ކަނޑުމަތީގެ ހާދިސާތައް

އަލަމާ ދޯނިން ގެއްލުނު ބިދޭސީ ދެ ފަޅުވެރީން ކަނޑުތެރޭގައި ތިއްބައި ސީ އެމްބިއުލާންސަށް ނަގައިފި

އަލަމާ ދޯނިން ގެއްލުނު ބިދޭސީ ދެ ފަޅުވެރީން ކަނޑުތެރޭގައި ތިއްބައި ސީ އެމްބިއުލާންސަށް ނަގައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާއިން މިއަދު ބުނީ، އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން 2 މީހަކު ވަނީ މިއަދު ހެނދުނު 06:50 ހާއިރު ކޯސްޓްގާޑުގެ ސީއެމްބިއުލާންސް -34 އަށް ނަގާފައި ކަމަށާއި އެމީހުން ފެނުނީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކަމަށެވެ.

މީމީހުން ހޯދުމަށް ޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތް އަދި ވައިގެ މަގުން އެސަރަހައްދުގައި ޓީއެމްއޭ ގެ 10 ސީޕްލޭން އާއި ފްލައިމީގެ މަތިންދާބޯޓެއް ވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލުނު ފަޅުވެރިންގެ ތެރެއިން ދިވެހި މީހާ ފެނިފައި ނުވާއިރު، މި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލަމާ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު އެ ދޯނީގެ ކެޕްޓަން އާދަމް ޝަފީއު އެންމެ ފުރަތަމަ ދިނީ އޭނާއާ އެކު ފާނަ ކިރުމުގެ މަސައްކަތުގައި ހަމަ އެ ކުންފުނީގައި ހަރަކާތްތެރިވާ އެހެން ދޯންޏެއްގެ ކެޕްޓަނެއް ކަމަށްވާ، އަލީ ރަޝީދު އަށެވެ. އަލީ ރަޝީދު ދުއްވާ ދޯނި އެއިރު ދަތުރުކުރަމުން އައީ ރ. އަތޮޅުން މާލެ އަށެވެ.

އަލީ ރަޝީދު "ވަން" އަށް މައުލޫމާތު ދެމުން އިއްޔެ ބުނެފައިވަނީ އަޑިޔަށް ދިޔަ ދޯނީގައި ސަލާމަތީ ކަންކަން ރަނގަޅަށް ހުންނާނެ ކަމަށާއި ދިޔަ ހިއްކާ ދެ ޕަންޕު ހުންނާނެ ކަމަށެވެ. ދޯނި ދިޔަވެ އަޑިޔަށް ހިނގައްޖެ ނަމަ، ފެންމަތީގައި ތިބުމަށް އެހީތެރިކަން ހޯދޭނެ ވަރަށް ގިނަ ތަކެތި ވެސް ދޯނީގައި ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފައިބަރު ފޮށި ތަކާއި ބޮޑެތި ހަމާއި 50 އަށްވުރެ ގިނަ ލައިފް ޖެކެޓު ވެސް ހިމެނޭ ކަމަށް އަލީ ރަޝީދު ބުންޏެވެ.

އެމްއެންޑީއެފުން ރޭގެ ވަގުތެއްގައި ބުނެފައިވަނީ ދޯނީގެ ފަޅުވެރިން ހޯދަން 2,720 ސްކެޔާ ނޯޓިކަލްމޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ދޯނި އަޑިޔަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 11:22 އެހާކަންހާއިރުއެވެ. އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ކޯސްޓުގާޑަށް ވަނީ އެ ދޯނީގައި ހުރި ބައެއް ތަކެތި އޮޔާ ދަނިކޮށް އިއްޔެ ފެނިފައެވެ.