ވެކްސިން ފުރިހަމަކޮށްފައިނުވާ މީހުން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރާނަމަ 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސަންޓަށްވުރެ މަތިވެފައިވާތީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުން އަތޮޅުތަކަށް ދަތުރުކުރާއިރު ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށެވެ. އަދި އަތޮޅުތަކަށް ފުރުމުގެ ހުއްދަ ދެވޭނީ ކޮވިޑަށް ނެގެޓިވްވުމުން ކަމަށްވެސް އިއުލާނުގައިވެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިނުވާ މީހުން 14 ދުވަހު ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވުމުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ފުރިހަމަނުކުރާ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.
ކޮވިޑް ވެކްސިން ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮންނަ ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ބުނީ އެ ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" ރާއްޖެއިން ފެނިފައިވާތީ އާއި މާލޭ ސަރަހައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ ކަމަށެވެ.
މީގެ އިތުރުންވެސް މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ބައެއް ފިޔަވަޅުތައް އަޅަން ވަނީ ނިންމައިފައެވެ. އެގޮތުން 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފުލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން މަނާވާނެއެވެ. އަދި އެއަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަރަކާތްތައްވެސް ބާއްވަން ވާނީ އެ އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާދަމާއިން ފެށިގެން މަގުމަތީ ބާޒާރުތައް ބޭއްވުން ވެސް މަނާވާނެއެވެ. އަދި ކުޅިވަރު މުބާރާތްތައްވެސް ކުޅިބަލާ މީހުން ވައްދައިގެން ބޭއްވުން މަނާވާނެއެވެ.
މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވެފައިވާއިރު، ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހު އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. އިއްޔެވެސް ވަނީ މާލެ ސަރަހައްދުން 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު