މި ދުވަސްވަރަކީ ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާ ދުވަސް ވަރަކަށް ވުމުން މި ބަލި ޖެހޭ މީހުން ކިރާއި ޑައިރީ ބޭނުން ކުރުން ހުއްޓާލައި ރައްކާތެރިވުމަށް ސަމާލުވާން ވީ ކަންކަން ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެދެއްވައިފި އެވެ.
ހަލުވިކަމާއެކު މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެމުންދާއިރު މި ބަލި ޖެހޭ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭސްދީގެ ހޮޑުލުން ހުއްޓުވިދާނެ ކަމަށެވެ. އެކަމަކު ގިނައިން ދިޔާ ތަކެޔި ދީގެން ހަށިގަނޑުން ފެން މަދުވެދިޔަ ނުދީ ހިފަހައްޓައިލެވޭނެ ކަމަށް ވިދާޅުވި އެވެ. ބޭރަށް ހިންގާ ނަމަ ބޮޑެތި މީހުންވެސް އަދި ކުޑަ ކުދިންވެސް ކިރާއި ކިރު ހިމެނޭ ބާވަތްތައް ބޭނުން ކުރުން ހުއްޓާލަން ޑރ. ފައިސަލް ވަނީ އިރުޝާދު ދެއްވައިފަ އެވެ.
"ބަނޑު ދިޔާވާ ނަމަ ކިރާއި ޑައިރީ ބޭނުން ނުކުރުން. ދެން ލޮނު ޕެކެޓު ބުއިން އިތުރުކޮށް ގިނައިން ދިޔާއެއްޗިހި ބޭނުން ކުރުން. ބަތްޕެންވެސް ރަނގަޅުވާނެ." ބޭރަށް ހިންގާނަމަ އަމަލު ކުރަންވީ ގޮތް ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މާބަނޑު ދުވަސްވަރު އެކި ބޭސް ބޭނުން ކުރުމަކީ ކޮށް އުޅޭ ކަމެއް ނޫނެވެ. ޑރ. ފައިސަލް ވިދާޅުވީ ހޮޑު ލެވޭނަމަ މާބަނޑު މީހުންނަށްވެސް ހޮޑު ބޭސް ބޭނުން ކުރެވޭނެ ކަމަށެވެ.