަލަށް އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައި، ކޮވިޑަށް ޓެސްޓު ކުރެވޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސައިފައެވެ.
ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުން އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާކުރައްވާފައިވާއިރު، ރާއްޖޭގައި ތިބި ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް، ރާއްޖޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކު އެވްރެޖުކޮށް 300 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ. އެޗްޕީއޭއިން ވަނީ ރާއްޖޭގައި "އޮމިކްރޯން" ވޭރިއަންޓުވެސް ހަލުވިކަމާއެކު ފެތުރޭތީ، ކޮވިޑުގެ އިތުރު ރާޅެއް މިމަހުގެ ފަހުކޮޅުގައި އައިސްދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު