ސައްބީސް ވަނަ ބައި
ވިސްނާނުލައި ކުރެވޭ ހަމަ އެންމެ ކުޑަކުޑަ ކަމަކުން ހީވެސް ނުކުރާ ކަހަލަ ނަތީޖާއަކާ ކުރިމަތިލާން ޖެހިދެއެވެ. އަދި ދެން އެކަމެއް ބަދަލު ކުރަން ކުރެވޭނެ އެއްވެސް ކަމެއް ނުވެސް އޮވޭމެއެވެ.
ޝާމިން ދިޔަ ނުދިޔަ ތަނެއް ނޭނގި ގެއިން ނުވަތަ މުޅި މާލެއިންވެސް ގެއްލުނުތާ އެތައް ދުވަހެއް ވެއްޖެއެވެ. މިވެގެން ދިޔަ އަށެއްކަ މަސް ދުވަހު ޝާމިން ވީތަނެއް ހޯދުމަށް އެއާއިލާއިން ނުފުރޮޅާ އެންމެ ގަލެއްވެސް ނެތޭ ބުނުމަކީ ގޯހެއް ނޫނެވެ. ބައްޕަގެ އުފަން ފަސްގަނޑަށް ޝާމިން ގޮސް އުޅެފާނެ ކަމަށް އެރަށާއި އެރަށުގެ ކައިރީގައިވާ އެއަތޮޅުގެ ބާކީ ހުރި ރަށްތަކަށް ދާނދެން އެމީހުން ހޯދާ ބަލައިފިއެވެ. ކަމާ ބެހޭ ފަރާތަށް އެހަބަރު ދޭން އެކަކަށްވެސް ގަބޫލެއް ނުވެވުނެވެ. ޝާމިން ދިޔަ ތަނަކަށް ދިޔައީ އަމިއްލަ ރުހުމުގައި ބޭނުން ވެގެން ކަން ސާބިތުވާފަދަ އެންމެ ކުޑަކުޑަ ނޯޓެއް އެންމެނަށްވެސް އޮތީ ލިބިފައެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތަށް ނުވަތަ ފުލުހުންނަށް އެމައްސަލަ ހުށަހަޅައިގެން ކަންތައް ގޯސްވެ، އާއިލާގެ ނަމާއި އަބުރު ވެއްޔާ ލެވޭކަށް އެކަކަށްވެސް އެއްބަހެއް ނުވިއެވެ.
"އަހަރެންދެކެ ހެޔޮހިތުން ލޯބިވާ އެންމެނަށް ސަލާމަށްފަހު ބުނަމެވެ. މިނޯޓް ލިބޭ އިރު އަހަރެން މާލެއާ ވަރަށް ދުރަށް ގޮސް ނިމިދާނެއެވެ. އެއްވެސް މީހަކު އަހަރެން ހޯދުމަށް މަސައްކަތް ކުރާނެ ކަމެއް ނެތެވެ. އެއީ ބޭކާރު ކަމެކެވެ. އެނބުރި އަންނަން ބޭނުންވީމަ އަހަރެން އަތުވެދާނަމެވެ. މިއީ އެއްވެސް މަޖުބޫރެއް އޮވެގެން އެއްވެސް ކަމަކާ ދިމާވެގެން ކުރި ކަމެއް ނޫނެވެ. މިވަގުތަށް އަހަރެން މާލޭގައި އުޅޭ ހިތެއް ނެތޭ ބުނުމުން ފުދޭނެކަމަށް ހީކުރަމެވެ. ޝާމިން."
އެއީ ޝާމިން ގެއިން ދިޔަތާ ހަތަރު ދުވަސް ފަހުން ޝާމިންގެ އޮފީސް ޕިޔޯނު ގެނެސްދިން ސިޓީ އުރައެއްގައި އޮތް ނޯޓެކެވެ. އެޕިޔޯނު ބުނި ގޮތުގައި ޝާމިން އޮފީހުން ވަކިވި ދުވަހު އޮފީހުން ނުކުންނަމުން އޭނާއާ ހަވާލު ކުރި ދެއުރައެކެވެ. އެއް ސިޓީއުރަ ޝާމިން އެދުނު ގޮތަށް ހަތަރު ވަރަކަށް ދުވަސް ފަހުން، ޝާމިންގެ މަންއަށް އަދި އަނެއް ސިޓީ އުރަ ޝާމިންގެ އަނބިމީހާއަށް އަމާނާތްތެރިކަމާ އެކު އޭނާ ހަވާލު ކޮށްދިނެވެ. އެދުވަހަށް ފަހު ޝާމިން އޮފީހަށް ނާންނަ ކަމަށް އޮފީހުގެ އެންމެ އިސްފަރާތުންވެސް ދެންނެވިއެވެ. ކޮންމެއަކަސް ޝާމިން ކޮންމެވެސް ތަނަކަށް ދިޔަކަން ޔަގީނެވެ. ދިޔައީ ކޮންތާކަށް ކީއްކުރަން ކިހާ ދުވަހަކަށް ކަމެއް އެކަކަށްވެސް ނޭނގެއެވެ.
"ޝައު.... ޝައުފާ...."
ކުޑަކުޑަ ބާލީސް އުރައެއްގައި މާގަޑެއްގެ ޖަރީގެ މަސައްކަތް ކުރަމުން ދިޔަ ޝައުފާގެ ފަރިތަ އިނގިލިތައް މަޑުޖައްސާލީ ދޮރުން އެތެރެއަށް ވަދެގެން އައި ޒިމްނާގެ ގޮވުމުގެ އަޑަށެވެ. ފަހާފޮށި ދޮށުގައި ހުރި ގޮނޑިން ތެދުވެގެން ގޮސް އެނދުގައި އިށީންނަމުން ޝައުފާ، ކޮތަޅެއް ހިފައިގެން އައިސް އޭގައި ހުރި އެއްޗެހިތައް އެނދުގެ އެއްފަރާތައް އޮއްސަން ހުރި ޒިމްނާއަށް ބަލައިލިއެވެ.
"ކިހިނެއްވީ.... މާބާރަކަށް ގޮވަމުން އައީޔޯ...." ޝައުފާ އަހާލިއެވެ.
"ނުގޮވާ ވަރެއް ނޫނެއްނު.... ޒިޔާދު ސާހިބާ ހީވަނީ، އޭނަގެ އަމިއްލަ ދަރިއެއްގެ ކަމަކާ ތެޅޭހެން.... ހެނދުނު އެރި އިރާއެކު ގުޅަން ފަށައިފި... އެންމެ ފަހުން ސަމަދު ފޮނުވައިގެން މިޕެކެޓް ގެނުވީ.... މިހުރީނު.... ކުދިކުދި ހެދުންކޮޅުތަކާއި ބޫޓުކޮޅުތަކުގެ ސާމްޕަލް ތަކެއް ފޮނުވާފައި... މީގެ ތެރެއިން ޝައުއަށް ކަމުދާ ޑިޒައިނެއް ނަގާބަލަ.... ހަމަ މިރެއިން މިރެއަށް މިއެއްޗެހިީގެ ތެރެއިން ޝައުއަށް ކަމުދާ ތަކެތީގެ ފޮޓޯ ޔޫކޭއަށް، ޒިޔާދަށް ފޮނުވަން ޖެހޭ....."
އެނދުގެ އެއްފަރާތަށް، ޒިމްނާ ގެނައި ކޮތަޅުގައި ހުރި އެއްޗެހި އެނދު މައްޗަށް އޮއްސާލަފައި ހުރިއިރު، އޭގެއިން ކުދި ހެދުންކޮޅެއް ނަގަމުން ޒިމްނާ ވާހަކަ ދެއްކިއެވެ. ވިހައިގެން މަސްދުވަސް ނުވާ ތުއްތު ކުދިންގެ ހެދުންކޮޅުތަކާއި ސްޓާކީންގެ އިތުރަށް އަންގި އާއި ބޫޓުކޮޅުތަކެއް ވެސް ޒިމްނާ ގެނައި ތަކެތީގެ ތެރޭގައި ހުއްޓެވެ.
"މާތްކަލާކޯ.... ކޮންމެ ކުލައެއްގެ ކޮންމެ ކަހަލަ އެއްޗަކަސް މަށަށް ހެޔޮ.... ހެދުމުގެ ފާޑަކުން ނޫނީ ކުލައަކުން ވާނެ ފައިދާއެއް އޮންނާނެތަ...؟"
ޝައުފާ ހެމުން ހެމުން އެނދުގެ ސައިޑްކަބަޑްގައި ލެނގިލިއެވެ.
"ކޮންމެ އެއްޗެއް ލެއްވިޔަސް... ކޮންމެ ކުލައެއްގެ ކޮންމެ ފާޑެއްގެ އެއްޗަކަސް ހަލާލު އެއްޗަކަށް ވީމަ އެނިމުނީ.... އެހެންނޫނަސް މާކަންތައް ބޮޑުކުރުމުގެ އެއްވެސް ބޭނުމެއް ނެތެއްނު..."
ޝައުފާގެ އަޑު ކުރެހިއްޖެއެވެ. އޭނާގެ އަޑަށް އައި ބަދަލު ޒިމްނާއަކަށް އޮޅުވައެއް ނުލެވުނެވެ.
"އެއްކަލަ ޝައުފާ..... މިހާރުދެން ތިގޮތަށް ހިތުގައި ޖެހުން ހުއްޓާލަން ވެއްޖެއެއްނު....!"
ޝައުފާގެ ގާތަށް އައިސް އެނދުގެ ކަނެއްގައި އިިށީނދެ ޒިމްނާ، ޝައުފާގެ އަތުގައި ހިފާލިއެވެ. "މިހެން ބުނާއިރުވެސް އެނގޭ.... ޝައު ގަސްދުގައި ނޫންކަން ދެރަވަނީ.... އެކަމަކު މިހާރު ތިގޮތަށް ދެރަވެ ހިތާމަ ކުރުމުން ގެއްލުންވާނީ ހަމައެކަނި ޝައުއަކަށް ނޫން... މިހާރު ޝައުގެ ހުރިހާ ކަމެއް ހިއްސާ ކުރާނެ އެހެން ފަރާތެއް ވާކަން ދަންނަން ޖެހޭނެ.... ކުރަން ފަސޭހަ ނުވިޔަސް ޝައު ހިތްވަރު ކުރަން ޖެހޭނެ... ތިމާއަށްޓަކައި ނޫނަސް..." ޒިމްނާ ވިސްނައިދިނެވެ. ޝައުފާ މަޑުމަޑުން ބޯ ޖަހައިލީ ހިންދިރުވާލަމުންނެވެ.
ވީނުވީ ތަނެއް ނޭނގި ޝާމިން ގެއިން ދިޔަ ފަހުން ޝައުފާގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނު ކަހަލައެވެ. ޒިމްނާ އާއި ސަމަދު، ޒިޔާދާއި ނޯޔާގެ އެހީތެރިކަމާއި އަޅާލުމާއި އެއްބާރުލުން ނުލިބުނުނަމަ އޭނާ ހަމައަކަށް އެޅެން ދުވަސްތަކެއް ނެގީސްކަން ގައިމެވެ. އެއަށްވުރެންވެސް ބޮޑު ހިތްވަރަކަށް، ބާރަކަށް ވީ، ޝާމިން ގެއިން ދިޔަ ފަހުން، ހަފުތާއެއްހާ ދުވަސްވީތަނާހެން، ޑޮކްޓަރު ދެއްވި ހަބަރެވެ. އާއެކެވެ. ޝައުފާ އިނީ ހަ ހަފުތާގެ ދަރިފުޅަކަށް ބަލިވެއެވެ. ކޮންމެ ތަަނަކަށް ދިޔަ ނަަމަވެސް ޝާމިން ދިޔުމުގެ ކުރިން ދިން އެހަދިޔާއަށް އަމާނާތްތެރި ވުމަކީ ކޮނޑުގައި އެޅުނު ބޮޑުވެގެންވާ ޒިންމާއެއް ކަމަށް ހިތުގެ އަޑިން ޝައުފާ ގަބޫލު ކުރިއެވެ. އޭނާ ހަމަހޭގައި ކިރިޔާވެސް އަމިއްލަ ފައިމަތީ ކޮޅަށް ހުރެވޭނަމަ އޭނާ އެދަރިފުޅަށް ދުނިޔޭގެ އެއްވެސް ދިލައެއް ހޫނެއް ދިލައެއް، ވޭނެއް ތަދެއް ތުރާލެއް އަނިޔާއެއްގެ ކުޑަވެސް އަސަރެއް ކުރިޔަކަ ނުދޭނެއެވެ. ވަޒީފާއިން ވަކިވާން ބޭނުން ނުވިޔަސް ގޭގައި އިނަސް ބޭނުން ހުރިހާ ކަމެއް ފުރިހަމަ ވާނެކަމުގެ ޔަގީންކަމާއި އިތުބާރު ޒިޔާދު ދިނީ ހަމައެކަނި އެއީ އެއްބަފާ ކޮއްކޮ ކަމަށް ވާތީ ނޫނެވެ. އެހަގީގަތަކީވެސް އެއް ސަބަބު ކަމަށްވާއިރު ޒިޔާދު، ޝައުފާއަކީ އޭނާގެ ވަރަށް ވަފާތެރި ބޭނުންތެރި މުވައްޒަފެއްކަންވެސް ހަނދާން ބެހެއްޓިއެވެ.
ވޭތުވެ ދިޔަ ހައެއްކަ މަސްދުވަހު، ޝާމިންގެ ހަބަރެއް ވޭތޯ ޝައުފާ އާއި ޒިޔާދުގެ އިތުރަށް ޒިމްނާ އާއި ސަމަދުވެސް އެތައް މަސައްކަތެއް ކުރިއެވެ. އަދިވެސް މިހާރުވެސް އެ އެންމެންވެސް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުން ގެންދަނީ ކޮންމެވެސް އެއް ކާމިޔާބެއް ވެދާނެ ކަމުގެ އުއްމީދުގައެވެ. އެންމެ ހައިރާންވެ އަޖާއިބުވާ ކަމަކީ އެންމެ ކުޑަމިނުން ޝާމިންގެ އާއިލާގައިވެސް ޝާމިން ދިޔަ ނުދިޔަ ތަނަކާ ބެހޭ ގޮތުން އެއްވެސް ހިލަމެއް އެއްވެސް ވަރަކަށް އެނގޭ އެކަކުވެސް ނެތްކަމެވެ. ޝާމިންގެ އޮފީހުން އަންގާ ގޮތުގައި ޝާމިން ވަޒީފާއިން ވަކިވެއްޖެއެވެ. އެއްވެސް ފްލައިޓަކުން ފުރައިގެން ރާއްޖެތެރޭގެ ނުވަތަ ރާއްޖެއިން ބޭރަށްވެސް ޝާމިން ދިޔަކަމުގެ އެއްވެސް ހަބަރެއް އެނގޭކަށް ނެތެވެ. ފުލުހުންނާ ހަމައަށް މައްސަލަ ގެންދާ ފިކުރެއް އެކަކުވެސް ނުކުރެއެވެ. ސަބަބުތައް ގިނައެވެ.
ކޮންމެއަކަސް ކޮންމެވެސް ދުވަހަކުން ޝާމިން ހަމަ ކުއްލިއަކަށް ގެއިން ނުކުމެގެން، ވީނުވީތަނެއް ނޭނގި ދިޔަ ގޮތަށް، އެއްދުވަހެއްގައިި، ހަމަ ކުއްލިއަކަށް އަތުވެދާނެ ކަމުގެ އުއްމީދުގައި ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ބުރަ ވަގުތާ ކުރިމަތިލީއެވެ. ހިތުގައި އެންމެ ބޮޑު ހިލައެއް ބާއްވަން ޖެހުނީ ޝައުފާ ފަކީރަށެވެ. ހިތްފުރެންދެން ރޯލާނެ ނަސީބެއްވެސް އެފަކީރަކަށް ނުލިބުނެވެ. އެތެރެހަށީގައި އުފެދި ބޮޑުވަމުން އަންނަ މައުސޫމު ފުރާނައަށް ވޭނާއި ތުރާ ދޭކަށް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން ކިތަންމެ ހިތުގައި ޖެހި ދެރަވިޔަސް ހިތުގެ އެވޭން ކަނެއްގައި ރައްކާކޮށްގެން ހިންދިރުވާލައިގެން ދުވާލާއި ރޭގަނޑުގެ ގަޑިތައް ހޭދަ ކުރަން ފެށީ އުއްމީދުގެ ބައްތި ދެލޮލުގައި ދިއްލިފައިވާ ހާލުގައެވެ.
******************************************************************************************************
"ތީ ހަމަ އެންމެ ރަނގަޅު ގޮތްކަން ޔަގީންތަ....؟"
ރާއްޖޭގެ އަމާން ހަމަޖެހޭ މާހައުލާއި އެތައް މޭލު ދުރުގައި، މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކުގެ މަތިން މަޑުދުވެއްޔެއްގައި ދުއްވާފައި ދިޔަ ބޮޑު ޔޮޓްގެ މަތީގައި ހުރި އަރާމު ކޮޓަރިއެއްގެ ތެރެއެވެ. ކޮންމެވެސް މިސްރާބަކަށް ދަތުރު ކުރަމުންދާ މި ޕްރައިވެޓް ޔޮޓަކީ ދުބާއީގެ މަޝްހޫރު ކާމިޔާބު ވިޔަފާރިވެރިޔާ، އަތާއުއްދީނުއަލީ އޭނާގެ ހަނގު އަނބިކަމަނާ، ރޫބީހާންއަލީ އަށް ހަދިޔާކޮށް، އެނަމުގައި "ޗުއްޓީ ދަތުރު" ކަނޑުމަތީގައި ކުރުމަށް، ތައްޔާރުކޮށްފައިވާ، ފަސްތަރީގެ ބޮޑު ފުރިހަމަ ރީތި ޔޮޓެކެވެ. ވިޔަފާރީގެ ގޮތުން މިއީ ކާމިޔާބު ނުހަނު ފައިދާ ލިބޭ ކަމެކެވެ. މިޔޮޓް ދުނިޔޭގެ އެކި ދިމަދިމާއަށް މަހަކު އެއް ދަތުރު ކަހަލަ ގޮތަކަށް ކުރާއިރު، މީގައި އަލަށް ކައިވެނި ކޮށްގެން ހަނީމޫން ފާހަގަކުރާ ދެމަފިރިންނާއި، ކައިވެނީގެ އަހަރީ ދުވަސް ފާހަގަ ކުރާ ދެމަފިރިންގެ އިތުރަށް ބައެއް ކަހަލަ ޒުވާނުންވެސް އަދި ތަފާތު އުމުރު ތަކުގެ އެކި މީހުން ދަތުރު ކުރެއެވެ.
"ރޮލެންސް އަށް ޝުކުރު އަދާ ކުރާނެ ގޮތެއް ނޭނގޭ.... އަހަރެންގެ އެންމެ ކޯލަކުން ހުރިހާ ކަމެއް ހަމަޖައްސައިދިނީ ވަރަށް ވެސް ފުރިހަމައަށް...."
އަތުގައި ހުރި ކޮފީތަށި ކައިރީގައި ހުރި މޭޒުމަތީގައި ބަހައްޓަމުން، ދިމާ ކުރިމަތީގައި ހުރި ސޯފާގައި އިން ދެބައި އުމުރުގެ، ހުދު ތުބުޅިއަކާއި ތެދު ނޭފަތެއްގެ ވެރި ފިރިހެންމީހާއާ ދިމާއަށް އެނބުރިލީ ދެވަނަ އެހެން މީހެއް ނޫނެވެ. ކުޑަކޮށް ހިކިފައި ހުއްޓަސް ޝާމިންގެ ސިފައަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނެތެވެ.
"އާނީވެސް ކޮށްދީފައި ހުރީ ބޮޑެތި ކަންތަކޭ.... މި ޔޮޓް މިގޮތަށް ދަތުރު ކުރުމުގެ އެންމެ ބޮޑު އަތެއް ދިން މީހަކީވެސް އާނީ..." ރޮލެންސްކާޓާ އޭނާގެ އަތުގައި އޮތް ވިލާތުގެ އަގުބޮޑު މޮޅު ސުއްޓާ ދިގުކޮށް ދަމާލަމުން ބުނެލިއެވެ.
"އެކަމަކު.... މަށަށް އަދިވެސް ގަބޫލެއް ނުކުރެވޭ.... ޔުއާނާ މަތިން އެހާ ފަސޭހައިން ހަނދާން ނައްތާލައި އެހެން މީހަކާ ކައިވެނި ކުރީ ކިހިނެއް ހަދައިގެންބާވައޭ ވަރަށް ހިތަށް އަރާ...."
"ރޮލެންސް ޑިއަރ.... ލޯތްބަކީ އެކަހަލަ އެއްޗެއް... ޅަފުރާގައި އަހަރެމެން ޑޭޓް ކުރާ ކުއްޖާއަކީ އަސްލު ހިތުގެ އަޑިން އެވާ.... ތަދުވާ ލޯބި... ރިހޭ ލޯބިވާ ކުއްޖާއެއް ނޫނޭ... ޔުއާނާއަކީ އެކަހަލަ ކަމެއް..... އެކަމަކު.... ޝައުފާ..... އެއީ ހަމަ އަސްލުވެސް ޖާދޫއެއް..... ފިނިއަރާމެއް...."
"އެހެންވެއޭ ހައިރާން މިވަނީ.... ނުވިސްނިގެން މިއުޅެނީ ތިކަމޭ... ތިބުނާ ވަރަށް ތަދުވާނެކަން އެނގޭ އިރު ކީއްވެހޭ އާނި މިދަތުރު ތިއައީ... ވައިފްއަށް ނާންގާ... އެކަކަށްވެސް ނާންގާ... ސިއްރުސިއްރުން މީގައި މިދަތުރު އައީ ކީއްވެގެންބަވައޭ ހިތަށް އަރާ.....؟"
"ރޮލެންސް އަކަށް ނުވިސްނޭނެ.... އަހަންނަކަށް އަހަރެންގެ ޝައުއާ ޒުވާބުކޮށް އަރާރުން ނުވެވޭނެ.... އެއީ ހިތަކަށް ފަސޭހަ ކަމެއް ނޫން.... އެކަމަކު ހަމަ އެހެން ވަނީ.... ރުޅި އާދެވެނީ.... އެއްވެސް ކަމަކާ ނުލައި..... ހާދަ ދެރަ ވެއޭ.... ވަރަށް ތަދުވެއޭ.... އެންމެ ފަހުން ހިތަށް އެރީ ޝައުއަށް އެހާ ދެރަ ގޮތް ނަހަދަ އަހަރެން ކުޑަ ދުވަސްކޮޅަކަށް އޭނާއާ ދުރަށް ދާނީއޭ.... އެއްވެސް މީހަކަށް އެނގިއްޖެއްޔާ ވެސް އަހަރެން ގެންދާނެ.... އަދި ދުވަސްކޮޅަކަށް ޝައުއާ ކުރިމަތި ނުލައި މިހެން ދުރުގައި އުޅޭނީ.... އޭރުން ޝައުއަށްވެސް ވިސްނިގެން ބަދަލެއް އަތުވެދާނެ..... އޭނަވެސް ގަސްދުގައެއް ނޫނެ..... މަގޭ ޝަކުވާ ގިނަވެގެން އެފަކީރު މޮޔަވާވަރުވެފައި ހުރީ... އެހެންވެ މަށަށް ވިސްނުނު އެންމެ ރަނގަޅު ގޮތްމީ...."
ޝާމިން ހިތުގެ ވާހަކަ ކިޔައިދިނެވެ. ތެދަށެވެ. އާއެކެވެ. އޭނާ، އޭނާގެ ލޯބިލޯބި އަނބިކަމަނާއާ ދެކޮޅުވެރިވެ މައްސަލަ ޖެހޭކަށް އެހިތަކަށް ކެތެއް ނުވެއެވެ. ގަސްދަކާ ނުލާ ބޭއިހުތިޔާރުގައި ކުރެވޭ ތާކުން ތާކު ނުޖެހޭ ކުދި ކުދި ޒުވާބުތައް ބޮޑެތި އަރާރުންވުމަށް ބަދަލުވާން ފެށުމުން އޭނާގެ ހިތް ހަލާކުވި ކަހަލައެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު އެންމެ ރަނގަޅު ނިންމުމުގައި އޭނާ އަމަލީ ސިފަ ޖެއްސީ، ހަމައެކަނި އެލޮބުވެތި އަނބިކަމަނާއަށްޓަކައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ