އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި ސެނެގާލްއިން މިރޭ ކުޅެން އޮތް މެޗުން ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރު އެޑުއާޑް މެންޑީ އާއި ނަޕޯލީގެ ޑިފެންޑަރު ކަލިޑޫ ކުލިބާލީ ނުފެންނާނެ ކަން ޔަގީން ވެއްޖެއެވެ.

އެފްކޮންގައި ވާދަކުރާ ޓީމުތަކަށް ކޮވިޑް 19ގެ އުނދަގޫ ހާލަތްތައް ދިމާވެފައިވާ އިރު، މެންޑީއާއި ކުލިބާލީވެސް ވަނީ އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. މުބާރާތުގައި ވާދަކުރާ އެންމެ ރޭންކިން މަތި ގައުމު ސެނެގާލްއަށް މުހިއްމު ދެ ކުޅުންތެރިން ގެއްލުމަކީ މާޔޫސްވާނެ ކަމެކެވެ. މިވަގުތު ދެ ކުޅުންތެރިންވެސް އެކަހެރިވެގެން ތިބި އިރު، އެ ދެ ކުޅުންތެރިންނަށް ގެއްލޭނީ ގްރޫޕް ބީގައި ސެނެގާލްއިން މިރޭ ޒިންބާބުވޭއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެ ދެ ކުޅުންތެރިންގެ އިތުރުން ސެނެގާލްގެ ފޯވަޑް ފަމަރާ ޑީޑޫއަށްވެސް ކޮވިޑް ޖެހި އެކަހެރިވާން ޖެހިފައިވެއެވެ. އަދި ސެނެގާލްއިން މުބާރާތަށް ކެމަރޫނަށް ދިޔައީ ސްކޮޑުގެ ހަ ކުޅުންތެރިން ނުލައެވެ. އެ ހަ ކުޅުންތެރިން މަޑުކުރަން ޖެހުނީ ކޮވިޑަށް ޕޮޒިޓިވް ވެގެންނެވެ.

ކޮވިޑް ކޭސްތަކާ ގުޅިގެން ސެނެގާލްގެ ކޯޗު އަލޫ ސީސޭ ބުނެފައި ވަނީ ގައުމީ ޓީމުގެ ސްކޮޑަށް ދިމާވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި، އެ ހާލަތުން އަރައިގަންނަން ޓީމު އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. ކޯޗު ސީސޭއަށް މިވަގުތު ސްކޮޑަށް ނެގެން ތިބީ 17 ކުޅުންތެރިއެކެވެ. ޓީމުގެ އެހެން ކުޅުންތެރިން ތިބީ އަނިޔާގެ އިތުރުން ކޮވިޑް އައިސޮލޭޝަންގައެވެ.

ސެނެގާލްގެ ކެޕްޓަން ކަންވެސް ކުރަމުންދާ ކުލިބާލީ މުބާރާތަށް ނުކުތީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ލިބުނު އަނިޔާއިން ރަނގަޅުވި ފަހުން މެޗެއް ނުކުޅެ ހުރެފައެވެ. މެންޑީއާއި ކުލަބާލީވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ އިރު، މެންޑީގެ ބަދަލުގައި ސެނެގާލްގެ ގޯލު މިރޭގެ މެޗުގައި ބަލަހައްޓާނެ ކަމަށް ބެލެވެނީ ތިންވަނަ ގޯލްކީޕަރު، ކިއުޕީއާރްގެ ސެނީ ޑީންގެވެ. އެއީ ދެވަނަ ގޯލްކީޕަރު، ރެނެސްގެ އަލްފްރެޑް ގޮމިސްއަށް ކޮވިޑް ޖެހި އަދި ގައުމުގައި އެކަހެރިވެ ހުރުމުންނެވެ.

އެފްކޮންގެ މެޗުތައް ރޭ ވަނީ ފަށައިފައެވެ. އެފްކޮންގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރޭ ކެމަރޫން ނުކުތީ ބުރްކީނޯ ފާސޯއާ ދެކޮޅަށެވެ. އެ މެޗު 2-1 އިން ކެމަރޫން ކާމިޔާބު ކުރި އިރު، ދެވަނަ މެޗުގައި ކޭޕް ވާޑޭން އިތިއޯޕިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.