މުނިފޫހިފިލުވުން

"ފުލް ހައުސް"ގެ ތަރި ބޮބް ސެގެޓް މަރުވެފައި އޮއްވައި ފެނިއްޖެ

''ފުލް ހައުސް''ގެ ތަރި ބޮބް ސެގެޓް މަރުވެއްޖެއެވެ.

1980 ގެ އަދި 1990ގެ އަހަރު ތަކުގެ ތެރޭގައި މަޝްހޫރު ވި ކޮމެޑީ ޝޯ ''ފުލް ހައުސް''ގެ ތަރި ބޮބް ސެގެޓް މަރުވެފައި އޮއްވައި ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައި ފްލޮރިޑާގެ ހޮޓެލެއްގެ ތެރެއިންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ރިޒް-ކާލްޓަން އޯލޭންޑޯ ގްރޭންޑް ހޮޓަލުން ކުރި ރިޕޯޓަކާ ގުޅިގެން އެތަނަށް ދިޔައިރުވެސް ބޮބް ވަނީ މަރުވެފައެވެ. އަދި އޭނާގެ މަރުގެ ފަހަތުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ނުކުރެވޭ ކަމުގައި ވަނީ ބުނެފައެވެ.

އުމުރުން 65 އަހަރުގައި މަރުވި ބޮބް ''ފުލް ހައުސް''ގައި ފެނިގެން ގޮސްފައިވަނީ ޑެނީ ޓޭނާގެ ކެރެކްޓާގައި މަންމައަކާ ނުލައި ތިން އަންހެން ދަރިން ބަލަހައްޓަމުން އަންނަ އެކަނިވެރި ބައްޕައެއްގެ ގޮތުގައެވެ. 1985 ވަނަ އަހަރުން ފެށިގެން 1995 އާ ހަމައަށް މި ޝޯގެ އަށް ސީޒަނެއް އޭބީސީ އިން ނެރެފައިވާއިރު، ''ފުލް ހައުސް'' ވަނީ ގިނަ ބަޔަކު ޝައުގުވެރިކުރުވައިފައެވެ. ''ފުލް ހައުސް''ގެ އިތުރުން ބޮބް ވަނީ ''އެމެރިކާސް ފަނިއެސްޓް ހޯމް ވީޑިއޯސް'' ހޯސްޓުކޮށްދީގެން ވެެސް މަގުބޫލުކަން ހޯދައިފައެވެ.

ބޮބް އެންމެފަހުން ކުރި ޓުވީޓު---

ބޮބް މަރުވުމުގެ ވަގުތުތަކެއް ކުރިން އިއްޔެ އޭނާވަނީ ޓުވީޓެއްވެސް ކޮށްފައެވެ. އޭނާ ކުރި ޓުވީޓުގައި ބުނެފައިވަނީ ޖެކްސަންވިލްގައި ކުރިއަށްދިޔަ ޝޯގައި ބައިވެރިވެ މަޖާ ވަގުތުތަކެއް ހޭދަކޮށްލަން ލިބުނުކަމަށާއި 2 ގަޑިއިރުގެ ސެޓެއް ނިމިގެން ދިޔައިރުވެސް ނޭނގުނު ކަމަށެވެ.

ބޮބް މަރުވިއިރު އޭނާގެ އަންހެނުން ކެލީ ރިޒޯ އަދި ތިން ދަރީން ދުނިޔޭގައި އެބަތިއްބެވެ.