މަންމައާއެކު މަސައްކަތްކުރަން ޖެހިލުންވާ ކަމަށް ބަތަލާ ސޯހާ އަލީ ހާން ބުނެފިއެވެ.
ސޯހާގެ މަންމަ ޝަރްމިލާ ޓެގޯރުއަކީ ކުރީގެ އެންމެ ޓޮޕް އެކްޓަރުންނާއެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ ވަރަށް މަޝްހޫރު ބަތަލާ އެކެވެ. އުމުރުން ދުވަސްވެފައިވާތީ ފިލްމުތަކުގައި އޭނާ މިހާރު އަދާކުރަނީ މަންމަގެ ބައެވެ.
ސޯހާއާއި އޭނާގެ މަންމައާ ދެމައިން އެކުގައި ފުރަތަމަ ފިލްމަކުން ފެނުނީ 2009 ވަނަ އަހަރު ނެރުނު ފިލްމު ''ލައިފް ގޯސް އޮން'' އިންނެވެ. އެ އަހަރުގެ ލަންޑަން އޭޝިއަން ފިލްމް ފެސްޓިވަލް އަދި ޕްރަވަސީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލުން އެވޯޑް ލިބިފައިވާ އެ ފިލްމުގައި، މަންޖޫގެ ރޯލު ޝަރްމީލާ ކުޅެދީފައިވާ އިރު، މަންޖޫގެ ދަރިފުޅު ދިޔާގެ ރޯލު ހުށަހަޅައި ދީފައި ވަނީ ސޯހާއެވެ.
ވަރަށް ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސޯހާ ވަނީ އޭނާގެ މަންމައާއެކު ފިލްމުގައި މަސައްކަތްކުރި ތަޖުރިބާތައް ހިއްސާކޮށްފައެވެ. އަދި ފިލްމީ ކެރިއަރުގައި އޭނާ ހިޔާރުކުރާ ރޯލުތަކާމެދު މަންމައާ މަޝްވަރާކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ސޯހާ ފާހަގަކުރި ގޮތުގައި އޭނާގެ މަންމަގެ އުއްމީދުތައް އުޅެނީ މާމަތީގައެވެ. އެގޮތުން ދުރާލާ މާ ކުރިން ފިލްމަށް ތައްޔާރުވާ ކަމަށް ވެސް ބުންޏެވެ.
ސޯހާ ބުނި ގޮތުގައި މަންމައާއެކު އެންމެ އިޝްތިހާރެއް ކުޅެންވެސް އޭނާ ބިރުގަނެއެވެ. އަދި އޭނާ މަސައްކަތަށް ތައްޔާރުވާއިރު ހުރިހާ ކަމެއްވެސް ފުރިހަމައަށް ހުންނަންޖެހޭ ކަމަށް މަންމަ ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.
އެގޮތުން ފިލްމުގައި ލާންޖެހޭ ހެދުމުން ފެށިގެން އަރާނެ ބޫޓުތަކާއި ގަހަނާތައް، ޝޫޓިންގެ ދެ ހަފުތާ ކުރިން ސެޓުކުރާ ކަމަށް ސޯހާ ބުންޏެވެ. އަދި މަންމައާ އަޅާބަލައި އިރު ސޯހާ އަށް އެވަރަށް ތައްޔާރު ނުވެވޭ ކަމަށާއި ގިނަ ފަހަރަށް އޭނާގެ ހެދުމުގައި ކޮންމެވެސް ކާ އެއްޗެއް އުނގުޅި ލަފެއް ޖެހިފައި ހުރެދާނެ ކަމަށްވެސް ބުންޏެވެ.
ފިލްމު ''ރަންގް ދެ ބަސަންތީ'' ކުޅުނު ދުވަސްވަރު މަންމަގެ ލަފައަށް އެދުމުން ދިން ނަސޭހަތްވެސް ސޯހާ ވަނީ ހިއްސާ ކޮށްފައެވެ. އެ ފިލްމުގައި ސޯހާ ހުށަހަޅައިދިން ކެރެކްޓާ އިތުރަށް ފުރިހަމަކުރާނެ ގޮތަކާމެދު މަންމަގެ މަޝްވަރާއަކަށް އެދުމުން، ހަމައެކަނި ޑައިރެކްޓަރު ބުނާ ގޮތް ހެދުމަށް މަންމަ ލަފާދިން ކަމަށް ސޯހާ ފާހަގަކުރިއެވެ.
އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓް ކޮށްފައިވާ ''ރަންގް ދެ ބަސަންތީ''އަކީ 2006 ވަނަ އަހަރު އެންމެ މޮޅު ނެޝަނަލް ފިލްމް އެވޯޑު ހާސިލުކޮށް، ޖެހިގެން އައި އަހަރުގެ ބަފްޓާ އެވޯޑަށްވެސް ހުށަހެޅުނު ފިލްމެކެވެ.
ސޯހާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލައި އިރު، ޒީފަހެއްގެ ވެބް ސީރީސް ''ކޯން ބަނޭގީ ޝިކާރްވަތީ'' އިން އޭނާ ވަރަށް އަވަހަށް ފެނިގެންދާނެއެވެ. މި ސީރީސްގައި ސޯހާގެ އިތުރުން ނަސީރުއްދީން ޝާހް އަދި ލާރާ ދައްތާވެސް ފެންނާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން