އޮމިކްރޯން ފެތުރޭ ހަލުވިމިނާ އަޅައި ބަލާއިރު އާ ވޭރިއަންޓެއް އުފެދުމުގެ ފުރުސަތު ބޮޑުކަމުގައި ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި އޮމިކްރޯންގެ ސަބަބުން ކޮވިޑުގެ ކޭސްތައް ދަނީ މަތިވަމުންނެވެ. އޮމިކްރޯން ފެތުރޭ ސްޕީޑަށް ބަލާއިރު، ބޮޑުވަރުވާ މީހުންގެ އަދަދުތައް ދަށް ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލު ނުވެ މަތިވަމުން ދިއުމަކީ ކޮވިޑުގެ އާ ވޭރިއަންޓެއް އުފެދުމަށް މަގުފަހިކުރާނެ ކަމެއް ކަމުގައި ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ކޮވިޑުގެ ޑެލްޓާ ވޭރިއަންޓަށް ވުރެ އޮމިކްރޯންގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަށް ނަމަވެސް، ދެން އުފެދިގެން އަންނަ ވޭރިއަންޓުގެ ނުރައްކާ އޮތީ ކިހާވަރަކަށް ކަން ބުނަން ނޭނގޭ ކަމަށް އެ ޖަމިއްޔާގެ ސީނިއަރ އިމަޖެންސީ އޮފިސަރު ކެތަރިން ސްމޯލްވުޑް ވަނީ ފާހަގަކުރައްވާފައެވެ. އަންގާރަ ދުވަހު މީޑިއާއަކަށް މައުލޫމާތު ހިއްސާކުރައްވަމުން ސްމޯލްވުޑް ވިދާޅުވީ، އާ ވޭރިއަންޓެއް އަދި އުފެދިފައި ނުވިނަމަވެސް އޮމިކްރޯން ފެތުރުން މަޑުޖެހުމެއް ނެތި ދާ ދިއުމަށް ބަލާއިރު އެކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ހުޅަނގުގެ ގައުމުތަކުގައި މިހާތަނަށް ކޮވިޑުގެ 100 މިލިއަނަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު 2021 ވަނަ އަހަރުގެ އެންމެ ފަހު ހަފުތާގެ ތެރޭގައި ބަލި ޖެހިގެން އަލަށް ރިޕޯޓުކުރި 5 މިލިއަން މީހުން ހިމެނޭ ކަމުގައި ސްމޯލްވުޑް ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އިނގިރޭސިވިލާތުން ރިޕޯޓުކުރިގޮތުގައި އެގައުމުގައި ކޮވިޑްގެ އެކްޓިވް ކޭސްތައް ފުރަތަމަ ފަހަރަށް 200،000 އަށް އަރާފައިވާއިރު ކޭސްތައް މަތިވަމުން ދާ ދިއުމާއި އަޅައިބަލާއިރު ހިދުމަތް ކުރަން ތިބި ސިއްހީ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމު ބޮއްސުންލައިގެން ހިނގައިދާނެ ކަމުގެ އިންޒާރުވަނީ ދީފައެވެ. ސްމޯލްވުޑް ފާހަގަކުރެއްވި ގޮތުގައި ސިއްހީ ނިޒާމުތައް އެންމެ ފުރިހަމައަށް ފައްކާ ކުރެވިފައިވާ ހުޅަނގުގެ ގައުމުތަކުގައިވެސް ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދުތައް މަތިވަމުން ދާ ދިއުމާ އަޅައި ބަލާއިރު މިހާލަތަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ