ވ. ވަށުގިރީގައި ރިސޯޓް ތަަރައްގީކުރި ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެކުންފުނީ ޖޫރިމަނާ ކުރީ 593،750 ރުފިޔާއިންނެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ވަށުގިރި ޕްރައިވެޓް ލިމިޓެޑުން ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކޮށްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށެވެ.
އެހެންކަމުން "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ބެހޭ ގާނޫނު"ގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
އިއްޔެ އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ވަށުގިރި ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.