އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ކާގޯ ބޯޓެއް ކަމުގައިވާ "ރަވާބީ"، ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީ ހަނގުރާމަވެރިން ހައިޖެކްކުރުމުން ރާއްޖޭ އެކަން ކުށްވެރިކޮށްފިއެވެ.

ހޫތީން ހައިޖެކްކޮށްފައިވަނީ ސިއްހީ ސާމާނު ހިފައިގެން، ޔަމަނުގެ ސޮކޯޓްރާ އައިލެންޑުން ސައުދީ އަރަބިއްޔާގެ ޖަޒާން ޕޯޓަށް ބަނދަރުކުރަން ދަތުރުކުރި ބޯޓެކެވެ. އެ ބޯޓުގައި އެމްބިއުލާންސާއި ބޭހާއި އެނޫންވެސް ސިއްހީ އާލާތްތައް ހުއްޓެވެ.

ހޫތީން އެ ބޯޓު ހައިޖެކްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ޔަމަނުގެ އަލް ހުދޭދާގެ އައްސޭރިފަށުގެ ސަރަހައްދަކުންނެވެ.

އެ ބޯޓު ހައިޖެކްކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޫތީންގެ އެ އަމަލުގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާ ކަމަށެވެ. އަދި އެފަދަ ކަނޑުފޭރުމުގެ އަމަލުތަކަކީ ކަނޑުދަތުރުކުރާ ފަރާތްތަކަށް އޮތް ނުރައްކަލެއް ކަމަށާއި އެއީ ދުނިޔޭގެ ގާނޫނުގައިވެސް ޖާގަ ދޭކަމެއް ނޫން ކަމަށް ބުންޏެވެ.

ރާއްޖެއިން ވަނީ ކަނޑުފޭރުމުގެ އަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކާއި ޖަމިއްޔާތަކުން މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރުމަށް ގޮވާލައި، ދުނިޔޭގެ ހަމަޖެހުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް ގޮވާލައިފައެވެ.