މުނިފޫހިފިލުވުން

ގޯލްޑަން ގްލޯބްސް: ހަމަނުޖެހުންތަކާއެކުވެސް އެވޯޑު ހަފުލާ ކުރިއަށް

މިއަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑު ހަފުލާ ބާއްވައި، ހައްގުވާ ފަރާތްތަކުގެ ނަންތައް އިއުލާނުކޮށްފިއެވެ.

އަބަދުވެސް ކުލަގަދަކޮށް ބާއްވަމުން އަންނަ ގޯލްޑަން ގްލޯބްސް އެވޯޑު ހަފުލާ މިއަހަރު ލޮސް އެންޖެލިސްގައި ބާއްވާފައިވަނީ އެއްވެސް ބަޔަކަށް ހާޒިރުނުވެވޭ ގޮތަށެވެ. މި ނިންމުމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާ އިރު، މި ނިންމުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން މި ހަފުލާ އެއްވެސް ޓީވީއަކުން ދުރަށް ދައްކައިފައެއް ނުވެއެވެ.

މިފަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑު ހާސިލުކުރި އެންމެ މޮޅު ފިލްމަކަށް ބެނެޑިކްޓް ކަމްބަބެޗް ކުޅެފައިވާ ''ދަ ޕަވާ އޮފް ދަ ޑޯގް'' ވަނީ ވެގެން ގޮސްފައެވެ. އޭގެ އިތުރުން ސްޓީވެން ސްޕީލްބާގް އުފެއްދި ''ދަ ވެސްޓް ސައިޑް ސްޓޯރީ''އަށް ވެސް ވަނީ ގިނަ އެވޯޑުތަކެއް ލިބިގެން ގޮސްފައެވެ. 1961 ވަނަ އަހަރުގެ ފިލްމު ''ދަ ވެސްޓް ސައިޑް ސްޓޯރީ''ގެ ރީމޭކެއް ކަމަށްވާ މި ފިލްމަށް އެންމެ މޮޅު މިއުޒިކަލް ނުވަތަ ކޮމެޓީ ޑްރާމާގެ އެވޯޑު ލިބުނު އިރު، އެ ފިލްމުގައި ހަރަކާތްތެރިވި ރެޗަލް ޒެގްލާ އަދި އަރިއާނާ ޑިބޯސް އަށްވެސް ވަނީ އެމީހުންގެ ހުށަހެޅުމަށް އެވޯޑު ލިބިގެން ގޮސްފައެވެ.

ކާމިޔާބީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށް މި ދެތަރިންވެސް ވަނީ ޓުވީޓެއް ކޮށްފައެވެ. އަދި ޑި ބޯލޯގެ ޓުވީޓުގައި އޭނާ ވަނީ ހަފުލާ އިންތިޒާމު ކުރާ ފަރާތް ކަމަށްވާ ހޮލީވުޑް ފޮރީން ޕްރެސް އެސޯސިއޭޝަން (އެޗްޕީއެފްއޭ) ކުށްވެރިކޮށް ހިންގަމުންގެންދާ އިހުތިޖާޖަށްވެސް އަލިއަޅުވާލައިފައެވެ. ޑި ބޯލޯގެ ޓުވީޓުގައި ބުނެފައިވަނީ ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް ފިލްމަށް އޭނާ ކުރި ބުރަ މަސައްކަތާއި އޮހޮރުވި ދަލާއި ހޭދަކުރި ވަގުތަށް ބަލައި އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށްފައިވާތީ އޭނާއަށް އެވޯޑު އަބަދުވެސް ހާއްސަ ވާނެ ކަމަށެވެ.

އެންމެ މޮޅު ޑުރާމާ ފިލްމުގެ އެވޯޑު ''ދަ ޕަވާ އޮފް ޑޯގް'' އަށް ލިބިފައިވާ އިރު، ފިލްމުގެ ޑައިރެކްޓަރު ޖޭން ކެމްޕިއޮން އަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިފައެވެ. އަދި އެ ފިލްމުގައި ހަރަކާތްތެރިވި ކޯޑީ ސްމިޓް މެކްފީ އަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑު ލިބިފައެވެ. ބެނެޑިކްޓް ކަމްބަބެޗް އަދި ކަރސްޓަން ޑަންސްޓް ލީޑު ރޯލުތައް ކުޅެފައިވާ މި ފިލްމުން އެންމެ މޮޅު އެކްޓަރަކަށް ބެނެޑިކްޓް ވާދަ ކުރި ނަމަވެސް އެ އެވޯޑު ލިބިގެން ގޮސްފައިވަނީ ފިލްމު ''ކިންގް ރިޗާޑް'' އިން ވިލް ސްމިތަށެވެ.

ވިލް ސްމިތަށް އެ އެވޯޑު ލިބިފައިވަނީ ދުނިޔޭގެ ޓެނިސް ޗެމްޕިއަނުން ކަމަށްވާ ވީނަސް ވިލިއަމްސް އަދި ސެރީނާ ވިލިއަމްސް ދުނިޔޭގެ ޗެމްޕިއަނުންނަށް ހެދުމަށް އެ ދެބެއިންގެ ބައްޕަ ކުރި ބުރަ މަސައްކަތުގެ ވާހަކަ ގެނެސްދޭ ފިލްމު ''ކިންގް ރިޗާޑް''ގައި ވިލް ކުޅެދިން ރިޗާޑް ވިލިއަމްސްގެ ރޯލުންނެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ނިކޯލް ކިޑްމަން އަށް ލިބިފައިވާ އިރު، މިއީ އޭނާ ގޯލްޑަން ގްލޯބު އެވޯޑު ހާސިލުކުރި ފަސްވަނަ ފަހަރެވެ. ނިކޯލް އަށް މިފަހަރުގެ އެވޯޑު ލިބިފައިވަނީ ''ބީއިންގް ދަ ރިކާޑޯސް'' ގައި ޓީވީ ލެޖެންޑު ލުސިޑް ބާލްގެ ކެރެކްޓާއަށް އިންސާފުކޮށްދީގެންނެވެ.

ނިކޯލްގެ އިތުރުން ބަތަލާ ކޭޓް ވިންސްލެޓް ވެސް ވަނީ މިފަހަރުގެ އެވޯޑާއެކު ފަސްވަނަ ގޯލްޑަން ގްލޯބްސް އެވޯޑު ކާމިޔާބުކޮށްފައެވެ. ''މެއާ އޮފް އީސްޓް ޓައުން''ގައި އޭނާ ހުށަހަޅައިދިން މެއާގެ ރޯލުން ލިމިޓެޑް ސީރީސް އިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ކޭޓަށް ވަނީ ލިބިގެން ގޮސްފައެވެ.

ޓީވީ ކެޓެގަރީން އެންމެ ގިނަ އެވޯޑު ކާމިޔާބު ކުރީ ''ސަކްސެޝަން'' އިންނެވެ. އެންމެ މޮޅު ޑްރާމާ ސީރީސްގެ އެވޯޑު އެ ސީރީސްއަށް ލިބުނު އިރު، އެ ޝޯގައި ހަރަކާތްތެރިވި ޖެރެމީ ސްޓްރޯންގްއަށް އެންމެ މޮޅު ޓީވީ އެކްޓަރުގެ އެވޯޑު އަދި ސާރާ ސްނޫކްއަށް ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ވަނީ ލިބިފައެވެ.

މީގެ އިތުރުން ނެޓްފްލިކްސްގެ މަގުބޫލު ސީރީސް ''ސްކުއިޑް ގޭމް''ގައި އޯ ޔަން ސޫ ކުޅެދިން ރޯލަށް ލިބުނު އެވޯޑާއެކު އޭނާ ވަނީ ގޯލްޑަން ގްލޯބް އެވޯޑެއް ކާމިޔާބުކުރި ފުރަތަމަ ކޮރެއާގެ އެކްޓަރަށް ވެގެން ގޮސްފައެވެ.

މިފަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑު ހަފުލާ ކުލަގަދަކޮށް ނުބާއްވަން ނިންމިކަން މި ހަފުލާ އިންތިޒާމު ކުރާ ފަރާތް އެޗްޕީއެފްއޭ އިން އިއުލާނުކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. އެޗްޕީއެފްއޭގެ މި ނިންމުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އައިސްފައިވާ އިރު، އެމެރިކާގެ އެންބީސީން ވަނީ މި ހަފުލާ ބްރޯޑްކާސްޓު ނުކުރަން ނިންމައިފައެވެ.