ވިހެއި ގޮތަށް އެއްލާލާފައި އޮތް ކުއްޖަކު އެއާ މޯރިޝަސް ފްލައިޓެއްގެ ފާހާނާ ޑަސްބިނުން ފެނިއްޖެއެވެ.
މި ތުއްތު ކުއްޖާ ފެނިފައިވަނީ އެއާޕޯޓުގެ މުވައްޒަފުންނަށެވެ. މޯރިޝަސް އިން ނައްޓާލައިގެން ދަތުރުކުރި އެ ފުލައިޓުން ވަނީ މި ކުއްޖާ އުފަންކުރި ކަމަށް ޝައްކު ކުރެވޭ އުމުރުން 20 އަހަރުގެ އަންހެނަކު މިމައްސަލައިގައި ހައްޔަރުކޮށްފައެވެ.
މަޑަގަސްކަރައިން ނައްޓާލި އެއާ މޯރިޝަސް ފްލައިޓް ސާ ސީވޫސާގޫރު ރަމްގޫލަމް އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ޖެނުއަރީ 1 ވަނަ ދުވަހު އެވެ.
އެއާޕޯޓުގެ މުވައްޒަފުންނަށް މިތުއްތު ކުއްޖާ ފެނިފައިވަނީ ފްލައިޓު ޖެއްސުމާއެކު ކުރިއަށް ގެންދާ ރޫޓީން ޗެކްކުރުމުގެ ތެރެއިންނެވެ. މި ތުއްތު ކުއްޖާ ދިރިއޮއްވައި ފެނުމާއެކު ވަނީ ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ކުއްޖާ ވިހެއިކަމަށް ޝައްކު ކުރެވުނު އަންހެން މީހާ އެކަމަށް އިންކާރު ކުރި ނަމަވެސް މެޑިކަލް އެގްޒެމިނޭޝަނަށްފަހު އެ އަންހެން މީހާ ވަރަށް ފަހުން ކުއްޖަކު ވިހާފައިވާ ކަން ވަނީ ސާބިތު ކުރެވިފައެވެ.
މިވަގުތު އަންހެން މީހާއަށާއި ތުއްތު ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ދެމައިންގެ ހާލުވެސް ރަނގަޅުކަމުގައި ހަބަރުތައް ބުނެއެވެ.
މި އަންހެން މީހާ މޯރިޝަސް އަށް ދަތުރުކޮށްފައިވަނީ ދެ އަހަރުގެ ވޯކް ޕާމިޓެއްގެ ދަށުންނެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމާއެކު މިމައްސަލައިގައި އޭނާގެ މައްޗަށް ތަހުގީގު ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.