ރާއްޖެ އަށް ހިލޭ އެހީ ދިނުމާއި ދިވެހިންނަށް ވިސާގެ ލުއި ލިބޭގޮތަށް ފަސް އެއްބަސްވުމެއްގައި ޗައިނާއާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް މިއަދު ވަނީ ބާއްވައިފައެވެ.

މިއަދު ހަވީރު ފޮރިން މިިނިސްޓްރީގައި ބޭއްވި މި ވާހަކަތަކަށްފަހު އެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް އެ މިނިސްޓްރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ޗައިނާއަށް ދާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަތައް ފޯރުކޮށްދިނުމާއި ރާއްޖެއަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ހިލޭ އެހީ ދިނުމުގެ އެއްބަސް ވުމެކެވެ. އޭގެ އިތުރުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ބަލަހައްޓައި މަރާމާތު ކުރުމާއި ސިއްހީ ދާއިރާ އިން އެހީތެރިވެދިނުމާބެހޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާގެ އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ ކަމަށެވެ.

ޗައިނާއަށް ދިޔުމުން ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި މިއުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށްވެސް ބުނެފައިވެއެވެ.

އިގުތިސާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން ރުފިޔާ (62.8 މިލިއަން އެމެރިކާ ޑޮލަރު/400 މިލިއަން ޔުއާން) ގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށާއި މި އެހީ އަކީ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީއެއް ކަމަށްވެސް ބުނެފައިވެއެވެ.

ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް/ކޭމްޕެއް ޗައިނާއިން ހިންގާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރު ކަމަށާއި އެއިރު ސޮއިކުރި ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ހާއްސަ ކޭމްޕެއް ހިންގާފައިވާ ކަމަށެވެ.

ފަސް ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމުކުރެވޭނެ ކަމަށާއި މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށްވެސް ބުނެފައިވެއެވެ.

ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމުގެ ދަށުން ބްރިޖްގެ މަރާމާތުގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ގާއިމުކުރި މި ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. މިއަދު ވި އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.