ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފު އައްޔަނުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް ޑރ. އަޝްރަފު އައްޔަނުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަޝްރަފު އެ މަގާމަށް އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި، ޑރ. ޝީޒާ އަލީގެ ހަތަރު އަހަރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި މިހާތަނަށް 14 އަހަރު ހިދުމަތްކުރައްވާފައިވާ ޑރ. އަަޝްރަފަކީ، ޔޫކްރެއިިންގެ ކްރައިމިއާ ސްޓޭޓް މެޑިކަލް ޔުނިވާސިޓީން އިންޓާނަލް މެޑިސިން ހައްދަވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނޭޕާލުގެ ނޭޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައިންސްގައި އިންޓާނަލް މެޑިސިންގެ ތަމްރީނުވެސް ހައްދަވައިފައެވެ.
ޑރ. އަޝްރަފު އެންމެ ފުރަތަމަ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗުގައެވެ. އޭގެ ފަހުން ބައެއް އެހެން ހޮސްޕިޓަލުތަކުގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.
ޑރ. އަޝްރަފު މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ނޮދާން ހެލްތު ސާވިސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރުކަމާއި ހުޅުމާލެ ހޮސްޕިޓަލުގެ އިސްވެރިޔާކަންވެސް ހިމެނެއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތަކީ ސިވިލް ސާވިސްގެ މަގާމުތަކަށް ބަލާއިރު އެންމެ ބޮޑު މުސާރަ ލިބޭ އެއް މަގާމެވެ. އެގޮތުން، އެ މަގާމުގެ މުސާރައަކީ މަހަކު ޖުމުލަ 70،000 ރުފިޔާއެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 54،430 ރުފިޔާގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530 ރުފިޔާއެވެ.
- ސިއްހީ ދާއިރާ ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނުތައް ހެދުމަށް މިނިސްޓްރީއަށް ލަފާދިނުން
- ސިޔާސީ ގޮތުންނާއި ފަންނީ ގޮތުން ކަނޑައަޅާ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭރު ގައުމުތަކުގެ އެހީ ހޯދުމަށް އިރުޝާދު ދިނުން
- ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް މުއައްސަސާތަކާއެކު މަޝްވަރާކޮށް، އެކަމަށް މަގުފަހިކޮށްދިނުން
- ރާއްޖެއަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ސިއްހީ ދާއިރާގެ ފަންނީ ލަފާދޭ އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރުން
- ސިއްހީ ދާއިރާ އާއި ހެލްތު މިނިސްޓްރީއާ ގުޅުން ހުރި އެހެން ކަންކަމުގައި ލަފާދޭ އެންމެ އިސް މީހެއްގެ ގޮތުގައި މަސައްކަތްކުރުން
ޑިރެކްޓާ ޖެނެރަލަކަށް އައްޔަން ކުރާނީ، ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވާ މީހަކަށްވުމާއެކު ސިއްހީ ދާއިރާގައި އަށް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު