މަނީ ލޯންޑަރިން މައްސަލައިގެ ދައުވާ އުފުލާފައިވާ ސުކޭޝް އާ ގުޅުވައި މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ދެކޮޅަށް ބޮލީވުޑް ތަރި ޖެކޮލިން ފެނާންޑެޒް ބަޔާނެއް ނެރެފިއެވެ.

ސުކޭޝް އާ ދެކޮޅަށް ބަލަމުން އަންނަ މައްސަލައިގައި ޖެކޮލިން ވަނީ ތިން ފަހަރަށް ފުލުހަށް ހާޒިރު ކޮށް ބަޔާންވެސް ނަގާފައެވެ. މި ދެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނަ ކަމަށް ދޭހަވާ ގިނަ ފޮޓޯތައް މީޑިއާގައި ދައުރުވަމުން އައިސްފައިވާއިރު އިއްޔެވެސް ވަނީ ދެމީހުން ގައިކޯޅިކޮށް ތިބެ ނަގާފައިވާ ފޮޓޯއެއް ވައިރަލް ވެފައެވެ. މިކަމާ ގުޅިގެން ޖެކޮލިން ވަނީ މީޑިއާގެ ކިބައިން އެފަދަ ފޮޓޯތައް ދައުރުކުރުން ހުއްޓާލުމަށް އެދި ބަޔާނެއް ނެރެފައެވެ.

ޖެކޮލިން ނެރުނު ބަޔާނުގައި ވަނީ އޭނާގެ ޒާތީ ފޮޓޯތައް އާއްމުކޮށް ދައުރުކުރުން ހުއްޓާލުމަށް މީޑިއާގެ ކިބައިން އެދިފައެވެ. އަދި މިވަގުތު އޭނާއަށް ކުރިމަތިވެފައިވަނީ ދަތި ދުވަސްތަކެއް ކަމަށާއި އެކަމަށް އިހުތިރާމު ކުރުމަށް ޖެކޮލިން ވަނީ އެދިފައެވެ.

ސުކޭޝް އާ ދެކޮޅަށް ތަހުގީގުކުރަމުން އަންނަ މައްސަލައާ ގުޅިގެން ޖެކޮލިން ގައުމުން ބޭރަށް ފުރުން މިދިޔަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ މަނާ ކޮށްފައެވެ. އަދި އެ އަމުރު ބާތިލު ކޮށްދިނުމަށް އެދިފައިވީނަމަވެސް އެކަމަށް ފުލުހުން އިންކާރު ކުރުމާ ގުޅިގެން ސުކޭޝްގެ ފަރާތުން އޭނާގެ ވަކީލު އާނަންދު މާލިކުވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައިވާ ގޮތުން ސުކޭޝްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ކުށެއް ސާބިތު ނުވާއިރު ސުކޭޝް އަކީ ކުށްވެރިއެއް ގޮތަށް ނިސްބަތް ކުރެވިގެން ނުވާނެ ކަމުގައި ވަނީ ބުނެފައެވެ. އަދި ސުކޭޝް އާއި ޖެކޮލިން އާ ދެމެދު ޒާތީ ގުޅުމެއް އޮންނަ ކަމަށް ސުކޭޝް އެއްބަސްވާ ކަމަށާއި ނަމަވެސް އެއީ އޭނާއާ ދެކޮޅަށް ބަލަމުން އަންނަ މައްސަލައާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.