މިދިޔަ 24 ގަޑިއިރު ތެރޭ 242 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 96،249 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 97 މީހަކާއި އަތޮޅުތެރެއިން 78 މީހަކާއި ރިސޯޓުތަކުން 66 މީހަކާއި ސަފާރީތަކުން އެކަކު ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 96 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 93،410 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 2،609 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި އިރު ހޮސްޕިޓަލުތަކުގައި 12 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 262 މީހަކު ވަނީ މަރުވެފައެވެ. އެއީ 245 ދިވެހީންނާއި 17 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.