''އަތުރަންގީ ރޭ'' އަށްފަހު އާއިލާ އޭނާއާމެދު ފަހުރުވެރިވާކަމަށް ބަތަލާ ސާރާ އަލީ ހާން ބުނެފިއެވެ.

އަކްޝޭ ކުމާރު އަދި ދަނުޝް އާއެކު ސާރާ ކުޅެފައިވާ ފިލްމު ''އަތުރަންގީ ރޭ'' ރިލީސްކޮށްފައިވަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ ގައި އޯޓީޓީކޮށެވެ. ފިލްމު ރިލީސްކުރި ފުރަތަމަ ދުވަހު އެކަނިވެސް ޑިޒްނީ ހޮޓްސްޓާގައި އެންމެ ގިނަބަޔަކު ބެލި ފިލްމަށް އެ ފިލްމު ވަނީ ވެގެން ގޮސްފައެވެ. އެ ފިލްމުގައި ސާރާ ދައްކައިދިން ރިންކޫގެ ކެރެކްޓާ ގިނަ ބަޔަކު ވަނީ ބަލައިގަނެފައެވެ.

ފިލްމާއި ގުޅޭގޮތުން ސާރާ ވަރަށް ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ފިލްމާއެކު އާއިލާ އޭނާއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް ބުނެފައެވެ. އެގޮތުން ސާރާގެ މަންމަ އަމްރިތާ ސިންގު އަދި ބައްޕަ ސައިފް އަލީ ހާންވެސް އޭނާގެ ހުށަހެޅުމަށް ތައުރީފު ކުރި ކަމަށާއި އެކްޓިންއަށް މީހުން ކޮށްފައި ހުންނަ ފީޑްބެކް ކޮމެންޓުތައް ފޮނުވައި ހަދާ ކަމުގައި ވެސް ސާރާ ވަނީ ބުނެފައެވެ. އޭގެ އިތުރުން ފިލްމު ބެލުމަށްފަހު މަންމަ އާއި ބައްޕަވެސް ރޮއްވައިލެވިއްޖެ ކަމަށާއި އެކަމުންވެސް އޭނާއަށް ކަމެއް ހާސިލު ކުރެވުނު ކަމުގެ އިހުސާސު ކުރެވުނު ކަމުގައި ސާރާ ވަނީ ފާހަގަކޮށްފައެވެ.

މަންމަ އާއި ބައްޕަގެ އިތުރުން ސާރާގެ މާމަ ޝަރްމީލާ ޓައިގަރުވެސް ފިލްމު ބެލުމަށްފަހު ތައުރީފުކުރިކަން ސާރާ ފާހަގަކުރިއެވެ. އަދި މާމައަށް މީހުން ލޯބިން ކިޔައި އުޅޭ ނަމަކީ ''ރިންކޫ'' ކަމުން ސާރާއަކީ ޖޫނިއާ ރިންކޫ ކަމަށް ބުނެ މީހުން ކޮށްފައި ހުންނަ ތައުރީފުގެ ބަސްތައް އޭނާއަށް ފޮނުވަމުން ގެންދާ ކަމުގައި ސާރާ ވަނީ ބުނެފައެވެ.

ފިލްމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ސާރާ ބުނީ ރިންކޫގެ ކެރެކްޓާ އޭނާގެ އަސްލު ދިރިއުޅުމާ ތަފާތު ކަމަށެވެ. ސާރާ ބޮޑުވެގެން އައީ ރޫޅިފައިވާ އާއިލާއަކުން ނަމަވެސް އަބަދުވެސް މައިންބަފައިންގެ ލޯތްބާއި އަޅައިލުން އޭނާއަށް އައީ ލިބެމުން ކަމުގައި ސާރާ ފާހަގަކުރެއެވެ. އަދި ރިންކޫ އާއި އޭނާ އެއްގޮތްވާ ކަމަކީ ދެމީހުންގެ ވެސް ބަލިކަށިކަން ފަރުދާ ކުރަނީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ފާޅުކޮށްގެން ކަމަށާއި ސީރިއަސް ވަގުތުތައް މަޖަލަށް ބަދަލުކޮށްލުމުގެ އާދަ ހުންނާތީ ކަމުގައި ސާރާ ފާހަގަކުރެއެވެ.