ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.

އެ ޕޯޓަލް އިފުތިތާހު ކޮށްދެއްވާފައި ވަނީ އެޗްޑީސީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމެވެ.

އެޗްޑީސީން ބުނީ، އެ ޕޯޓަލުގެ މަގުސަދަކީ ބިޑަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަވާނޭ ގޮތަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ކުރިއަށް ގެންދިއުމާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދު ކުރުން ކަމަށެވެ.

އަދި މިއީ ބިޑާއި ޕްރޮޕޯސަލް އޮންލައިންކޮށް އެއް ޕޯޓަލެއް މެދުވެރިކޮށް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލެވޭ އެންމެ ފުރަތަމަ އޮންލައިން ޕޯޓަލްކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، އޮންލައިންކޮށް ބިޑާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ވަގުތު ސަލާމަތްވެ ފަސޭހަކަމާއެކީ އެކަން ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ބިޑްތަކުގެ ސްޓޭޓަސް ބަލާލެވުމުގެ އިތުރުން ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ފަރާތްތަކަކީ އެކަމަށް ގާބިލު ފަރާތެއްކަންވެސް ޔަގީން ކުރެވޭނެ ކަމަށް ބުންޏެވެ.

މި ޕޯޓަލް ބޭނުންކުރުމަށް އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.