ރައްޔިތުންނަށް ދަތިނުވާ ގޮތަށް ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް ގާއިމުކޮށްދިނުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ސަރުކާރަށް ގޮވާލައްވައިފިއެވެ.

ނާޒިމް މިގޮތަށް ގޮވައިލެއްވީ، މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މާލޭ ސަރައްދުން ފުރާ މީހުން ޕީސީއާރު ޓެސްޓު ހެދުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޖުބޫރު ކުރުމުން އެކަމަށްޓަކައި ސޯޝަލް ސެންޓަރާއި ސެނަހިޔާ ކައިރިއަށް ގިނަ ބަޔަކު ޖަމާވެ ތޮއްޖެހުމާ ގުޅިގެންނެވެ.

މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ނިންމައި އެތައް ބަޔަކު ރަށްރަށަށް ދާން ފުރާ ދުވަސްވަރުކަމަށް ވެފައި، އެޗްޕިއޭއިން ގެނައި މި ބަދަލާއެކު ރޭ އިރާކޮޅާއި ރޭ ފަތިހުންވެސް ކުޑަކުދިން ގޮވައިގެން އެތައްބަޔަކު ޕީސީއާރު ޓެސްޓް ހެދުމަށް ދިޔައީ ކިޔޫއަށް އަރަމުންނެވެ. އެކަމާ ގުޅިގެން މީހުން ގިނަވެ ހިދުމަތް ދިނުމަށްވެސް ވަނީ ބުރޫ އަރައިފައެވެ.

މިކަމާ ގުޅިގެން ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމެއް ގާއިމުކޮށްދިނުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލައިފައެވެ.

ނާޒިމް ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެތައް ގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

ނާޒިމްގެ އިތުރުން އެތައް ބަޔަކު ދަނީ އެ ކަމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަނދައި ދިނުމަށް ސަރުކާރަށް ގޮވައިލަމުންނެވެ.

ކިޔޫގައި ޖެހިގެން އެތައް ބަޔަކު ޕީސީއާރް ޓެސްޓް ހަދަން ޖެހިފައިވާތީ، ސަރުކާރަށާއި އެޗްޕީއޭއަށް އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެހެންވެ އެޗްޕީއޭއިން ވަނީ ހިލޭ ޓެސްޓް ހެދޭނެ އިތުރު އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން އެފްއޭއެޕް އިމާރާތުގައި މިހާރު ވަނީ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.