ހަތާވީސް ވަނަ ބައި
ޝާމިން ހިތުގެ ވާހަކަ ކިޔައިދިނެވެ. ތެދަށެވެ. އާއެކެވެ. އޭނާ، އޭނާގެ ލޯބިލޯބި އަނބިކަމަނާއާ ދެކޮޅުވެރިވެ މައްސަލަ ޖެހޭކަށް އެހިތަކަށް ކެތެއް ނުވެއެވެ. ގަސްދަކާ ނުލައި ބޭއިހުތިޔާރުގައި ކުރެވޭ ތާކުން ތާކު ނުޖެހޭ ކުދި ކުދި ޒުވާބުތައް ބޮޑެތި އަރާރުންވުމަށް ބަދަލުވާން ފެށުމުން އޭނާގެ ހިތް ހަލާކުވި ކަހަލައެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު އެންމެ ރަނގަޅު ނިންމުމުގައި އޭނާ އަމަލީ ސިފަ ޖެއްސީ، ހަމައެކަނި އެލޮބުވެތި އަނބިކަމަނާއަށްޓަކައެވެ.
ޔޮޓްގެ ތެރޭގައި އިރާކޮޅުން ފެށިގެން ގަދަވަމުން އައި މިޔުޒިކާއި ލަވައާއި ތަފާތު ތަށިތަކާއި ބިއްލޫރި ފުޅިތަކުގެ ތެޅުމުގެ އަޑު، ރޭގެ ނިމިގެން ދިޔަ ޕާޓީއާ އެކު މަޑުވަމުން ދާން ފަށައިފިއެވެ. މަޑުމަޑުން ހިމޭން މެންދަމަކަށް ތަންދެމުން ދިޔަ ރޭގަނޑުގެ ތެރެއަށް ހިނދެމުން، އަޑު މަޑުވާން ފަށައިފިއެވެ. ޔޮޓްގެ އެތެރޭގެ ހަލަބޮލިކަން، ނިންޖާއި ވަރުބަލިކަމަށް ބޭނުންވާ އަރާމުކުރުމަށް ތަންދެމުން ފޯރިގަދަ ރެއެއްގެ ނިމުން އައިކަމުގެ އިޢުލާންކޮށްލީ، މަޑުޖައްސައިގެން އޮތް ޔޮޓް ދުއްވަން ފެށިކަމަށް ދިން ސިގްނަލުންނެވެ.
ފަސިންޖަރުން، އެބައިމީހުންގެ އަރާމު ތަންމަތި ތަކުގައި ނިދީގެ މަސްތުގައި ހުވަފެންތަކުގެ މަންޒިލަށް ދަތުރު ފެށި ނަމަވެސް މުޅި ޔޮޓްގައި، ހަމަޖެހުމެއް އަރާމެއް ނެތި ތެޅިފޮޅޭ މީހަކު އެބަހުރިކަން ޔަގީނެވެ. ޔޮޓްގެ މަތީގައި، ދިރުނބާކޮޅުގައި، ރޭލިންގްސްގައި އަތް އަޅުވާލައިގެން ހުރި ޝާމިންގެ ލޯ މާދުރުދުރަށް ފެތުރިފައިވާ ތަރިތަކާއި ދިމާއަށް ހުއްޓިފައި ހުރިއިރު، އޭނާގެ ދިގުވަމުން އަންނަ ތުބުޅިމަތިމަހާއި ތާޒާކަން ގެއްލިފައިވާ މޫނުން އޭނާގެ ހިތާއި ސިކުޑީގެ ހާލަތު ކިތަންމެހާވެސް ރަނގަޅަށް ބަޔާންކޮށްދެއެވެ.
"ޝައު.... އަހަރެންގެ ލޯބިލޯބި ކަމަނާ.... މިއަނިޔާވެރިޔާއަށް މާފު ކޮށްދީ..... ޝައުއާ ދޭތެރޭގައި އަހަރެން ކަންތައް ކުރީ ކިހާ ގޯސްކޮށް... ކިހާ އަނިޔާއެއް ދީފައި އަހަރެން އައިސް މިހުރީ.... ޝައުގެ ގޮތްދޫނުކޮށް އޮފީހަށް ދިިއުމާއި އިތުރަށް ޒުވާބުކޮށް ހުރަސް އަޅާނެ ހިތްވަރެއް މަގޭ ގަޔަކު ނެތް.... އެދުވަހު އެވަގުތުން ވަގުތަށް މިގޮތަށް ކަންތައް ކުރުމަށް ނިންމަން ޖެހުނީ އަހަރެންގެ ޒަމީރާ އިތުރަށް ހަނގުރާމަ ކުރާނެ ހިތްވަރު ނެތުނީމަ... ޝައު އަހަރެން ބަލައިގަތީ އަހަރެންގެ އެއްވެސް ބޭނުމެއް ނެތް ދީނާއި ދުނިޔެއިން ބަރީއަތްވެފައި ހުރި އާދަތަކާ އެކު.... އެކަށީގައި ހިފާފައި ހުރި ދެވިން މިނިކަމެތި މީހާ ސަލާމަތް ކުރަން ކަމަނާ ކުރި ހިތްވަރު ހަނދާން ނެތޭނީ ކިހިނެއް...؟ ބެންގަލޯރުގައި ހުރިއިރު، އަހަރެންގެ ގައިގައި އެޅި ވޭނަށްވުރެ، ކަމަނާގެ ހިތުގައި ވޭން އެޅި ވަރު މާބޮޑުކަން ގައިމު.... ބެންގަލޯރުގެ ރީހެބުން އެނބުރި މާލެ ދިއުމުން ހުރިހާ ވަގުތެއް އަހަންނަށްޓަކައި ހުސްކޮށްގެން އަހަރެންގެ ރިކަވަރީއަށް އެހީތެރިިވި ގޮތް އަހަރެން އަދިވެސް ހަނދާން އެބަހުރި... މަންމަމެނާ ދެކޮޅަށް ކަމަނާއާ ކައިވެނި ކުރީ ތިއީ އަހަރެންގެ މުޅި ދުނިޔެކަމަށް ގަބޫލު ކުރާތީވެ.... ޔުއާނާގެ ފަރާތުން ލިބުނު ވޭނާއި ކެހި ހިތުގައި ތާޒާކޮށް ޒަހަމެއްހެން ހުއްޓައި، އެޒަހަމުގައި ބޭސް އަޅައިދީ، އަލުން އާ މީހަކަށް އަހަރެން ބަދަލު ކުރީ ހަމަ ކަމަނާގެ ހިތްވަރު.... އެހިތްވަރާއި އޯގާތެރިކަަމަށް އަހަރެންގެ ހިތާއި ނަފުސު ގުރުބާންވީތީ... ކަމަނައާ ކައިވެނިކުރީ.... އަސްލުވެސް ތެދު ހިތުން އިންތިހާއަށް ކަމަނާދެކެ ލޯބިވާތީ..... އެކަމަކު....."
ޝާމިންއަށް ފުންނޭވައެއް ލެވުނެވެ. އުނޑުމަތީ ފިޔަޖަހަމުން ދިޔަ ތަރިތަކުގެ ދަރުބާރުގައި ރޭގަނޑުގެ ރާނީ، އެކަމަނާގެ ފަސްބައި ފަތުރާލުމާ އެކު ފަހުރުވެރިކަމާއެކު ދުނިޔެއަށް ހިނިތުންވެލިއެވެ. ކުދިކުދި ކަފަ ވިލަކޮޅުތަކާ އެކު ފީކޮއި ކުޅެމުން ދިޔަ ހަނދާ ދިމާއަށް ޝާމިން ފަނޑުވެފައިވާ ނަޒަރަކުން ބަލައިލިއެވެ. އަނެއްކާވެސް އޭނާގެ ހިޔާލީ ތަސްވީރަށް ޝައުފާގެ ހިނިތުންވެފައިވާ މޫނު އެއްފަހަރު، އަނެއްފަހަރު އޮޅިގެން ނިއުޅިގެން ދިޔަ ފެންކަޅި ވެފައިވާ ދެލޯ ފާޅުވެއްޖެއެވެ.
"އެކަމަކު..... އަހަރެންގެ ހިތާ ދެކޮޅަށް ކަމަނާއާ ޒުވާބު ކުރެވެން ފެށީ.... ގެއަށް ދާ ކޮންމެ ފަހަރަކު ބޭބެއިންނާއި ދައްތަމެންގެ ކޫސަނި ޝަކުވާއިން މަގޭ ބޮލަށް ވަރަށް އުދަނގޫވެފައި ހުރެގެން.... ކަމަނާގެ އެއްވެސް ކުށެއް ނެތްކަން އެނގޭއިރުވެސް ރުޅިއާދެވެނީ... އެންމެ ފަހުން ބޮޑު އަރާރުމަކަށް އެކަންތައް ބަދަލުވާން ފެށުމުން އަހަރެންގެ ހިތަކަށް ކުޅަދާނަކަމަކަށް ނުވީ..... ކަމަނާ އެދުވަހު އޮފީހަށް ދާނެކަމަކަށް އެއް ފަހަރުވެސް ހީ ނުކުރަން.... ފަހުން ވިސްނުނީ އަސްލު ކަމަނާވެސް އަހަންނާ ދެކޮޅުވެއްޖެކަން.... އެހެންވާނެކަން ގަބޫލުވެސް ކުރަން... ދެން ވިސްނުނު އެންމެ ރަނގަޅު ގޮތަށް ކަންތައް މިކުރީ.... އެނގޭ ދުލުން ބުނެލަން ކިތަންމެ ފަސޭހަވިޔަސް އަމަލު ކުރަން ވަރަށް އުދަނގޫވާނެކަން.... މިއީ މާފު ހައްގުވާ ވަރަށް ވުރެން މާ ބޮޑު ކަމެއް ކަންވެސް ގަބޫލުކުރަން... އެކަމަކު މިނޫން އެހެން އެއްވެސް ގޮތެއް ނެތުނީ... ކަމަނާއާ އަރައިރުންވެ، ދެބަސްވެ، ދެމީހުން ދެމެދުގައި އޮތް ގަދަރާއި އިހުތިރާމް ވެއްޔާ މޮޑެވޭކަށް އަހަރެން ބޭނުން ނުވާތީ މިގޮތަށް އަންގާވެސް ނުލައި މާދުރަށް އައީ..... އެނގޭ... އަހަރެން ވީތަނެއް ނޭނގިގެން އެންމެންވެސް ހޯދާނެކަން... ކަމާބެހޭ ފަރާތަށް އެންގިޔަސް އަހަރެން މިއުޅޭ ތަނުން ހޯދާކަށް ފަސޭހައެއް ނުވާނެ.... އެގޮތަށް ނޯޓް ލިޔުނީވެސް ފުލުހުންނަށް އަހަރެން ހޯދުމުގެ މަސައްކަތް ކުރަން ނުޖެހޭނެ ގޮތެއް ހަދަންވެގެން.... މިއީ އެންމެ ރަނގަޅު ގޮތް.... ދުވަސްކޮޅަކު ދުރުގައި ތިބެލުމުން ދެމެދުގައި ޖެހުނު މައްސަލަތައް ހަނދާންނެތި އިސާހިތަކު ކަންތައް ހަމައަކަށް އެޅިދާނެ.....
ކަމަނާ... އަހަރެން ކަމަނާ މަތިން ހަނދާންވާވަރު ބުނެދޭނެ އެއްވެސް ލަފުޒެއް ވިސްނުމަކަށް ނާދޭ.... ކަމަނާގެ ލާނެތް ބަސްތައް.... ރަކި ހިނިތުންވުން.... މަލެއްފަދަ ކޯތާފަތް.... ވިދުން ގަދަ ރީތިރީތި ދެލޯ.... ބަނިޔާދަން ހިނގުން..... ފަރި ޝާހީ އަދާތައް.... ތުއްތު ކުއްޖެއް ހެން ނިދީގައި ކުސްޖަހައިގަންނަ ގޮތް... ގޮވާލީމަ.... މޭގައި ފޮރުވިގަންނަ ގޮތް.... މިއިން ކޮންމެ ކަމެއް ވަކިވަކިން އަހަރެންގެ ހިތުގައި ފޮރުވިފައި އެބަހުރި.... ސިކުޑީގައި ހަރުލާފައި އެބަހުރި.... ހިތަށް އަރާ އުދުހިފައި ގޮސްފާނަމޭވެސް..... އެކަމަކުވެސް.... އަދި ހިތްވަރުކޮށްލަންބޭނުން ވާތީ މިހުންނަނީ....
މިދަތުރު ނިންމާލާފައި ކަމަނާ ގާތަށް ދާ ދުވަހަކުން ކަމަނާ އުރާލައިގެން ލޯބިން ލޯބިކޮށްލާނަން ކަން ޔަގީން.... މިހުރިހާ ދުވަސްތަކަށް ވާވަރަށް ފިރުމާނަންކަން ގައިމު..... ލޯބިން ހަފުސްވާވަރަށް ލޯބިދޭނަންކަމަށް ވައުދުވަން......
އަަހަރެން ކަމަނާދެކެ ލޯބިވީ ގަސްދުގައެއް ނޫން.... އެއީ ހިތާއި ހިތުގެ ގުޅުމެއް... ކަމަނާގެ ހިތުގައި ސިއްރުސިއްރުން މިޝާމިންގެ ނަން ފެވުނު ގޮތަށް މި ޝާމިންގެ ހިތުގައި ނުވެސް އެނގި ހުއްޓައި ކަމަނާ ރަނިކަން ކުރަން ފެށީ.... ޝައުފާ.... އަހަރެން ކަމަނާދެކެ ވާލޯބި ދުވަހަކުވެސް ނެތިފަނާވިޔަކަނުދޭނަން.... ދުނިޔޭގެ އެންމެން ހަނދާން ހުންނާނެފަދަ ކަމެއް މިޝާމިން، ޝާމިންގެ ޝައުފާއަށް ކޮށްދޭނެ ކަމަށް ހިތުގެ އަޑިން ވައުދުވަން...."
******************************************************************
"ދުނިޔޭގެ ހުރިހާ ވޭނަކާއި ހުރިހާ އަނިޔާއަކުން ރައްކާތެރިކޮށް ހިމާޔަތް ކޮށްދޭނެކަމަށް ވައުދުވަން..."
އަތްތިލައިގެ ތެރޭގައި އޮތް ކުޑަކުޑަ އަތްތިލައިގައި މަޑުމަޑުން ފިރުމާލަމުން ޝައުފާ ހިތާހިތުން ވައުދުވިއެވެ. ގޯތި ތެރޭގައި ހުރި، ދަނޑިފަނުން ހަދާފައި ހުރި ހިތްފަސޭހަ އުދޯލިގޭގައި އެލުވާފައި ހުރި އުދޯލީގައި، އިށީނދެގެން އިންއިރު އޭނާގެ ފުރަގަހުން ފެންނަން އޮތް، ބޮޑު ފުޅާ ދާންމަތީގައި، މަޑު ފެހިކުލައަކާއި މަޑުމަޑު ދަނބު ކުލައެއްގެ ރަޖައެއްގެ ތެރެއިން، ދަޅައަޅާލި ޖަވާހިރެއްގެ ވިދުން ފަދައިން، ދޮންދޮން ތުއްތު މޫނެއް.... އުނހު.... ނޫނެކެވެ. އެއީ އެއް މޫނެއް ނޫނެވެ. މާޝާﷲ...! ޔާﷲ.... ޞުބްޙާނަﷲއެވެ..! އާއެކެވެ. ޝައުފާގެ އަތްތިލައިގެ ތެރޭގައި އޮތީ ކުޑަކުޑަ އެންމެ އަތްތިލައެއް ނޫނެވެ. އޭނާގެ ދެއަތުގެ އިނގިލިތަކުގެ ތެރޭގައި ލެވިފައި ވަނީ ދެއަތްތިލައެކެވެ. އެބޮޑު ރަޖާގަނޑުގެ ތެރެއިން ވިދުވަރެއް ފަދައިން އެފެނުނީ ދެއަލިކަމެކެވެ. އެއީ ދެމޫނެކެވެ.
މާލޭގެ ހަލަބޮލި އުދަނގޫ މާހައުލުގައި އިތުރަށް އުޅުމަށް ބޭނުން ނުވާތީ ޝައުފާ އެވާހަކަ އޭނާގެ އެއްބަފާ ބޭބެއާ ހިއްސާ ކުރުމުގެ ކުރިން ޒިމްނާ ޒިޔާދަށް އެވާހަކަ އަންގައިފިއެވެ. ކޮންމެވެސް ބޮޑު ސަބަބަކާ ހެދި ޝައުފާ، އޭނާގެ މަންމަ އާއި ދޮންބައްޕަގެ ގާތަށް ދުވަހަކުވެސް ދާން ބޭނުން ނޫންކަން ވަރަށް ކުރިއްސުރެން ޒިޔާދަށް އެނގެއެވެ. އެހެންކަމުން ޝައުފާ އިން އުދަނގޫ ހާލަތުގައި، އެހީވާނެ މީހެއް ނެތް ތަނަކަށް ފޮނުވާލާކަށް ޒިޔާދަކަށް އެއްބަހެއް ނުވެވުނެވެ.
ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތަސް ޝައުފާއަކީ މުއްސަންޖެއްގެ އިން ހަމައެންމެ އަންހެން ދަރިފުޅެވެ. ވީއިރު މާބޮޑު ގާތް ގުޅުމެއް ނެތަސް ފައިސާއިން ބޭނުން ކޮންމެ ކަމެއް ކޮށްދިނުމުގެ ގާބިލުކަމާއި ފެންވަރު އަހުތަރު ސަލީމް ގައިގައި ހުރިކަން ގައިމެވެ. ޝާއުފާއަށް އަމިއްލަ ރަށުން ބިމެއްގައި ގެއެއް އަޅާފައި ދިނުމަކީ އެއަހުތަރުސަލީމަށް ނުވަތަ ޒިޔާދުއަހުތަރަކަށް ހަމަ އެއްވެސް ކަމެއް ނޫނެވެ އެއީ އެމީހުންގެ މާލިއްޔަތަށް ގުޑުމެއްވެސް ނާރާ، ހިލަމެއްވެސް ނުވާ ވަރުގެ ކުޑަކުޑަހަރަދެކެވެ.
ހިޔާލީ ހުވަފެނީ ގަނޑުވަރެއްފަދަ މިކުޑަކުޑަ ރީތި ގެ އަޅައި، ގޯތިތެރޭގައި ބަގީޗާ ހެއްދުމަށް މުޅިއެކީ ހޭދަވީ ހަމަ އެންމެ ހަތަރުވަރަކަށް މަސްދުވަހެވެ. ޝައުފާ ވިހަން ވާއިރަށް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ގެންދެވޭނެހެން ކޮޓަރި އާއި ފާހަނާ އާއި ބަދިގެ ތައްޔާރުކުރިއިރު ހެޔޮވަރު ވަރުގެ ބޮޑުކޮޓަރިއެއްވެސް ގޭތެރޭގައި ހެދުނެވެ. ގޯތިތެރޭގައި ބޮޑެތި ހިޔާދޭ ގަސްތަކާއި ރުއްތައް ކުރިންވެސް ހުއްޓެވެ. އެތަނުން ދިގު ދެރުކެއްގެ އެހީގައި އެލުވުނު އުދޯލި ބަދަލުވީ އެއްފަރާތުގައި ކުލަކުލައިގެ މީރުވަސްދުވާ މާމެލާމެލީގެ ބަގީޗާއެއް ހެއްދުމަށްފަހު ރީތި ހިތްފަސޭހަ އުނދޯލި ގެއަކަށެވެ. ގޭގެ އެންމެ ހާއްސަ ކަމަކީ، ގޯތިތެރެއަށްވަދެގެން އަންނައިރު ބޯމަތިން ހިޔާދޭ ގޮތަށް ދެފަރާތުން މައްޗަށް އަރުވާފައި އޮތް ޖުމްހޫރީމޭވާ ވެޔޮތަކެވެ. އޭގެ މޭވާތައް ރޭގަޑު ބޮލުގައި ޖެހޭ ގޮތަށް އެލުވިފައި ހުންނަ ފެހި ބޮކިތަކެއް ފަދައެވެ.
ބަނޑަށް އަށްމަސްފުރި ނުވަވަނައަށް ވީމަހު ޝައުފާ ގޮވައިގެން ރަށަށް އައީ ޒިމްނާ އާއި ސަމަދުއެވެ. އެމީހުންގެ ދަރިފުޅު ގޮވައިގެން ހައެއްކަ މަސްދުވަހު ޝައުފާއާ އެކީ އުޅުމަށް ގަސްދުކޮށްގެން އައި އިރު މިއީ މިހާ ހިތްފަސޭހަ އަރާމް ރަށަކަށް ވެދާނެ ކަމެއްކަން އެމީހުންނަކަށް އެނގިފައެއްނެތެވެ. ދެމަފިރިން ދަރިފުޅު ގޮވައިގެން އުޅުމަށް ގަސްދުކުރީ ކުއްޔަށް ހިފި ގެއެއްގައެވެ. ޝައުފާ އުޅެން ހަމަޖެއްސި، މިހާރު ޝައުފާގެ އަމިއްލަ ނަމުގައި ހުރި ގެއާ ހަމަ ވަރަށް ކައިރީގައި ހުރި ގެއެކެވެ.
ރަށަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވެ، ހެޔޮ ރަނގަޅު ސާއަތެއްގައި، އަމާންކަމާއި ފަސޭހަކަމާ އެކު ޝައުފާ ވިހެއީ ހޮސްޕިޓަލުގެ ބަދަލުގައި ގޭގައެވެ. މާބޮޑު ވޭނަކާއި ރިހުންތަކުގެ ސިލްސިލާއަކާ ނުލައި، ނުހަނު ފަސޭހަކަމާ އެކު ޝައުފާ ވިހެއީ ހަނދުމަހުން ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހުގެ އިރާކޮޅުގެ ގަޑިއެއްގައެވެ. ސިއްހަތު ރަނގަޅު ސަމައްތަރު ހެޔޮ ލޯބިލޯބި ފުށްގަނޑެއް ފަދަ އަންހެން ދަރިއަކާއި ފިރިހެން ދަރިއެކެވެ. ޝައުފާގެ މުޅި ދުނިޔެ އަލުން އާ ފެށުމަކުން ފެށުނު ކަހަލައެވެ.
"ޖަންނަތުލް ފިރްދައުސް..."
ދެކުދިން ގެނެސް އުނގުގައި ބޭއްވުމާއެކު ޝައުފާގެ ނޭފަތުގައި އެޖެހުނީ، އާދަޔާހިލާފު، ބުނެދޭން ނޭނގޭފަދަ، މީރުމީރު ވަހެކެވެ. ގޮށްމުށްކަވާލައިގެން އޮތް ފިރިހެން ދަރިފުޅާއި ދެއިގިލި ލަންބާލައިގެން އޮތް އަންހެން ދަރިފުޅުގެ މައުސޫމު ލޮބުވެރި މޫނު ފެނުމާ އެކު އޭނާގެ ހިތާއި ސިކުނޑީގައި ރަނގަބީލު ޖެހިގަތެވެ. ދެކުދިންނަށް ދޭނެ ނަމެއް ވިސްނާކަށް ނުޖެހުނެވެ. ހަމައެންމެ ފަޅި ހިނދުކޮޅަކަށް ނޭފަތުގައި ޖެހުނު، ސުވަރުގޭގެ މީރުވަހުން، އެކުދިންގެ ނަން ހޮވައި ނިމިއްޖެއެވެ.
މިހާއްސަ ދުވަހަށްޓަކައި ނޯޔާ ގޮވައިގެން ޒިޔާދުވެސް އައިސް އުޅުނެވެ. އެއްވެސް ކަމަކުން ޝައުފާއަށް ދަތިވެދާނެތީ ޒިޔާދު ހުރީ ކުރިއްސުރެ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.
ކުޑަކުޑަ ދެކޮއްކޮ ލިބުމުން އެންމެ އުފާވެފައި ނަށައި ލަވަކިޔާ ހެދީ ނޯޔާއެވެ. ކުދިންގެ ގާތުގައި އިނދެ ވާހަކަ ދެއްކުމާއި ނާނާ ކިޔައިދިނުމަށް ނޯޔާ ވަރަށް ގަޔާވިއެވެ.
ޒިޔާދު ނޯޔާ ގޮވައިގެން ފުރައިގެން ދިޔައީ ޝައުފާ ވިހާ ގަދަވެ، ހަތަރުވަރަކަށް މަސްވުމުންނެވެ. ޒިމްނާ އާއި ސަމަދު ގާތުގައި އެތައް ގޮތަކަށް ޝައުފާމެނަށް އަޅާލައި ހެޔޮކޮށްހިތުމަށް އެދި އާދޭސްވެސް ކުރިއެވެ. ޒިމްނާ އާއި ސަމަދަށް ޖެހުނީ ހެމުން ހެމުން ޒިޔާދުގެ އަތާއަތް ޖޯޑުކޮށް ހުވާކޮށް އަހުދު ކަށަވަރުކުރާށެވެ. އެއްވެސް ކަމަކަށް ބޭނުންވެއްޖެ ނަމަ ލަހެއް ނުވެ ޒިޔާދަށް އެންގުމަށް އެތައް ފަހަރަކު ޝައުފާ ގާތު ޒިޔާދު ބުންޏެވެ.
އުދޯލީގައި އޮތް ތަންމަތީގެ މަތިން ވިލުފެހިކުލައެއްގެ ބޮޑު ގޮށި ޖެހުމަށްފަހު، އޭގެ ދާގަނޑު ތެރެއިން، ޝައުފާ، އޭނާގެ މޭގެ ދެއެތިކޮޅަށް ބަލައިލިއެވެ. ލޯތްބާއި ޝައުގާއި ފަހުރުން ފޯވެފައިވާ އެބެލުމުގައި ވަނީ އެތައް ބައިވަރު ވާހަކަތަކެކެވެ. ޔަގީންކަމާއި އިތުބާރުގެ ވައުދުތަކެވެ. ރައްކާތެރިކަމާއި އަމާންކަމުގެ އަހުދުތަކެކެވެ.
ދެކުދިންގެ މޫނުމަތިންވެސް އެކުދިންގެ ބައްޕަގެ ސިފަގަނޑު ކިތަންމެހާވެސް ރީއްޗަށް ފާޅުވެއެވެ. ޝައުފާގެ ހިތަށް އެކުދިންގެ މޫނު ފެންނަ ކޮންމެ ފަހަރަކު އެތައް އަސަރެއް ކުރެއެވެ. އޭނާގެ ރެއާއި ދުވާލަކީ މިހާރު މިދެ ފުރާނައެވެ. އެހެންނަމަވެސް ހަޔާތުގެ އެއްބައި އުނިކަމުގެ އިހުސާސް އޭނާގެ ހިތް ރޮއްވާނުލާ އެންމެ ދުވަހެއްވެސް ނުދެއެވެ. ޝާމިނާ އެކު ހޭދަވި ހިނދުހިނދުކޮޅުތަކުގެ ހަނދާންތައް އޭނާގެ ހިތާއި ސިކުނޑިން ފަހަރެއްގާވެސް ފިލާނުދެއެވެ. އޭނާގެ ޝާމިން އޭނާ ދޫކޮށްލާފައި އަބަދުގެ އަބަދަށް ދިޔައީ ބާވައެވެ. ދުވަހަކުވެސް އަނބުރާ ނާންނާނެ މަންޒިލަކަށް ގޮސް ގެއްލުނީބާވައެވެ.
އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް ކުދިންނަށް ގާތުންދީ އެކުދިން ނިންދެވުމަށްފަހު ޝައުފާ، އުދޯލިގޭގެ އެއްފަރާތާއި ފުރަގަހުގައި ހައްދާފައިވާ މާގަސްތައް ކުޑަކޮށް ސާފުކޮށްލުމަށް އެގަސްތަކާ ގާތަށް ދިޔައެވެ. ކޮންމެ ކަމެއްގައި ހުއްޓަސް އޭނާގެ ދެލޯ އުދޯލީގައި ތިބި ދެކުދިންގެ ގައިން ނެއްޓިގެނެއް ނުދެއެވެ. މަޑުމަޑުން ގަސްތަކުން ހިކިފައިވާ ފަތްތައް ވަކިކުރަމުން ގަސްތައް ސާފުކުރަން އޭނާ ފެށިއެވެ. މިފަދަ ކޮންމެ ވަގުތަކު އޭނާގެ ހިތް ބާރުބާރަށް ރޮއިގިސްލައެވެ. ޝާމިންގެ ހަނދާންތައް އޭނާގެ ހިތަށް ނުހަނު ތަދުކޮށްލައެވެ، މިއީ ހާދަ ވޭންއަޅާ ތަދެކެވެ. އޭނާގެ ހިތް ވޭނުން ފުރެނީއެވެ. ތުންފަތް ތުރުތުރުއަޅަމުން ދިޔައެވެ.
"ހެޔޮނުވާނެއެވެ. އޭހ ޝާމިނެވެ. އެނބުރި އައިސްބަލާށެވެ. އަހަރެން މަނިކުފާނުގެ އަމާނާތުގައި ފުރިހަމަ ކުލައެއްވެސް ޖައްސައިފީމެވެ. އަހަރެންގެ ވަފާތެރިކަން އަދިވެސް އިމްތިހާން ކުރަނީ ހެއްޔެވެ....؟ އޭ ޝާމިނެވެ...... އައިސްބަލާށެވެ. އަހަރެމެންގެ ދަރިންކޮޅު ދެކިލަން އައިސް ބަލާބަލާށެވެ. އެއީ ހަމަ މަނިކުފާނުގެ ތަތްގަނޑުތަކެކެވެ. އެކުދިން ބައްޕައަށް އިންތިޒާރު ކުރަނީއެވެ. އަހަރެންގެ އެކަނިވެރިކަން ދުރުކޮށް އަހަރެން ތިޔަ މޭގެ ތެރޭގައި ފޮރުވާލަދޭން އައިސްދީބަލާށެވެ."
(ނުނިމޭ)
ވާހަކަ
ވާހަކަ