ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 968 މިލިޔަން ރުފިޔާ ދިނުމަށާއި ސާފު ބޯފެން ފޯރުކޮށްދިނުމާބެހޭ 199 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމާބެހޭ އެއްބަސްވުންތަކެއްގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގެ ތެރެއިން މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އިގުތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު/400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ. މި އެހީ އަކީ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެއް ކަމަށްވެސް ބުނެފައިވެއެވެ.
ސާފު ބޯފެން ފޯރުކޮށްދިނުމަށް 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކުރިއަށްގެންދަން ވެފައިވާ އެއްބަސް ވުމުގެ ދަށުން ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމުކުރެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
އެ ޕްލާންޓް ގާއިމުކުރުމަަށް ހަމަޖެހިފައި ވަނީ ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި ކަމަށްވެސް ބުނެފައިވެއެވެ.
ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމުގެ ދަށުން ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދުމަށްވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު