ދުނިޔެ

ޑޮލަރުގެ ތާށިކަމުގެ ސަބަބުން ތެޔޮ ގަންނަން ދަތިވެ ލަންކާ އިން ކަރަންޓު ކަނޑަން ނިންމައިފި

ޑޮލަރުގެ ތާށިކަމުގެ ސަބަބުން ތެޔޮ ގަންނަން ދަތިވެ ލަންކާ އިން ކަރަންޓު ކަނޑަން ނިންމައިފިއެވެ.

އެގައުމުގެ ސިލޯން އިލެކްޓްރިސިޓީ ބޯޑު ސީއީބީ އިން ވަނީ ދުވާލަކު ދެގަޑިއިރާއި ބަޔަށް ކަރަންޓު ކަނޑާލުމަށް އެގައުމުގެ މިނިސްޓްރީ އޮފް ޕަވާއަށް ހުށަހަޅައިފައެވެ. ސީއީބީގެ އިސް އޮފިޝަލަކު ޔަގީންކޮށްދީފައިވާގޮތުގައި ކަރަންޓު ކަނޑަން ހަމަޖެހިފައިވަނީ ހެނދުނު 11:00 އިން ފެށިގެން ހަވީރު 6:00 އާ ދޭތެރޭ އަދި 45 މިނިޓުގެ ދިގުމިނަށް ހަވީރު 6:00 އާއި ރޭގަނޑު 9:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.

އެގައުމުގެ އެނާޖީ މިނިސްޓަރު އުދާޔާ ގަމަންޕިލާ މިދިޔަ ހުކުރު ދުވަހު ވަނީ މި މަހުގެ ތިން ވަނަ ހަފުތާއާ ހަމައަށް އެގައުމަށް ބޭނުންވާ މިންވަރަށް ތެޔޮ ލިބުން ތާށިވާނެކަން ފާހަގަކުރައްވައި ތެޔޮ ގަތުމަށް އިމްޕޯޓުކުރުމަށް ބޭނުންވާ ބޭރުގެ ފައިސާ ލިބޭނެ ގޮތެއް ހަދައިދިނުމަށް ސެންޓްރަލް ބޭންކުގައި އެދިވަޑައިގެންފައެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައިގައި ތަފާތު ދަތިތަކާ ކުރިމަތިލަމުން ދަނިކޮށް ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ވަނީ 1.2 ބިލިއަން ޑޮލަރުގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް އިއުލާނުކޮށްފައެވެ.

މިދިޔަ މަހުގެ ކުރީކޮޅު އެގައުމުގެ ރިޒާވް ހުރީ ކިރިޔާ މަހަކަށް ވާ ވަރަށް އިމްޕޯޓު މުދާ އެތެރެ ކުރެވޭ ވަރަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ސެންޓްރަލް ބޭންކުން ބުނެފައިވަނީ ފޮރިން އެސްކްޗޭންޖު ރިޒާވް ފާއިތުވި މަސްދުވަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށާއި 3.1 ބިިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. ހަބަރުތައް ބުނާގޮތުގައި ފޮރެކްސް ރިޒާވް ރަނގަޅުވެފައިވަނީ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން 1.6 ބިލިއަން ޑޮލަރަށްވާ ދިހަ ބިލިއަން ޔުއާން ފޯރުކޮށްދިނުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ލަންކާއިން ސޮއިކުރުމަށް މިދިޔަ އަހަރުގެ މާޗް 31 ގައި ނިންމާފައިވުމާ ގުޅިގެންނެވެ.

ތެޔޮ ލިބުމުގެ ތާށިކަން ކުޑަކުރުމުގެ ގޮތުން މިހާރު ލަންކާ އިން ވަނީ ތެޔޮ ޓޭންކަރު ފާމެއް ތަރައްގީކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ލަންކާގެ ތާމަލް ޕަވާ ޕްލާންޓަށް ތެޔޮ ސަޕްލައިކޮށްދެމުން އަންނަ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން ސީޕީސީ އިން ވަނީ ޑޮލަރު ލިބުމުގެ ތާށިކަމާ ހެދި ތެޔޮ ފޯރުކޮށްދިނުން ހުއްޓާލައިފައެވެ. ސީއީބީން ސީޕީސީއަށް މިހާރުވެސް 90 ބިލިއަން ލަންކާ ރުޕީސް ދައްކަން ޖެހިފައިވާ އިރު، އެނާޖީ މިނިސްޓްރީން އަންގާފައިވަނީ ޑޮލަރުން އެ ދަރަނި އަދާކުރެވޭނެ މަގެއް ނެތި ތެޔޮ ލިބުމުގެ ތާށިކަމަށް ހައްލެއް ގެނެވެން ނެތް ކަމަށެވެ.