މި ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތަކުގެ ބޮޑު ޕަސެންޓެއް ފުރިހަމަ ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ސޯލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި، ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ މާފަރަށެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންނާއި ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގިނަ ރަށްރަށަށް ވެފައިވާ ވައުދުތަކުގެ 85-99 ޕަސެންޓުގެ ފުރިހަމަ ކުރެއްވިއްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

އަތޮޅުތެރެއަށް އެމަނިކުފާނު ކުރައްވާ ދަތުރުތަކުގެ ބޭނުންފުޅަކީ ރައްޔިތުން އެދޭ ކަންކަން ހޯއްދަވައި، ރާއްޖޭގެ ތަރައްގީއަށް އިތުރަށް ކުރަން ހުރި ކަންކަން ދެނެގަތުން ކަމުގައި ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، މާފަރު ކައުންސިލާއެކު މާފަރު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި، ކުރިން ކައުންސިލްތަކަށް ނެތް ބާރުވެރިކަން ގާނޫނީ ގޮތުން ކައުންސިލްތަކަށް ހޯއްދަވައިދެއްވުމަކީ ކައުންސިލުން ނުހަނު އުފާކުރާ ކަމެއް ކަމުގައި މާފުށީ ކައުންސިލުން ފާހަގަކުރި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މާފަރުގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުން ވާ ކަންކަމާއި ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރި ކަމަށް ބުންޏެވެ.

އެގޮތުން މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ބޭނުންވާ ކަމާއި ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ބޭނުންވާ ކަމާއި މާފަރު އިހުތިސޯސްގައި ކުރިން ހިމެނިފައިވާ ބައެއް އުނިވެފައި ވުމުން ދިމާވާ ދަތިތަކާއި ރަށުގައި ޒުވާނުންގެ މަރުކަޒެއް ހެދުމަށް ބޭނުންވާ ކަން ކައުންސިލުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މާފަރު އެއާޕޯޓް ސަރަހައްދުގައި ބާކީވެފައި ހުރި ތާރުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ރަށުގައި ހުރި އައިސް ޕްލާންޓުން ހިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށާއި ބަނދަރަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައްވެސް ރައީސާ ކައުންސިލުން ހިއްސާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި މާފަރުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރެއްވި ކަމަށެވެ.

އެގޮތުން ސިއްހީ މަރުކަޒުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންކަމާއި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.