މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސް އިތުރުވެފައިވާތީ މާލޭ ސަރައްދުން ފުރާ މީހުން ކޮވިޑަށް ޓެސްޓުކުރަން ޖެހޭގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.
އެޗްޕީއޭއިން މިއަދު ހަވީރު ނެރުނު އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސަންޓަށްވުރެ މަތިވެފައިވާތީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުން އަތޮޅުތަކަށް ދަތުރުކުރާއިރު ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށެވެ. އަދި އަތޮޅުތަކަށް ފުރުމުގެ ހުއްދަ ދެވޭނީ ކޮވިޑަށް ނެގެޓިވްވުމުން ކަމަށްވެސް އިއުލާނުގައިވެއެވެ.
މީގެ އިތުރުން މާލެ މާލޭ ސަރަހައްދުން ދަތުރުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.
- ކޮވިޑް ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުން
- ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުން. އަދި ކަރަންޓީނުން ދޫކުރެވޭނީ ޕީސީއާރް ޓެސްޓް ނަތީޖާ ނެގެޓިވް ވުމުން
- މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 'ކޮވިޑްސޭފް' ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުން، އަދި ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުން
މީގެ އިތުރުން މާލެ ސަރައްދުގައިވެސް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވާ ހަރަކާތްތައް ބޭއްވުން މަނާކޮށްފައެވެ. އަދި މަގުމަތީ ބާޒާރުވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ސަޕޯޓަރުން ވައްދައިގެން ކުޅިވަރު ހަރަކާތްތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވެފައިވާއިރު، ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހު އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. އިއްޔެވެސް ވަނީ މާލެ ސަރަހައްދުން 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު