Close
އިސްލާމީ ތާރީޚު

ނަބަވީ ސީރަތާއި އިންސާނީ ނަފުސިއްޔާތު - 5

އަބްދުﷲ ފާރޫގް ހަސަން

(27 ޑިސެމްބަރުގެ އަދަދާ ގުޅޭ)

كـعب بــن زهـيـــر رضى اللّــه عـنــه އެކަލޭގެފާނަށް ކުރީން ކުރެއްވެވިފައިވާ ކުށްފާފަތަކުން ތައުބާވެވަޑައިގެން ނަބަވީ ދަރުބާރަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މަޝްހޫރު ޅެންބައި ބާނަތު ސުޢާދު ހުށަހެޅުއްވިއެވެ. ކައުސާހިބާގެ ތާރީފުގައި ހައްދަވައިފައިވާ ފަންސާސްނުވަ ބައިތުގެ ރަސްމުތުގެ މި ގިލަފަތީގައި ކައުސާހިބާގެ ޙަޤީޤީ މަދަޙައިގެ ބައިތެއްކަމުގައި ޢިލްމުވެރީން ފާހަގަކުރައްވަނީ އެންމެ ބައިތެކެވެ. އެ ޤަޞީދާގެ ތެރެއިން ދިހަޔަކަށްވުރެ ގިނަ ބައިތުގައިވަނީ ޚިޔާލީ ލޯބިވެރިޔެއްގެ ވާހަކައެވެ. ބައެއް ބައިތުގައިވަނީ އަންހެން ޖަމަލެއްގެ ސިފަތައް ބަޔާންކުރައްވައިފައެވެ. ބައެއް ބައިތުގައިވަނީ ޢުޒުރުވެރިވެވަޑައިގެންފައެވެ. "އާދޭހުގެ ދޮރު މޮއްސަވައިފައެވެ. މާފު ލިބިވަޑައިގެންނެވުން އެދިވަޑައިގެން ކައްތިރިބަވަނަމަހާގެ އަރިހަށް ތިރިވެވަޑައިގެންފިއެވެ. މަހަށް ހޯރަ ތިރިވާ ފަދައިންނެވެ. ކިޔަމަންވެވަޑައިގެންނެވިކަން އަންގަވައި ނިޔަނެތިކަން ފާޅުކުރައްވައިފައެވެ." މިވާހަކަތައްވަނީ ތަވާތުރުމަގުން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައެވެ. كـعب بــن زهيــر رضى اللّــه عـنــه ކައުސާހިބާގެ އަރިހަށް މިޤަޞީދާ ހުށަހެޅުއްވީ މަސްޖިދުއްނަބަވީގައި އިންނަވައިގެންނެވެ. ޞަޙާބީންގެ އެތައް ބޭކަލުންނެއްގެ ހާޒިރުގައެވެ. މި ޤަޞީދާގައި ހިމެނޭ އެއްބައިތެއް ވިދާޅުވުމުން އިތުރު ސާހިބާގެ ރިދާކޮޅު كـعب އަށް ހަދިޔާކުރެއްވިއެވެ. އެބައިތަކީ ޚާލިޞް މަދަހައިގެ ބައިތެކެވެ. އާދެ، އެއީ ސާފު ރީތި މަދަޙައިގެ ނަމޫނާ ބައިތެކެވެ. އެބައިތާމެދު ނިހާޔަތަށް އުފާފުޅުކުރެއްވުމާއި އެހެނިހެން ބައިތުތައް ހިމޭންކަމާއެކު އަޑުއައްސަވައިލެއްވުމަކީ އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ޝާޢިރިއްޔަތުގެވެސް ތިލަފަތް ހަމަކުރެއްވިކަމުގެ ހެތްކެކެވެ. (އަޖްމަލް ފާރޫޤު ނަދުވީ)

ގެވެށި މުޢާމަލާތުގެ ނަމޫނާ

إمــــام بخــارى رحـمه اللّــه އެކަލޭގެފާނުގެ ޞަޙީޙުގެ ކިތާބުއްނިކާޙުގައި ލިޔުއްވައިފައިވެއެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم އެއްދުވަހަކު އިންނެވީ އެމާތް ސާހިބާގެ ލޮބުވެތި އަނބިކަނބަލުން أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ގެ ކޮޓަރިކޮޅުގައެވެ. أمّ المـؤمـنــيـن السّـيّدة حـفصـة رضى اللّـه عنـهــا އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ގެ އަރިހަށް ޘަރީދު ބޯތަށިކޮޅެއް ފޮނުއްވިއެވެ. (ޘަރީދަކީ ޢަރަބީންގެ ވަރަށް ޚާއްޞަ ކެއުމެކެވެ.) أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا އެކަމާ ހިތްޕުޅާހަމައެއް ނުކުރެއްވިއެވެ. އަތްޕުޅުން ޖައްސަވައި ބޯތަށިކޮޅު ބިންމައްޗަށް ވައްޓަވައިލެއްވިއެވެ. އެކަމަކު އަޖައިބުވާންޖެހޭކަމަކީ އިތުރު ސާހިބާ އެކަމަކާ ކޯފާއިހެއް ނުކުރައްވައެވެ. عـائـشــة ގެފާނާ ދިމާޔަކަށް ހިތްޕުޅާނުވުމުގެ ބަސްފުޅެއްވެސް ވިދާޅެއް ނުވެއެވެ. އިތުރު ސާހިބާ މަޑުމަޑުން އިންނަވައި ހިނިވަރުނަކުރެއްވިއެވެ. އިތުރު ސާހިބާ ޚިޔާރުކުރެއްވީ ޙިކުމަތާއި މަޞްލަޙަތު އެކުލެވިގެންވާ ގޮތެވެ.

އަންހެނުންގެ ފިޠުރަތުގައި ހުންނަ ކަމެކެވެ. އެމީހުން އެދެނީ އެމީހުންގެ ފިރީން ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ބޮޑަށް އެމީހުންދެކެ ލޯބިވުމެވެ. ފިރިމީހާ އެންމެ ޤަބޫލީ ތިމާއާ ކަމުގައިވުމެވެ. ޚާއްޞަކޮށް ފިރިމީހާގެ އެހެން އަނބީންވެސް ތިބޭކަމުގައިވާނަމަ އަންހެނުންގެ މި ހިއްސާ ވަކީން ތޫނުވެއެވެ. އަނެއްކާ މި މައްސަލަޔާ ގުޅެނީ އާއްމު އެހެން އިންސާނަކާއެއް ނޫނެވެ. މާތް اللّــه ގެ ރަސޫލާ صلّــى اللّــه عليـه وسلّـم އާއެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ އެމާތް ސާހިބާގެ ރުހިވަޑައިގެންނެވުން ލިބުމާއެވެ. އަނެއްކޮޅުން أمّـهــات المــؤمـنــيــن ގެ ތެރެއިން އެންމެ ޅަބޭފުޅަކީ السّـيّدة عـائـشــة رضى اللّـه عنـهــا އެވެ. އެހެންކަމުން އެހެނިހެން أمّـهــات ންނަށްވުރެ މާބޮޑަށް އެކަމަނާއަށް ޖަޒުބާތުގައި ޖެހިވަޑައިގެންނެވެއެވެ. އެވަގުތު އެކަމަނާއާ ދިމާޔަށް ކޯފާގެ ބަސްފުޅެއް ވިދާޅުވުމަކީ އެކަމަނާއަށްވުރެ ބޮޑަށް حـفصـة ދެކެ ލޯބިފުޅުވާކަމުގެ ޚިޔާލުފުޅު ވަރުގަދަވާނެކަމެކެވެ. އެހެންކަމުން އިތުރު ސާހިބާ ބޭނުންފުޅުކުރެއްވީ ޙިކުމަތްތެރިކަމެވެ. މަޞްލަޙަތެވެ.

ޒުވާނުންގެ ފިޠުރަތަށް ރިޢާޔަތްކުރެއްވުން

مسنـد أحمــد ގައި إمــــام أحمــد رحـمه اللّــه، أبــو امــــامــه بـاهـلــى رضى اللّــه عـنــــه ގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އެއްފަހަރަކު ޒުވާނެއް އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ގެ އަރިހަށް ހާޒިރުވެ ދެންނެވިއެވެ. "އޭ މާތް اللّــه ގެ ރަސޫލާއެވެ! އަޅުގަނޑަށް ޒިނޭކުރުމުގެ ހުއްދަ ދެއްވާށެވެ!" އެ ޖުމުލައިގެ އަޑު އިވިވަޑައިގެންނެވުމާއެކު މަޖްލިސުގައި ހާޒިރުވެވަޑައިގެން ތިއްބެވި ޞަޙާބީން ނުހަނު ކަންބޮޑުވެވަޑައިގެންނެވިއެވެ. އެބޭކަލުން ހިތްޕުޅު ހަމަޖެހިވަޑައިނުގެން އެޒުވާނާއާ މޮއްޓަވަން ފެއްޓެވިއެވެ. "ތިޔައީ ކޮންފަދަ ވިޔާނުދާ ކަމެއްހެއްޔެވެ؟ ގޮތްކުޑަ ކަމެއްހެއްޔެވެ؟" އެބޭކަލުން ވިދާޅުވިއެވެ. ނަމަވެސް މާތް اللّــه ގެ ރަސޫލާ صلّــى اللّــه عليـه وسلّـم އެ ޒުވާނާއާ ދިމާޔަށް އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ. އެކަލޭގެފާނުގެ މޫނުފުޅުމަތީން ކޯފާގެ އަސަރެއްވެސް ފާޅެއް ނުވެއެވެ. އިތުރު ސާހިބާ އެޒުވާނާ އަރިހަށް ގެންނަވައި މަޑުމައިތިރިކަމާއެކު ސުވާލުކުރެއްވިއެވެ. "ތިބާގެ މަންމަޔާ މީހަކު ޒިނޭކުރާން ގަބޫލުވާނުހެއްޔެވެ؟" އޭނާ ވަގުތުން ޖަވާބު އެރުވިއެވެ. "ކަލޭގެފާނަށްޓަކައި އަޅުގަނޑުގެ ފުރާނަ ޤުރްބާނެވެ. އެއްގޮތަކަށްވެސް ގަބޫލެއް ނުވާނަމެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. ހަމަތިޔަފަދައިން އެހެންމީހުންވެސް އެބައިމީހުންގެ މައިންނާ މީހުން ޒިނޭކުރާކަށެއް ގަބޫލެއް ނުވާނެއެވެ." އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم އެޒުވާނާގެ އުޚްތުންނާއި، އަންހެން ދަރީންނާއި، ބޮޑުދައިތައިންނާ ގުޅުއްވައިގެންވެސް އެސުވާލު ކުރެއްވިއެވެ. އެޒުވާނާ ކޮންމެފަހަރަކުވެސް ޖަވާބު އެރުވީ ނަފީގެ ގޮތުގައެވެ. އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ހަމަ ތިޔަފަދައިން އެހެންމީހުންވެސް އެބައިމީހުންގެ ގާތްތިމާގެ މީހުނާ މީހަކު ޒިނޭކުރާކަށެއް ގަބޫލެއް ނުވާނެއެވެ." އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ގެ އެވާހަކަފުޅަށްފަހު އެޒުވާނާގެ މޭމަތީގައި އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅު އަޅުއްވައިފައި އޭނާއަށް މަޣުފިރަތު ދެއްވުމަށާއި ޢިއްފަތްތެރިކުރެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ. ރާވީ ވިދާޅުވެފައިވެއެވެ. އެޒުވާނާ އެދުވަހަށްފަހު ޙަރާމް ބެލުމެއްވެސް ބަލައެއްނުލައެވެ.

ވިސްނައިލަމާ ހިންގަވާށެވެ. ޒުވާނަކު ނަބަވީ ދަރުބާރަށް އެ ހާޒިރުވީ ޝަރީޢަތުގައި ވަރަށްބޮޑަށް ޙަރާމް ކުރައްވައިފައިވާ ކަމެއްކުރުމުގެ ހުއްދަ ފަތެއް ހޯދުމަށްޓަކައެވެ. އެކަމަކު ކައުސާހިބާ صلّــى اللّــه عليـه وسلّـم ދެބުމަފުޅު ގޮށެއް ނުޖައްސަވައެވެ. ނިތްކުރިފުޅަކަށެއް ރުލެއް ނާރުއްވައެވެ. ހިމޭނުން އިންނެވީއެވެ. ރުހިވަޑައިނުގެންނެވުމެއް ފާޅެއް ނުކުރައްވައެވެ. އެޒުވާނާ މަޖިލީހަކުން ބޭރެއް ނުކުރައްވައެވެ. މައްސަލައަކީ ޒުވާނެއްގެ މައްސަލަކަމުގައި ވާތީއެވެ. ޝައިޠާނާގެ ކެހިވެރިކަމާއި ހެއްލުންތެރިކަމުގައި ބައެއްފަހަރު ޒުވާނަކަށް އެފަދަ ޚިޔާލެއް ހިތަށް ގެނެވިދާނެތީއެވެ. އެޒުވާނާއަށް އޭނާގެ ނަފުސުގެ މައްޗަށް ބާރުފޯރުވަން އުނދަގޫވީހިނދު އޭނާ އެއައީ އިސްލާމްދީނުގެ ނަބިއްޔާގެ އަރިހުން އިރުޝާދު އެދިގެންނެވެ. އޭނާ އެކުށަށް އަރައިނުގަނެ ނަބަވީ ދަރުބާރަށް ހާޒިރުވިކަމީ އޭނާގެ ފިޠުރަތުގައި ހެޔޮކަން އެކުލެވިފައިވާކަމުގެ ދަލީލެކެވެ. މާތް اللّــه ގެ ރަސޫލާ އޭނާ ފައްސަވައި ދުރަށްލެއްވިނަމަ އޭނާއަށް އެކުށަށް އަރައިގަނެވުމުގެ އެކަށޭނަކަން އޮތެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم ޒުވާނުންގެ ފިޠުރަތު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން އިތުރު ސާހިބާ އެންމެފުރަތަމަ އޭނާއާ ތަފާތު ސުވާލުތަކެއް ކުރައްވައިގެން ޒިނޭކުރުމުގެ ހުތުރުކަމާއި އެކަމުގެ ނުރުހެވޭކަން ވިސްނައިދެއްވީއެވެ. އެއަށްފަހު އޭނާއަށް މަޣުފިރަތު ދެއްވައި ޢިއްފަތްތެރި ކުރެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވީއެވެ.

ޖާހިލުންގެ މިޒާޖާމެދު ޚިޔާލުފުޅު ބެހެއްޓެވުން

أنـس بــن مـالـك رضى اللّـه عـنــه ގެ އަރިހުން ރިވާވެފައިވާ މުއްތަފަޤު ޢަލައިހި ޙަދީޘްފުޅެއްގައިވެއެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ކޮންމެވެސް ތަނަކަށް ވަޑައިގެންނެވި ދުވަހެކެވެ. އެމާތް ސާހިބާ ހުންނެވީ ނަޖުރާނުގެ ޗާދަރެއް ގައިކޮޅުގައި ލައްވައިގެންނެވެ. އެ ޗާދަރުކޮޅުގެ ކައިރިފަށް ވަރަށްހަރެވެ. ކުއްލިޔަކަށް ބަދަވީންގެ މީހެއް އަތުވެއްޖެއެވެ. އެމީހާ އިތުރު ސާހިބާގެ ޗާދަރުކޮޅުގައި ހިފައި ވަރަށްބާރަށް ދަމައިގެންފައި އިތުރު ސާހިބާގެ އަރިހުގައި މުދާކޮޅަކަށްއެދި ދަންނަވައިފިއެވެ. أنـس رضى اللّـه عـنــه ވިދާޅުވެފައިވެއެވެ. އެބަދަވީންގެ މީހާ ޗާދަރުކޮޅުގައި ހިފައި ދަމައިގަތްލެއް ބާރުކަމުން ކަނދުރާފުޅު މެށޭގޮތްވިއެވެ. އެކަމަކުވެސް އިތުރު ސާހިބާ ކޯފާއިހެއް ނުކުރައްވައެވެ. އެބަދަވީންގެ މީހާއަށް މުދާދޭން އަންގަވައި އޭނާގެ މުހުތާދު ފުއްދައިދެއްވިއެވެ.

މި ހާދިސާގެ އެހެން ރިވާޔަތެއްގައިވާގޮތުން ބަދަވީންގެ މީހާ ކައުސާހިބާ صلّــى اللّــه عليـه وسلّـم އާ މުޚާޠަބުކޮށް ދެންނެވިއެވެ. "އޭ محمّد އެވެ! (صلّــى اللّــه عليـه وسلّـم) މާތް اللّــه ދެއްވައިފައިވާ މުދަލުން އަޅުގަނޑުގެ މި ދެ ޖަމަލު ބަރުވަންދެން މުދާ އަރުވައިދެއްވާށެވެ. އޭ محمّد އެވެ! (صلّــى اللّــه عليـه وسلّـم) މި މުދަލަކީ ކަލޭގެފާނުގެވެސް ކަލޭގެފާނުގެ ބައްޕަގެވެސް މުދަލެއްނޫނެވެ." އިތުރު ސާހިބާ އިރުކޮޅަކު މަޑުކޮށްލައްވައިފައި އެބަދަވީންގެ މީހާއާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. "ތެދެކެވެ. މުދަލަކީ اللّــه ދެއްވައިފައިވާ މުދަލެވެ. އަހުރެންނަކީ اللّــه ގެ އަޅަކީމެވެ. އެކަމަކު ކަލޭގެ އަހުރެންނަށް ތިޔަކުރި އިހާނެތިކަމަށް ބަދަލުހިފިދާނެއެވެ." ބަދަވީންގެ މީހާ ދެންނެވިއެވެ. "ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. އެކަމަކު ކަލޭގެފާނު އެފަދައިން ކަންތަކެއް ނުކުރައްވާނޫއެވެ. އެހެނީ ކަލޭގެފާނަކީ މީހަކު ކުރާ ނުބައިކަމަކަށް ނުބައި ބަދަލުދެއްވާ ބޭކަލެއް ނޫނީމުއެވެ." އިތުރު ސާހިބާ ހިނިވަރުނަކުރައްވައިފައި އެމީހާގެ އެއް ޖަމަލަށް ކަދުރު އަނެއް ޖަމަލަށް ގޮދަން އަރުވައިދޭން އެންގެވިއެވެ. (عـبــدالمـــالـك مجـــاهـــــد)

މިބާވަތުން އަޅުގަނޑު މިދަންނަވާ ދެވަނަކަމަކީ ތާރީޚުގައި ވަރަށް މަޝްހޫރު ކަމެކެވެ. إمــــام بخــارى رحـمــــه اللّــه ވެސް ވާނީ އެކަލޭގެފާނުގެ ޞަޙީޙުގައި މިވާހަކަ ގެންނަވައިފައެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم އެއްދުވަހަކު އެކަލޭގެފާނުގެ ޞަޙާބީންނާއެކު މަސްޖިދުއްނަބަވީގައި އިންނަވަނިކޮށް ޖާހިލު އަޢުރާބީއެއް އަތުވެއްޖެއެވެ. އޭނާ މިސްކިތްކޮޅުގެ އެއްފަރާތެއްގައި އިށީނދެ މިސްކިތްކޮޅުގެ ތެރެޔަށް ކުޑަކަމުދާން ފަށައިފިއެވެ. ޞަޙާބީންނަށް އެތަން ފެނިވަޑައިގެންނެވުމުން އެބޭކަލުން އެކަން މަނާކުރައްވަން އަވަސްވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم އެބޭކަލުންނަށް އެކަން މަނާކުރެއްވިއެވެ. އެމީހާ ކުޑަކަމުގޮސް އަވަދިވުމުން އެތަނަށް ފެންއަޅުއްވަން ޞަޙާބީންނަށް އިރުޝާދު ދެއްވިއެވެ.

މި ދެ ހާދިސާއާމެދު ވިސްނައިވަޑައިގަންނަވާށެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم އަކީ އެތަކެއްހާސް ޞަޙާބީން އެމާތް ސާހިބާއަށްޓަކައި ފުރާނަފުޅުތައް ޤުރުބާންކުރެއްވުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ބައްލަވާ ބޭކަލެކެވެ. އެމާތް ސާހިބާގެ އަރިހުން ބޭނުމަކު އެދޭންއައި މީހަކު ކަންތައްކުރީ އިންތިހާދަރަޖައިގެ ނާތަހުޒީބު ގޮތަކަށެވެ. އަދި ކީއްތޯއެވެ؟ ހައްދެއްނެތްފަދަ އިހާނެތިގޮތަކަށެވެ. އެކަމަކުވެސް ކައުސާހިބާ صلّــى اللّــه عليـه وسلّـم އެކަމާ ކޯފާއިހެއް ނުކުރައްވައެވެ.

ދެވަނަ ހާދިސާގައި ޖާހިލު އަޢުރާބީއަކު އިތުރު ސާހިބާ ވަޑައިގެން އިންނަވަނިކޮށް އެމާތް ސާހިބާގެ މިސްކިތްކޮޅަށް ކުޑަގިފިލި ކުރީއެވެ. އިތުރު ސާހިބާ އެކަން މަނާކުރެއްވުމުގެ ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އެކަމަށް ހުރަސްއަޅުއްވާން އުޅުއްވި ބޭކަލުން އެކަންކުރެއްވުންވެސް މަނާކުރެއްވީއެވެ. އެހެނީ އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ޖާހިލު އަޢުރާބީންގެ ނުވިސްނޭކަމާއި އެބައިމީހުންގެ ބަދަވިއްޔަތުގެ ޖާހިލީ މިޒާޖު ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އިތުރު ސާހިބާއަށް އެނގިވަޑައިގަންނަވައެވެ. ކޮންމެ އިންސާނެއްގެވެސް މިޒާޖު ހުންނާނީ އެމީހެއްގެ ފަންތީގެ މީހުނާ އެއްގޮތަކަށެވެ. މުޖުތަމަޢުގައި އެބަޔަކު ހިމެނޭ ގިންތިއެއްގެ ގޮތްފޮތް އެބަޔަކު ދެކޭނީ އެންމެރަނގަޅު ގޮތްކަމުގައެވެ.

ކުޑަކުދީންގެ ނަފްސިއްޔަތަށް ވިސްނައިވަޑައިގެންނެވުން

މުއްތަފަޤު ޢަލައިހި ޙަދީޘްފުޅެއްގައި عـمــر بــن أبــى سلمــة رضى اللّــه عـنــه ޚުދު އެކަލޭގެފާނުގެ ވާހަކައެއް ވިދާޅުވެދެއްވިއެވެ. "އަހަރެން ކުޑައިރު رسـول اللّـه صلّــى اللّـه عليـه وسلّـم ގެ ކުރިފުޅުމަތީގައި އެއްދުވަހަކު ކާންއިނީމެވެ. އަހަރެންގެ އަތް މުޅިތަށީގެ ތެރޭގައި އެނބުރެމުންދިޔައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެތަން ފެނިވަޑައިގެންނެވުމުން ނުހަނު ލޯބިފުޅުން އޯގާވެރިކަމާއެކު ވިދާޅުވިއެވެ. "އޭ ކޮއިފުޅާއެވެ! މާތް اللّـه ގެ އިސްމުފުޅުގެ ބަރަކާތުން ކާންފަށާށެވެ! ކަނާތުން ކާށެވެ! ކޮއިފުޅާ ގާތްފަރާތުން ކާށެވެ!"

ކައުސާހިބާ صلّــى اللّـه عليـه وسلّـم މި ހާދިސާގައިވެސް ވަނީ ކުޑަކުދީންގެ ނަފުސިއްޔާތަށް ސައްތައިންސައްތަ ޚިޔާލުފުޅު ބަހައްޓަވައިފައެވެ. އެންމެފުރަތަމަ ކަމަކަށް އެމާތް ސާހިބާ ވިސްނައިދެއްވީ ނުހަނު އޯގާވެރިކަމާއެކުގައެވެ. އެހައިމެ ލޯބިފުޅުންނެވެ. އިތުރު ސާހިބާއަށް ފެނިވަޑައިގެންނެވީ عـمــر بــن أبــى سلمــة ގެ ފަރީއްކުޅުއްވުމުގެ އެންމެ އުނިކަމެކެވެ. އެކަމަކުވެސް ކައުސާހިބާ صلّــى اللّـه عليـه وسلّـم އެކަލޭގެފާނަށް ކެއުމުގެ އަސާސީ ތިން އަދަބު ދަސްކޮށްދެއްވިއެވެ. عـمــر رضى اللّــه عـنــه އަކީ ތުއްޕުޅު ބޭފުޅަކު ކަމުގައިނުވާނަމަ އެކަލޭގެފާނަށް އެ ޚިލާފުވެވަޑައިގެންނެވުނު އަދަބު ވިސްނައިދެއްވުނީހެވެ. އެކަމަކު އެކަލޭގެފާނަކީ ތުއްޕުޅު ބޭފުޅަކަށްވާތީ ޤިޔާސްކުރެއްވުނީ ފަރީއްކުޅުއްވުމުގެ އަދަބުތައް އަދި ރަނގަޅަށް ދަސްފުޅު ނުވަނީކަމުގައެވެ. އެހެންކަމުން ފަރީއްކުޅުއްވުމުގެ ބައެއް މުހިންމު އެހެނިހެން އަދަބުތައްވެސް ވިދާޅުވެދެއްވީއެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އިންސާނީ ނަފުސިއްޔާތާމެދު ސަމާލުކަން ބެހެއްޓެވީ ކިހައި ފުރިހަމަޔަކަށްކަމުގެ މަލައެއް ބަޔާންކޮށްފައިއެވާ ހާދިސާތަކުން ފެނިވަޑައިގަންނަވާނެކަމުގައި އުންމީދުކުރަމެވެ. ޙަޤީޤަތަށް ދަންނަވާނަމަ މި މައިގަނޑު ނަމަކީ ވަރަށްވެސް ފުޅާ މައިގަނޑު ނަމެކެވެ. މި މައިގަނޑު ނަމަށް ފުރިހަމަޔަށް އިންސާފުކުރުމަށްޓަކައި ފުރިހަމަ ކުތުބުޚާނާއެއް ބޭނުންވާހައިވެސް ފުޅާދާއިރާއެކެވެ.

ނިންމައިލުން

ނަބަވީ ސީރަތާއި އިންސާނީ ނަފުސިއްޔަތުގެ މައުޟޫޢަކީ ވަރަށް މުހިންމު މައިގަނޑު ނަމެކެވެ. އެހެނީ މިޒަމާނުގެ ތަރައްޤީވެފައިވާ ދައުރުގައި ދިރިއުޅޭ އެތައްބަޔެއްގެ އީމާން ބިނާވެފައިވަނީ މި މައިގަނޑު ނަމާ ވަރަށްވެސް ގުޅުންހުރި ގޮތަކަށެވެ. މިހާރަކަށްއައިސް އެތައްބަޔަކު އިސްލާމްދީން ހުށަހަޅަމުންގެންދަނީ މުސްކުޅިވެފައިވާ ދީނެއްގެ ގޮތުގައެވެ. ޚުދު މުސްލިމުންގެ ތެރެއިންވެސް އެތައްބަޔަކުވަނީ ވަރަށްބޮޑު ކުށްހީއެއްގެ ޝިކާރަޔަކަށް ވެފައެވެ. އެފަދަ މީހުންގެ ނަޒަރުގައިވެސް މިހާރުގެ ތަރައްޤީވެފައިވާ ސައިންސީ ދައުރުގައި އިސްލާމްދީނަކަށްވެސް ނަބަވީ ސީރަތަކަށްވެސް އިންސާނުންނާ ފައިހަމަކުރަމުން ކުރިޔަކަށް ނުހިނގޭނެއެވެ. އެހެންކަމުން، މިހާރު ބޭނުންވެފައިވަނީ އަޅުގަނޑުމެން މި މައުޟޫޢަކީ އަޅުގަނޑުމެންގެ ހޯދައިބެލުމުގެ މައިގަނޑު ނަމަކަށް ހެދުމެވެ. އެތައްބަޔަކަށް ހީވެފައިވާ މިކުށްހީ ފިލުވައިދިނުމެވެ. މިބާވަތުގެ ކުށްހީތަކުގެ ސަބަބުން ދޮރު ހުޅުވިގެންދަނީ އައު މުރުތައްދުވުމަކަށެވެ. ނުވަތަ ކޮމިއުނިޒަމަށެވެ. ވިހިވަނަ ޤަރުނުގެ މުސްލިމުންގެ ފަޚުރެއްކަމުގައިވާ ޤާބިލު މުފައްކިރު مــولانـا أبــوالحسـن عـلــى حسـنى نــدوى ވަނީ މިބޮޑު ނުރައްކަލަށް ތައްޔާރުވެގެން ތިބުމަށް އުންމަތަށް ދަޢުވަތު ދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވެއެވެ.

"މިވަގުތު އެންމެއަވަހަށް ކުރާންވީ ކަމަކީ އިސްލާމްދީނުގެ އަސާސްތަކާއި ޢަޤީދާތަކާއި އިސްލާމީ ނިޒާމުގެ ޙަޤީޤަތްތަކާއި މުޙައްމަދީ ރިސާލަތާމެދު އުންމަތުގެ ޒުވާނުންނާއި ތަޢުލީމީ ފަންތީގެ މީހުންގެ އިތުބާރާއި ޔަގީންކަން އަނބުރައި ހޯދުމެވެ. މިދެންނެވި ދެ ފަންވަތުގެ މީހުންގެ އަތުންވަނީ އެކަންކަމުގެ ލަގަން ވީއްލިފައެވެ. މިއަދު ކުރެވޭނެ އެންމެބޮޑު އަޅުކަމަކީ އެ ފިކުރީ ހަލަބޮލިކަމާއި ނަފުސިއްޔާތީ އޮޅުންބޮޅުމުގެ ފަރުވާ ހޯދައިދިނުމެވެ. މިހާރުގެ ތަޢުލީމީ ޒުވާނުންވަނީ އެ އޮޅުންބޮޅުންތަކުގައި ވަރުގަދަޔަކަށް ހައްޔަރުވެފައެވެ. އެބައިމީހުންގެ ޢަޤްލިއްޔަތާއި ޢިލްމިއްޔަތަށް އެކަނި ބަރޯސާވާ ވިސްނުމަށް ޔަގީންކަމާއި ސާބިތުކަން ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ." (ނަޔާޠޫފާން އައުރެ އިސްކާ މުޤާބަލާ، ޞަފްޙާ: 26)

ޚުލާޞާކޮށް ދަންނަވާނަމަ މިއީ މިވަގުތު އިސްލާމީ އުންމަތަށް އެންމެބޮޑަށް ބޭނުންވެފައިވާ މައުޟޫޢެވެ. އަޅުގަނޑުމެންގެ މިއަދުގެ ތަޢުލީމީ ފަންތިއަށާއި އަންނަނިވި ނަސްލުތަކަށް އިސްލާމްދީން ޙިމާޔަތްކުރުމުގެ އެކަށޭނަކަން ލިބޭނީ އޭރުންނެވެ. އަރަހުށި މާތް اللّــه އަޅުގަނޑުމެންނަށްޓަކައި ރީތި ނަމޫނާއެއްކަމުގައި ލައްވައިފައިވާ ސާހިބާއަށް ކިތަންމެ ތަރައްޤީވެފައިވާ ދައުރެއްގައިވެސް އަޅުގަނޑުމެންނަށް މަގުދެއްކެވޭނެކަމުގެ ޔަގީންކަން ލިބޭނީ އޭރުންނެވެ. އެމާތް ސާހިބާގެ ސީރަތު އެއްވެސްކަމެއްގައި އިންސާނީ ނަފުސިއްޔަތާ ވަޑިފަތިވެފައިނުވާކަން ކަށަވަރުވާނީ އޭރުންނެވެ. (އަޖުމަލް ފާރޫޤު ނަދުވީ)

(ނިމުނީ)