މެދުކެނޑުމަކަށްފަހު ބަތަލާ އަނުޝްކާ ޝަރްމާ ފެނިގެންދާ ފުރަތަމަ ފިލްމުގެ ޓީޒާ އިއްޔެ ވަނީ އާއްމުކޮށްފައެވެ.

ވިހެއުމަށްފަހު ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު އަނުޝްކާ ޝަރްމާ ކުޅެފައިވާ ފިލްމު ''ޗަކްދާ އެކްސްޕްރެސް'' އަކީ ނެޓްފްލިކްސްގައި ރިލީސްވުމަށް ތައްޔާރުވަމުން އަންނަ ނެޓްފްލިކްސްގެ އުފެއްދުމެކެވެ.

އަންހެން ކުރިކެޓް ކުޅުންތެރިޔާ ޖުލާން ގޯސްވާމީގެ ހަޔާތުގެ މައްޗަށް ހަދާފައިވާ މި ފިލްމުގައި ޖުލާންގެ ގޮތުގައި އަނުޝްކާ ފެނިގެންދާއިރު މިފިލްމުގެ ޓީޒާއަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒު ވާން ފަށާފައެވެ. އަނުޝްކާގެ އެނބުރި އައުމަށް ގިނަބަޔަކު މަރުހަބާ ކިޔާފައިވީ ނަމަވެސް އޭނާގެ ހުށަހެޅުމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ފިލްމު ''ޗަކްދާ އެކްސްޕްރެސް''ގައި ޖުލާން ގޯސްވާމީގެ ކެރެކްޓާގައި އަނުޝްކާ ޝަރްމާ ވާހަކަ ދައްކާ ބެންގާލީ ރާގުގަނޑު ވެސް ކަމުނުދާކަމަށް ބުނެ އެއް ބަޔަކު ފާޑުކިޔާފައިވާއިރު ދޮން މީހަކު ގަސްދުގައި ހަންގަނޑު ކަޅު ކޮށްގެން ޖުލާންގެ ކެރެކްޓާ ހުށަހަޅައިދީފައިވާތީވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ފިލްމާ ގުޅޭގޮތުން އަނުޝްކާ ބުނެފައިވަނީ ޖުލާންގެ ރޯލު ކުޅެލަން ލިބުމަކީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށެވެ. އެއީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި މި ފިލްމުން ޖުލާން ވީ ގުރުބާނީ ފެނިގެންދާނެ ކަމަށާއި އަދި އަންހެނުންގެ ކުރިކެޓްގެ ދުނިޔެއަށް ބެލުންތެރިންގެ ލޯ ހުޅުވިގެންދާނެކަމަށް ވެސް އަނުޝްކާ ވަނީ ބުނެފައެވެ.

ފިލްމުގެ ޓީޒާ އާއްމުކުރުމާއެކު އަނުޝްކާގެ ފިރިމީހާ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ ހާއްސަ ފެނިލުމަކުން މި ފިލްމުގައި ފެނިގެން ގޮސްދާނެތޯވެސް ބައެއް މީހުން ވަނީ އަހާފައެވެ.