މިދިޔަ 24 ގަޑިއިރު ތެރޭ 454 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 98،506 އަށް އަރައިފިއެވެ.
އެންމެ ފަހުން ކޮވިޑުގެ އަދަދުތައް 400 އިން ދަށަށް ވެއްޓުނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅެވެ. އޭގެ ކުރިން ކޮވިޑުގެ އަދަދުތައް ވަނީ 1,000 އިން މައްޗަށް ވެސް އަރައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 192 މީހަކާއި އަތޮޅުތެރެއިން 165 މީހަކާއި ރިސޯޓުތަކުން 74 މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 140 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 94،404 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 3،825 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި އިރު ހޮސްޕިޓަލުތަކުގައި 21 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 264 މީހަކު ވަނީ މަރުވެފައެވެ. އެއީ 247 ދިވެހީންނާއި 17 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު