ކުޅިވަރު

ރޯމާ ކައިރިން މޮޅުވެ މިލާން ފަރަގު ކުޑަކޮށްފި، ޔުވެންޓަސްއަށް ޕޮއިންޓެއް

އިޓަލިއަން ސެރެއާ އޭގައި ރޭ ރޯމާ ބަލިކޮށް، އޭސީ މިލާނުން އެއްވަނައިގައި އޮތް އިންޓަ މިލާނާ ޕޮއިންޓަކާ ގާތް ކޮށްފިއެވެ.

ރޭ މިލާނުގެ ދަނޑުގައި ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. އެއްވަނައިގައި އޮތް އިންޓައަށް 19 މެޗުން 46 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އޭސީ މިލާނުން މިހާތަނަށް ކުޅުނު 20 މެޗުން 45 ޕޮއިންޓް ވަނީ ހޯދައިފައެވެ. އަދި ތިން ވަނައިގައި ނަޕޯލީ އޮތީ 20 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ނަޕޯލީން ޔުވެންޓަސްއާ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ފަސް ވަނައިގައި ޔުވެންޓަސް އޮތީ 20 މެޗުން 35 ޕޮއިންޓާ އެކުގައެވެ.

ރޭ މިލާނުން ކުޅުނު މެޗުގައި އެޓީމުން ލީޑު ނެގީ އަށްވަނަ މިނެޓުގައި އޮލިވިއާ ޖިރޫ ޖެހި ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން ރޯމާގެ ޓެމީ އަބްރަހަމް އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއެކެވެ. އޭގެ އިރުކޮޅެއް ފަހުން ޖޫނިއާ މެސިއަސް މިލާނަށް ލީޑު ފުޅާކޮށްދިނެވެ.

ރޯމާއިން ޓެމީ އަބްރަހަމް ޖެހި ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ރަފޭލް ލެއޯ ވަނީ މިލާންގެ ތިންވަނަ ގޯލު ޖަހައި ނަތީޖާ ޔަގީންކޮށްދީފައެވެ. އޭސީ މިލާންގެ ހަތަރު ވަނަ ގޯލެއް ޖަހަން ޒްލަޓަން އިބްރަހިމޮވިޗު ފޮނުވާލި ޕެނަލްޓީ މަތަކުރީ ރޯމާގެ ގޯލްކީޕަރު ރުއި ޕެޓްރީޝިއޯއެވެ.

ޔުވެންޓަސް އިން ރޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، ޔުވެންޓަސް ދަނޑުގައި ކުޅުނު އެ މެޗުގެ 23 ވަނަ މިނެޓުގައި ނަޕޯލީން ފުރަތަމަ ލީޑު ނެގީ ޑްރީސް މާޓެންސްގެ ގޯލުންނެވެ. ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ ދެ ވަނަ ހާފުގައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޔުވެންޓަސްގެ ފެޑެރީކޯ ކިއޭސާ ޖެހި ބޯޅަ ނަޕޯލީގެ ޑިފެންޑަރަކު ގައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.