މިދިޔަ ހޯމަ ދުވަހުގެ ރޭ ވ. ފުއްސަރު ކައިރީން 4 ނޯޓިކަލް މޭލު ބޭރުން އަޑިޔަށް ދިޔަ "އަލަމާ 5" ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން، ދެ މީހަކު ރޭ ފެނިފައިވާ އިރު، މިހައިތަނަށް ނުފެންނަ އެ ދޯނީގެ ކެޕްޓަން އާދަމް ޝަފީއު ވެސް ފެނުނު ދެމީހުންނާ އެކު ކަނޑު ތެރޭގައި ރޭ އިރާކޮޅާއި ހަމަޔަށް އޮތް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާއިން މިއަދު ބުނީ، އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން 2 މީހަކު މިއަދު ހެނދުނު 06:50 ހާއިރު ކޯސްޓްގާޑުގެ ސީއެމްބިއުލާންސް -34 އަށް ނަގާފައި ކަމަށާއި އެމީހުން ފެނުނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކަމަށެވެ. އެއީ ބިދޭސީ ދެ ފަޅުވެރީންނެވެ.
އެ ދެމީހުންގެ ފޯނަށް ރޭންޖު ލިބުމުން އެމީހުން ފުރަތަމަ ގުޅައި ހަބަރު ދިނީ "އަލަމާ 5" ކުއްޔަށް ހިފާފައިވާ ފަރާތް ކަމަށްވާ ހަސަން ފައުޒީ އަށެވެ. ރަށްރަށުގެ އަލި ފެންނަ ކަމާއި ތިބި ކަމަށް ލަފާ ކުރެވޭ ސަރަހައްދު އެމީހުން ބުނުމުން، ފައުޒީ ވަގުތުން ކޯސްޓްގާޑަށް ގުޅައި، ފަޅުވެރީންނާ ކޯސްގާޑާ ގުޅުވީ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ފައުޒީ މިއަދު ބުނީ، ބިދޭސީންނާ ގުޅުނު ވަގުތު ކައްޕީގެ ހަބަރު އެހި ކަމަށެވެ.
"އެމީހުން ބުނީ ފޯނަށް ރޭންޖު ލިބުމުގެ އިރުކޮޅެއް ކުރިޔާ ހަމަޔަށް ވެސް ތިމަންނާމެން ކައިރީ ކައްޕި އޮތޭ. ދޯނި އަޑިޔަށް ދިޔައީއްސުރެ ވެސް ހަންތަކުގެ އެހީގައި ތިން މީހުން ކަނޑުމަތީގައި ތިބީ އެކީގައޭ. ކައްޕި ނައްޓައިލީ ކުޑައިރުކޮޅެއް ކުރީންނޭ." ފައުޒީ ބުންޏެވެ.
ފައުޒީ ބުނީ، ކައްޕި ނައްޓައިލީ، ކައިރީން ރަށްރަށުގެ އަލި ފެންނާން ފެށުމުން، އެދިމާއަށް ދިއުމަށް ކަމަށް ބުނެފައި ކަމަށް ބިދޭސީ މީހާ މައުލޫމާތު ދިން ކަމަށެވެ. އެހެން ނުހެދުމަށް އެދި އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރި ކަމަށް ވެސް ބިދޭސީ މީހާ ބުނި ކަމަށް ފައުޒީ ބުންޏެވެ. އަދި އޭނާ ދިޔައީ ވެސް ފެންމަތީގައި އޮވެވޭނެހެން ހަމެއްގެ އެހީއާވެސް އެކުގައި ކަމަށް ބިދޭސީ މީހާ ބުނި ކަމަށް ފައުޒީ ބުންޏެވެ.
ރޭ ފަތިހު 6:50 އެހާއިރު، ބިދޭސީ ދެމީހުން ކޯސްޓްގާޑުގެ ސީ އެމްބިއުލާންސަށް ނެގި އިރު، އެމީހުން ތިބީ ކުކިން އޮއިލް ހުސްކުރި ބޮޑެތި ހަތަރު ހަމުގެ އެހީގައި ކަނދުފައްޗެއް ހަދައިގެން އޭގައި އެލިގެންނެވެ. އެމީހުންގެ ކައިރީގައި ފުޅިމަދު ފޮއްޓެއް ހުއްޓެވެ. އޭގެ ތެރޭގައި ދަބަހެއްވެސް އޮތެވެ. ފައުޒީ ބުނިގޮތުގައި، ބިދޭސީ މީހާ އޭނާގެ ފޯނު ލައިގެން އުޅުނީ އެ ދަބަހަށެވެ.
"އަލަމާ5" ގެ ކެޕްޓަން އާދަމް ޝަފީއު އަކީ ކ. ގުރައިދޫ މީހެކެވެ. ދޯނި އަޑިޔަށް ދާ ހަބަރު އޭނާ ދިނީ އޭނާއާ އެކު ފާނަ ކިރުމުގެ މަސައްކަތުގައި ހަމަ އެ ކުންފުނީގައި ހަރަކާތްތެރިވާ އެހެން ދޯންޏެއްގެ ކެޕްޓަނެއް ކަމަށްވާ، އަލީ ރަޝީދު އަށެވެ. އަލީ ރަޝީދު ދުއްވާ ދޯނި އެއިރު ދަތުރުކުރަމުން އައީ ރ އަތޮޅުން މާލެ އަށެވެ.
އަލީ ރަޝީދު އިއްޔެ "ވަން" އަށް ބުނިގޮތުގައި، އިއްޔެ 1030 އެހައި އިރު "އަލަމާ 5" ގެ ކެޕްޓަންގެ ފޯނުން މިސް ކޯލް އެލާޓެއްވެސް ލިބިފައިވެއެވެ. އެކަމަކު އެވަގުތު ގުޅި އިރުވެސް އެ ފޯނަށް ރޭންޖު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް