ޕީސީއާރު ޓެސްޓު ހެދުމުގެ ހުއްދަ ލެބޯޓަރީތަކަށް ދެނީ، އެ ލެބޯޓަރީއެއްގެ ހިއްސާދާރުންނަށް ބަލައިގެން ނޫން ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވެ، އޮމިކްރޯން ވޭރިއަންޓް ފެންނަން ފެށުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ އާދީއްތަ ދުވަހު ވަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ނޫނީ މާލެއިން ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް ހަމަޖެއްސައިފައެވެ. އެ ނިންމުމާއެކު ގިނަ ބައެއްގެ ތުހުމަތުތައް ވަނީ އެޗްޕީއޭއަށް އަމާޒުކުރިއެވެ.
އެގޮތުން އެންމެ ގިނަ ބައެއްގެ ތުހުމަތު އަމާޒުވި އެއް ފަރާތަކީ ކޮވިޑް ކޮންޓްރޯލްކުރުމަށް އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) ގެ އެންމެ އިސްވެރިޔާ ކަމަށްވާ ޑރ. އަލީ ލަތީފު އަށެވެ. އަދި ޕީސީއާރު ޓެސްޓަކީ އެޗްޕީއޭގެ މަދަދާއެކު ހިންގާ ވިޔަފާރިއެއް ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ޑރ. ލަތީފަށް އަމާޒުކޮށް މީގެ ކުރިން ވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. ޕީސީއާރް ޓެސްޓު ހަދައިދޭ ލެބޯޓަރީއެއްގެ ހިއްސާދާރަކަށް މީގެ ކުރިން ޑރ. ލަތީފުގެ ނަން ވެސް އޮތެވެ. ނަމަވެސް ފަހުން ވަނީ އެ ހިއްސާ އާއިލާގެ އެހެން މެމްބަރެއްގެ ނަން މައްޗަށް ބަދަލުކޮށްފައެވެ.
ޑރ. ލަތީފު، ޓެގް ޓީމުގައި ހުންނަވައިގެން އޭނާގެ މަސްލަހަތު ހިމެނޭ ލެބޯޓަރީއަށް ފައިދާވާ ގޮތަށް ނިންމުން ނިންމާކަމަށް ބުނެ މިފަހުން އަޑުގަދަ ވެފައިވަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ނޫނީ މާލެއިން ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް އެޗްޕީއޭއިން ހަމަޖެއްސުމުންނެވެ.
ޓެގް ޓީމުން ޑރ. ލަތީފު ވަކިކުރަން ސޯޝަލް މީޑިއާގައި އާންމުން ގޮވާލަމުން ދަނިކޮށް ޑރ. ލަތީފަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ދިފާއުކޮށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ހެލްތު މިނިސްޓްރީން ޕީސީއާރް ޓެސްޓު ހަދަން ލެބޯޓަރީތަކަށް ހުއްދަދެނީ އެ ލެބޯޓަރީއެއްގެ ހިއްސާދާރުންނަށް ބަލައިގެން ނޫން ކަމަށެވެ. އޭނާގެ އެގޮތަށް ވިދާޅުވީ މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ޑރ. ޝާހު އިތުރަށް ވިދާޅުވީ ލެބޯޓަރީގައި ބޭނުންކުރާ މެޝިންތަކަކީ އަގު ބޮޑު ތަކެއްޗަށް ވުމުން ރާއްޖެ އާއި ބޭރުގައި އޭގެ އަގު ތަފާތުވާނެ ކަމަށެވެ. އަދި ވިދާޅުވީ ޓެގް ޓީމުގައި ހިމެނޭ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއް ނިންމާ އިރު، އެ ފަރާތްތަކުން އެކަމެއްގައި ބައިވެރިނުވާނެ ކަމަށެވެ.
އަމިއްލަ ލެބޯޓަރީތަކުން ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ބޮޑުކަމަށް އާންމުން ޝަކުވާކުރިޔަސް، ޕީސާއާރު ޓެސްޓުގެ އަގު ހެޔޮކުރުމާ ގުޅޭގޮތުން މަޝްވަރާނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި މަސައްކަތްކުރާނީ ވީހާވެސް ގިނަ ލެބޯޓަރީތަކަށް ޕީސީއާރު ޓެސްޓު ހެދުމުގެ ހުއްދީ، މިހާރުގެ މާކެޓް ޕްރައިސް ވައްޓާލުމަށް ކަމަށްވެސް ޝާހު މާހިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު