ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނު މައްސަލައިގައި ކަމާ ގުޅުންހުރި އިދާރާތަކުން މި މައްސަލައިގައި އިހުމާލެއް ވެފައިވޭތޯ ބެލުމަށް އެޗްއާރްސީއެމުން ތަހުގީގު ކުރަން ނިންމައިފި އެވެ.

އެޗްއާރްސީއެމުން މި ގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ މ. ޝައިނިން ސްޓާ، އަހުމަދު ރިޟްވާން އަބްދުالله 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލާގައި ކަމާ ގުޅުން ހުރި އިދާރާތަކުން މިމައްސަލައިގައި އަމަލުކުރަމުން އަންނަ ގޮތް އެ ކޮމިޝަނުން މޮނިޓާ ކުރަމުން ދިޔަ ކަމަށެވެ. އަދި މި މައްސަލައަކީ އެތަކެއް އިންސާނީ ހައްގެއް ގެއްލިފައިވާ މައްސަލައެއް ކަން ކޮމިޝަނުން ބެލިބެލުމުން އެނގެން އޮތް ކަމަށެވެ.

އެހެން ކަމުން މި މައްސަލައިގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތްތައް ދެނެގަތުމަށާއި، މި މައްސަލާގައި އެއްވެސް މުއައްސަސާއަކުން އިހުމާލުވެފައި ވޭތޯ ދެނެގަތުމަށް ތަހުގީގު ކުރަން ފެންނާތީ، މި މައްސަލަ މޮނީޓަރިން ފޭސްއިން އިންވެސްޓިގޭޝަން ފޭސްއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމުން ބުނީ ރިޟްވާން އާ ގުޅިގެން އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ ނަކަލު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާއި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ކުރަން ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ރިޕޯޓެއް 2020 އަހަރުގެ ނޮވެންބަރު 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައި މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ކޮމިޝަނުން މީގެ ކުރިން ބުނީ ރިޟްވާނު ވަގަށް ނެގި މައްސަލައި ތަހުގީގަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު ހެއްކަކީ އޭނާއަށް ބިރުދައްކަން ގެންގުޅުނު ވަޅި ކަމަށާއި އެ ވަޅީގެ އިތުރު ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް މި ވަޅީގެ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ.

ރިޟްވާނު ވަގަށް ނެގި މައްސަލައާ ގުޅޭ ތަފްސީލު ރިޕޯޓެއް މިދިޔަ އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް އެ ފަދަ އެއްވެސް ރިޕޯޓެއް މިހާތަނަށް މީޑިއާއާ ހަމަޔަށް ލިބިފައެއް ނުވެ އެވެ.

އޭގެ ފަހުން އެ ކޮމިޝަނުން ވަނީ ރިޟްވާންގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ. އެވީޑިއޯ އަކީ ރިލްވާން ކާރަކަށް އެރުވި ވަގުތު ކަން ހިނގި ގޮތް ކަމަށް ލަފާ ކުރެވޭ ކަންކަމާއި ކުރިންވެސް އާންމުކޮށްފައިވާ ހަގީގީ މަންޒަރުތައް ހިމެނޭ ވީޑިއޯއެކެވެ.

އެވީޑިއޯގައި ރިޟްވާން ގެއްލުނު ރޭ މާލޭ ތެރޭގައި ހަރަކާތްތެރިވި މަންޒަރުގެ ސީސީޓީވީ ފުޓޭޖު ބައިތައް ދައްކަ އެވެ. އޭނާ އެރޭ ބައިބަލާ މެޗް ބަލަން ދިޔަ ތަނާއި މެޗް ނިމުމުން ހުޅުމާލޭ ފެރީ ޓާމިނަލަށް ދިޔަ މަންޒަރު ވެސް ދައްކަ އެވެ. އޭނާގެ ފަހަތުން ފާރަލަމުން ދިޔަ މީހުންގެ މަންޒަރު ވެސް ވީޑިޔޯގައި ދައްކަ އެވެ.