މާލޭ ސަރަހައްދުގައި ކުޅިބަލާމީހުން ވައްދައިގެން ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދިއުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ފިޔަވަޅު އެޅީ، ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" ރާއްޖެއިން ފެނިފައިވާތީ އާއި މާލޭ ސަރަހައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ ކަމަށެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކޮވިޑް ކޮންޓްރޯލްކުރުމަށް މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ބައެއް ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެގޮތުން 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފުލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން މަނާވާނެ ކަމަށާއި އެއަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަރަކާތްތައްވެސް ބާއްވަން ވާނީ އެ އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ މާދަމާއިން ފެށިގެން މަގުމަތީ ބާޒާރުތައް ބޭއްވުން މަނާވާނެ ކަމަށާއި ކުޅިވަރު މުބާރާތްތައްވެސް ކުޅިބަލާ މީހުން ވައްދައިގެން ބޭއްވުން މަނާވާނެ ކަމަށެވެ.
މި ފަހަކަށް އައިސް މާލޭ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، އިއްޔެ އެކަނިވެސް މާލޭ ސަރަހައްދުން 101 މީހުން ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުން ފުރާ މީހުން ޕީސީއާރް ޓެސްޓު ކުރަން ޖެހޭ ގޮތަށް ވެސް ހަދައިފައެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުން 14 ދުވަހަށް ކަރަންޓީންވާންޖެހޭ ގޮތަށް ވެސް ހަދައިފައެވެ.
ޚަބަރު
ޚަބަރު